"ދުނިޔޭގެ އުފަލާއި ނިއުމަތްތަށް ހޯދަން އާޚިރަތް ވިއްކާނުލާށެވެ."

***

"އޭ. ސަމާސާއަކަށޭ އެހެން ބުނީ. ކާއީވެސް ދެން ސީރިއަސްވީވަރެއް..."ސައިރަސް ހީގަތެވެ.

"ސިކްރެޓްލީ މެރީނުކުރެވޭނެތަ؟ މިސްކިތަށްގޮސްފައި..."

"އަހަރެން އެހާ ގަބޫލުކުރާ އެއްޗެއްނޫން. ތެދަށް ބުނަންޏާ ލޯބިވާ ދެމީހުންނަށް އެކީ އުޅެން ކޮންމެހެން ސެޓްފިކެޓެއް ބޭނުމެއްނޫން..."

ކާއިނާތުގެ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނެވެ. ސައިރަސްދެކެ ވާ ލޯބިން މޮޔަވެފައި ހުއްޓަސް އަދި އޭނަގެ ކޮންމެ ވާހަކައަކުން ކާއިނާތުގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އެ ވަގުތުކޮޅު ދެނެގަނެވުނެވެ.

"ސެޓްފިކެޓް ބޭނުން ނުވިޔަސް ދީނުގައި އޮންނަގޮތަކީ އެއީ...."

"ކާއީ. ކިތައް ފަހަރު ބުނާނީ އަހަރެމެންގެ ލޯބީގެ ދޭތެރެއަށް ދީން ނުވައްދާށޭ. އަހަރެންވެސް ލޯބިވާތީ މައިންބަފައިންގެ ބްލެސިން ނެތި ކާއީ ޗޫޒްކޮށް އެކީ މިއުޅެނީ. މިވެސް ސެކްރިފައިސްއެއް...ޕްލީޒް ކައީ..." ސައިރަސްގެ ބެލުމުން ކާއިނާތުގެ ބަސްހުއްޓުނެވެ. އެބުނާހެން ގުރުބާނީއާއި ލޯތްބަކީ ދެފަރާތުންވެސް ވެވެންޖެހޭނެ އެއްޗެކެވެ.

"އެންމެ ރަގަޅު..."

ކޮންމެގޮތެއްވިޔަސް ސައިރަސްގެ މުއްސަދިކަމާއި ތަނަވަސް ދިރިއުޅުން ކާއިނާތުގެ ލޮލަށް އެޅިފައިވާ ފަރުދާއަކަށްވިއެވެ. ކޮންމެފަދަ މަޖުބޫރީތަކާއެކުވެސް އޭނަގެ އަޒުމަކީ ސައިރަސްއާއެކު ދިރިއުޅުމެވެ.

***

ހާޖަރު ހޮސްޕިޓަލަށް ގެންގޮސް ފިޒިއޯތެރަޕީ ނަގަންފެށުމުން ކުރިއަށްވުރެ ހާލަތު ރަގަޅުވިއެވެ. އަތާއި ފައިގެ ހަރަކާތްތައްވެސް ކުރިއާ ބަލާއިރު ބޮޑުތަން ރަގަޅެވެ. ރަގަޅު ގައުމަކަށް ބޭސްކުރުވަން އާދެވުމުގެ ހިތްހަމަޖެހުން ލިބުނަސް ފިނީގެ އުދަގޫތައް ބޮޑުކަމުން ގެއިން ބޭރަށް ނުކުންނަންވެސް އޭނައަށް އުދަގުލެވެ. ފިނިމޫސުމްގައި އަޅާ ހެދުންތަކުގެ ހިމާޔަތްލިބުނަސް ކެތްނުކުރެވި ޝަކުވާކުރެއެވެ. ރަށުން ލިބޭ ކާއެއްޗެހި ނެތުމުން ކެއުމުގެ ފޯރިއެއްވެސް ނެތެވެ. ހާޖަރު ކާރުން ބާލާ ފުރޮޅިލީގޮނޑިއަށް އަރަން މޭރީ އެހީތެރިވެދިނެވެ. ކާރުގެ ތެރޭ ހީފިލާފައި އިނަސް ފޭބުމާއެކު ފެބްރުއަރީގެ ގަދަ ފިނިކަން އޭނަގެ މޫނުވެސް ތޮރުފައިލިފަދަ އިހުސާސެއް ކުރެވުނެވެ. ވަށައިގެން ފެންނަން އޮތީ ވިރެމުންދާ ސްނޯތަކެވެ.

"ކާއިނާތު ކޮބައިތަ؟"

"އޭނަވީ މިސްޓަރ ސައިރަސްއާއެކު...ކާއިނަތު އޭނައާއި ހެދި މޮޔަވެގެން ނިދަނީވެސް އެކޮޓަރީގައި. އޭނަގެ މަކަރުވެރިކަމުން މައުސޫމް މަންމައަށް އޮޅުވާލައިގެން ދޯ އުޅެނީ..އެދެމީހުންވެސް ކޮޓަރީގައި ބައިބަލް ކިޔާކަށް ނޫން ދޯ ތިބޭނީ..................."މޭރީ ބުނެލީ އިނގިރޭސިންނެވެ.

"ދިވެހިން ވާހަކަދައްކަން ދަސްކޮށްބަލަ މާރިޔަތު...." ހާޖަރު އަށް މޭރީ ބުނެލި އެއްޗެއް މުޅިއަކުން ސިކުނޑިއަށް ނަގައިނުގަނެވުނަސް "ސައިރަސް"އަކީ ކާކުކަން ދެެނެގަނެވުމުން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ. އޭނަގެ ޟަމީރު ބުނާގޮތުން ކާއިނާތުއަށް ލިބިފައިވާ މުއްސަދިކަމަކީ ފިރިހެނެއްގެ ފަރާތުން ލިބުނު ނިއުމަތެކެވެ.

ކޮޓަރިއަށް ވަދެފައިވެސް ހާޖަރުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މޭރީ ކާން ގެނައުމުން އިންކާރުކުރިއެވެ.

"މަށަށް ކިހިނެއް އެނގެނީ ކަލޭ މިއަށް އޫރުމަހައި ރާ ނާޅާކަމެއް. ކާފަރުން ތައްޔާރުކުރާ ހަރާމް ކާ އެއްޗެހި ނުކާނަން......" ހާޖަރު ތަށިތައް ދުރަށް ޖައްސައިލިގޮތުން ތަބަކުގެ ތެރެއަށްވެސް ވެރުނެވެ."މި ގެންދޭ....."

"ސްޓަބްންކަމުން ހިތަށް އަރާ ހަމަ މޫނު ފަޅައިގެން ދާހާ ބާރަށް ޖަހާފާނަމޭ. މަށަށް ދެން ކިހާ ބޮޑު އުދަގުލެއް؟ ކާންދިނީމަ ކެއީމަ ކިހާ ބޮލަށް ފަސޭހަވާނެ. މިވަރުގެ ޕޭޝަންޓަކާއި އަދި ދިމަލެއްނުވޭ.." މޭރީގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުމާއެކު އޭނަގެ ދީނީ ފޮތް ނަގައިގެންގޮސް އެއްފަރާތުގައި އިށީނެވެ.

"މާރިޔަތު...."

"އޭނ؟ މަގޭ ނަމަކީ މާރިޔަތުއެއްނޫން މޭރީ...އޯކޭ؟ މައި ނޭމް އިޒް މޭރީ..."

"ކަލޭ ތިކިޔަވާ އިންޖީލާއި ތައުރާތު އޮތީ ބަދަލުކޮށްފައި ކަމެއް ނޭގޭތަ؟ ތިއަކުން ކުރާނެ ފައިދާއެއްނެތް.. ކަލޭ މުސްލިމް ނުވެއްޖެއްޔާ ޖަހަންނަމުގެ ދަރުގަނޑަކަށްވެ އަނދަ އަނދާ އޮންނަން ޖެހޭނީ. ފައިދާއެއް ކުރާނީ އަހަރެމެން މިތިބަ މާތް އިސްލާމްދީނަށްވަދެ ހެޔޮ މަގުގައި އުޅުނިއްޔާ......" ހާޖަރު ދެއްކި ވާހަކައިން މޭރީއަށްވެސް ނަގައިގަނެވުނީ "މުސްލިމް" އެލަފުޒެވެ.

"ދައިތަ ނުބުންޏަސް ކަލެއަކީ މުސްލިމެއްކަން އެނގޭ. ކަލޭމެން މުސްލިމުންނަކީ ވަރަށް ނުބައި ބަޔެއް. ޓެރަރިސްޓުން. ކަލޭމެން ދުނިޔޭގެ ހުރިހާތަނެއްގައި ހަގުރާމަ އުފައްދަނީ. އަހަރެންވެސް މި މަސައްކަތްކުރަނީ މަޖުބޫރީ ހާލަތުގައި ފައިސާ ބޭނުންވާތީ. އެހެންނޫންނަމަ މުސްލިމުންނަށް އެހީތެރިކަން ބާއްވާހިތެއްނެތް. ސަބަބަކީ ކަލޭ މަ މިހާ ރަގަޅަށް ކަންކުރާއިރުވެސް އެކަމަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އަބަދު ޝަކުވާކުރުމާއި އެއްޗެހި ކިޔުން ނޫންކަމެއް ނުކުރާތީ. ކަލޭގެ ބަހުރުވަ ނޭގުނަސް ބޮޑީ ލެންގުއޭޖުން މަށަށް އެވަރު އެނގެއޭ ދައިތާ......" މޭރީ ދަތްތަކަށް ބާރުލާފައި ކުޑަކޮށް ލޯ ވެސް އަޅާލައިފިއެވެ.

"ކަލޭގެ ސާހިބުމީހާގެ ކައިރިއަށް އަހަރެން ގެންގޮސްދީފާނަންތަ؟"

"ވަޓް؟"

"މިތަނުން ދުރަށްގޮސް ކުޑަ ކަކުނި ވަޅަކަށް ވަދެ އޮވެ މަރުވާންވީނު...." ހާޖަރު ރުޅިގަދަވެގެން އަމިއްލައަށް ގޮނޑި ދުއްވަން މަސައްކަތްކުރިއެވެ. ނަމަވެސް ގޮނޑީގެ ދުއްވާ ބައި ތަޅުލާފައި އިނުމުން ނާކާމިޔާބުވިއެވެ.

"މަގޭ ޕްރިޒްނާއަކަށް ތިހެން ސަލާމަތެއް ނުވެވޭނެ. މީހަކަށް ވީގޮތެއްވެސް އަންގާނުލާ މަރައިލާނީ..ކަލޭ އަނގަ މަޑުން ލައިގެން އިނދޭ.."

ދެމީހުން އަމިއްލަ ބަހުރުވައިން ވާހަކަދައްކަމުން ދިޔައެވެ.

***

ކާއިނާތު ޖައްވީހެދުމެއް ލައްވާފައި ފޮޓޯޝޫޓެއް ހެދިއެވެ. ކާއިނާތުއަށް ފަހުން އެނގުނީ އެއީ އެމީހުން ހަނދަށް ދިޔަކަމަށް ދައްކަން ނެގި ފޮޓޯތަކެއްކަމެވެ. ހަނދުގެ ފަށަލައާއި އެއްގޮތަށް ހަދާފައިވާ ހިސާބެއްގައި އެމީހުން އެ މަންޒަރުތައް ނެގުމަށްފަހު ހަނދަށް ދިޔުމުގެ ޕްރޮގްރާމް ފުރިހަމަކޮށްލީއެވެ. ސައިރަސް ހެމުން ބުނީ އެމެރިކާ މީހުން ކުރިންވެސް ހަނދަށޭ ކިޔާފައި މިގޮތަށް ފޮޓޯތަކެއް ނެގީކަމުގައެވެ. އޭނަގެ މިޝަންއަކީ ނާސާއާއި އެގޮތަށް ވާދަކޮށް ހަނދަށް ދިޔަކަން އިއުލާންކުރުމެވެ. މިގޮތަށް "ފޭކް"ކޮށް ހަނދުގައި ހިނގައިލެވުމުން ކާއިނާތުއަށް ލިބެންވީ އުފަލެއް ނުލިބުނެވެ. އޭނަގެ ހުވަފެނަކީ ސައިރަސްއާއެކު ހަނދުގައި ހިނގުމެވެ. ދެމީހުން އެކަނި ހަނދުގައި ހިނގައިލާފައި ދުނިޔެއަށް އެ މަންޒަރު ދެއްކުމެވެ. ސައިރަސް ބުނީ އަދި ޖައްވަށް ދިޔުމުގެ ތަމްރީނުތައް ވަރަށް އަވަހަށް ފުރިހަމަކުރާނެކަމުގައެވެ.

ސައިރަސްގެ ގޭގެ ޓެރެސްގައި ހުންނަ ބޮޑުސިންގާ ދުރުމީއިން ތަރިތަކާއި ހަނދުތައް އަދި ފަލަކީ ނިޒާމްގެ އެތައް ހިސާބެއް ބަލަން ކާއިނާތުއަށް ހުރެވެނީ ފޫހިކަމެއްނެތިއެވެ. އޭނަ މިއުޅެނީ ހިލޭ ފިރިހެނެއްގެ ގާތުގައި ކަމާއި މަންމަ އެގޭގައި އުޅޭކަންވެސް ހަނދާން ނައްތާލައިފިއެވެ.

ދެތިން ދުވަސްފަހުން އޭނަ ހާޖަރު އުޅޭ ބަޔަށް އައުމުން މަންމަ ޝަކުވާކުރިއެވެ."ކާއިނާތު......ހެޔޮނުވާނެ. މަންމަ ރާއްޖެއަށް ފޮނުވަދީ.....އާދޭސްކޮށްފައި މިބުނަނީ...."

"އެހާ ފޫހި ވަސީލަތްތައް މަދު ގައުމެއްގައި މަންމަ ކީއްކުރާނީ؟ މަންމަ ބަލާނީ ކާކުތަ؟" ކާއިނާތު އޭނަގެ މަންމަގެ ގާތުގައި އެނދުގައި އިށީނެވެ.

"މާރިޔަތުގެ ކާފަރުކަން ބޮޑުކަމުން މިތަނުގައި މަންމައަށް ނަމާދުކުރެވޭކަމަކަށް ނުވޭ. ވުޟޫކުރަން ފާޚާނާއަށް ގެންދަން ބުންޏަސް ގެންދަނީއެއްނޫން. މުޅިތާގައި ސޮލީބާއި އިންޖީލާއި އެއްޗެހި މިހިރީ. މިއީ ކޮޓަރިއެއްތަ؟ ނޫނީ ބުދުކޯލެއްތަ؟ ނޫން ކާއިނާތު. ހަމަމިހާރު އަހަރެން ރަށަށް ފޮނުވާ. މިތާކު ނުހުރެވޭނެ...."

"މަންމާ އަހަރެން މިހިރީ ޓްރޭނިންއެއްގައި ދިގު މުއްދަތަކަށް މިކޮޅުގައި ހުންނަން ޖެހޭ. މަންމަ އެކޮޅަށް ފޮނުވައިފިއްޔާ ބަލާނީ ކާކުތަ؟"

"އަހަރެން އަމިއްލަަށް އުޅެވިދާނެ. މިތަނުގައި ހުރެއްޖެއްޔާ ބޯ ހަލާކުވާނެ..."

"އެންމެ ރަގަޅު. ތިކަން އެބަބަލަން.."

އިރުކޮޅެއްނުވަނީސް މޭރީ ފާޚާނާއިން ނުކުތެވެ. ކާއިނާތު ގާތު ބުނީ ހާޖަރު ރަގަޅަށް ނުކައި ތިންދުވަސް ވެއްޖެކަމަށެވެ. ކާ އެއްޗެހި ނުކާން އިންކާރުކުރާ ސަބަބެއް ނޭގޭކަމުގައި އޭނަ ބުނުމުން ކާއިނާތު ސުވާލުކުރިއެވެ.

"ތިއަށްވުރެ ޒައްގޫމްވެސް މާ ރަގަޅުވާނެ. އޫރުމަހާއި ހަރާމް އެއްޗެހި އަޅާފައި ހުންނަ ކާފަރުންގެ ކެއުން މަށެއްނުކާނަން...."

"މަންމަ ޑިފިކަލްޓްކަން ދޯ..."ކާއިނާތު ހިތްހަމަނުޖެހޭގޮތްވިއެވެ. އޭނަގެ ހުރިހާ ހުވަފެންތަކަށް މަންމަގެ ސަބަބުން ނިމުން ގެނެވޭކަށް ނެތެވެ.

"ކާއިނާތު...ސައިރަސްއާއިއެކުގައި ތިއުޅެނީ؟"

"ނޫން. އަހަރެން އުޅެނީ ވަކިން. ސައިރަސްއަކީ މަގޭ ބޮސް އޭ މަންމާ...."

"އަހަންނާއިއެކު ކާއިނާތުވެސް ރާއްޖެ ދާން ޖެހޭނެ...."

"ސޮރީ މަންމާ. ތިކަން ކުރެވެން ނެތް. މަންމަ ބުނާގޮތަށް ހަދައިގެން އެތައް އަހަރެއްވާންދެން ހުރެވިއްޖެ. މިހާރު އަހަރެން އުފަލުގައި އުޅެވުނަދީ. މަގޭޭ ޑްރީމްތައްވަނީ ރާއްޖެއަކު ނޫން....................."

ކާއިނާތު އިތުރަށް ޒުވާބުނުކުރަން ނިންމާފައި އެތަނުން ނިކުތެވެ. މަންމައަށް އޭނަގެ އިހުސާސްތައް ދެނެގަތުމުގައި ނުކުޅެދެނީ ބަލީގެ ގޮތުން ކަމަށް ވެދާނެއެވެ. އެފަދަ ހާލަތްތަކުގައި އޭނަގެ ދިރިއުޅުމުގެ ކަންތައް ނިންމަން ޖެހޭނީ އަމިއްލައަށެވެ.

***

ސައިރަސް އެދުނީ ހާޖަރުއާއެކު މޭރީވެސް ރާއްޖެއަށް ފޮނުވައިލުމަށެވެ. އޭރުން މަންމަ އެކަނި އުޅެން ޖެހުމުން ކާއިނާތުކުރަން ޖެހޭނެ ފިކުރެއްނެތެވެ. މޭރީއަށް އެކަން އެނގުމުން އުފާވީ ރާއްޖެއަށް ދެވޭތީއެވެ. ރާއްޖެއާއި ބެހޭ ޚަބަރުތައް އިވޭވަރުން އޭނަ ހުންނަނީ ދުނިޔެމަތީގެ ސުވަރުގެއޭ އެކިޔާ ޖަޒީރާ ގައުމުދެކޭހިތުން ކެތްނުލަވާފައެވެ. އެތަނަށްގޮސް އޭނައަށް ހާޖަރު ކޮންޓްރޯލްކުރެވޭނެއެވެ. މިތާގައި ކެމެރާތަކާއިހެދި އެކަން ކުރުމުގެ ފުރުސަތު ނުލިބެނީއެވެ.

ރާއްޖެ ފޮނުވައިލަން އުޅޭކަން އެނގުމުން ހާޖަރު އޭނަގެ ދަރިފުޅު ގާތުގައި އާދޭސްކޮށްފައި އެދުނީ ކާއިނާތު އޭނައާއެކު އައުމަށެވެ. ބީރައްޓެހި ގައުމެއްގައި ހިލޭ ފިރިހެނެއްގެ ގާތުގައި ދަރިފުޅު ބަހައްޓަން ހިތްއެދޭނީ ކޮން މަޔަކުހެއްޔެވެ؟ ހާޖަރުގެ ކަރުނަތައް ފެނުމުން ކާއިނާތުވެސް ދެރަވިއެވެ. އޭނަގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

"މަންމާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން. މަންމަ ދެރަނުވޭ. މި ތަމްރީނުތައް ނިމި އެންމެ ފަހަރަކު ޖައްވަށްގޮސްފައި ދެން މަންމަ ގެ ގާތުގައި ހުންނާނީ....މަންމަ ހާސްނުވޭ. ދުޢާކުރައްޗޭ. ހުރިހާކަމެއް ރަގަޅުވާނެ.."

"މީނަވެސް މަންމައާއެކު ދަނީތަ؟" ބުރަކަށީގައި ދަބަސް އަޅުވައިގެން ލަގެޖް ދަމަމުން އައި މޭރީ ފެނުމުން ހާޖަރު ލޯ ބޮޑުކޮށްލިއެވެ.

"މަންމައަށް އެހީތެރިވެދޭނެ ނަރުހަކު ހުންނަން ޖެހޭނެކަމަށް ގަބޫލުކުރެވޭތީ. މަންމަ މުޅިން އޯކޭވީމަ އޭނަ ގޮސްދާނެ..."

ހާޖަރު އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. ކާއިނާތު އޭނަގެ މަންމަގެ ގައިގާ ބައްދައިލިއެވެ. ހިތުން ކަރުނަ އެޅި ނަމަވެސް މުސްތަގުބަލަށްޓަކާ މި ފިޔަވަޅު އަޅަން އޭނައަށް މަޖުބޫރުވީކަމުގައި އަމިއްލަ ޟަމީރު ވިސްނައިދިނެވެ.

"މަންމަ ރުޅި ނާންނައްޗޭ..މަންމައާއި އަހަންނަށްވެސް ރަގަޅީ މިގޮތަށް ކަންތައް ކުރުން. ދިރިއުޅުން އުފާވެރިކުރެވޭނީ ގުރުބާނީތައް ވެގެން.."

"ހޫމް....." ހާޖަރު ގެ ބަސް މަދެވެ.

"ވަރަށް އަވަހަށް އަންނާނަން އިނގޭ މަންމާ..." ކާއިނާތު މަންމަގެ އަތުގައި ހިފައިލިޔަސް ބީހެވުނީ އަތަށް އަރުވާފައި ހުރި އަންގީގައެވެ. މަންމަ އޭނަގެ އަތަށް ކުޑަކޮށް ފިތައިލިކަމުގެ އިހުސާސްކުރެވުނެވެ.

***

ހާޖަރު ފުރުވާފައި އައުމަށްފަހު ކާއިނާތު ހުރިހާކަމެއް ހަނދާން ނައްތާލާފައި ސައިރަސްއާއެކު ހަޔާތުގެ އާ ބާބުގައި ރީތި ކުލަތައް ޖައްސަންފެށިއެވެ. އޭނަގެ ހުވަފެންތައް ހަގީގަތަކަށްވާތަން ފެނި އުފަލުން ހިތްފުރޭވަރުވިއެވެ. ދިރިއުޅުމުގެ ހުރިހާ ބައިތައް އެންމެ ފުރިހަމައެއްނުވާނެއެވެ. ސައިރަސް މުސްލިމަކަށްވިނަމަ ހުރިހާ ކަމެއް ފުރިހަމަވީއެވެ. ސައިރަސްއާއެކު އެބޮޑު ގަނޑުވަރުގައި އުފާވެރިކަމުން ފުރިފައިވާ ސަފުހާތައް ލިޔަމުން ފަލަކީ އިލްމު ހޯދަމުން ތަރިތަކުގެ ދުނިޔޭގައި އުޅެމުން ދިޔައިރު މަންމަގެ މަތިން ހަދާނެއް ނުހުރެއެވެ. މަންމައަށް ފޯނުކޮށްލަން ވަގުތެއްވަނީ ހަފްތާއަކު އެއްދުވަހުއެވެ. އެވެސް ކުޑަ އިރުކޮޅަކަށެވެ. ސަބަބަކީ މަންމަގެ ފަރާތުން މޭރީގެ ޝަކުވާތައް އަންނަވަރުންނެވެ. މޭރީ ކާން ނުދޭ ވާހަކައެވެ. އަނިޔާކުރާ ވާހަކައެވެ. މޭރީއަށް ގުޅުމުން ބުނީ ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑި ކޮންމެވެސް ވަރަކަށް ސަކަރާތްވުމުން މަންމަ އެގޮތަށް ވާހަކަދައްކަނީ ކަމުގައެވެ. ކާއިނާތުއަށް ބުރަވެވުނީ މޭރީގެ ކޮޅަށެވެ. މޭރީގެ އަނދިރިފަރާތް އޭނައަށް ހާމަވެފައެއްނެތެވެ.

***

ސައިރަސްގެ މަންމަ ކާއިނާތުއާއި ބެހޭގޮތުން ސުވާލުކުރަން ފެށުމުން އޭނަގެ ބޮލުގެ ރިހުމަކަށްވިއެވެ. މަންމަ އަހަނީ އެއީ މުސްލިމެއްތޯއެވެ. މުސްލިމަކަށް ވެއްޖެއްޔާ މަންމަގެ ރުހުން ދުވަހަކުވެސް ނުލިބޭނެކަމުގައެވެ. ސައިރަސްއަށް ޖެހުނީ އޭނަގެ މަންމަވެސް ރުއްސާށެވެ. ކާއިނާތުއާއި އެވާހަކަ ދެއްކުމުން ކާއިނާތުގެ ހިތަށް ނުބައިގޮތެއްވިއެވެ.

"ސައިރަސް. އަހަރެން ކިހިނެއް އެހެން ދީނަކަށް ވަންނާނީ؟"

"ހަމައެކަނި ބޭރުފުށުން ޑާލިން. ހިތް ރަގަޅަށް އޮތިއްޔާ ގޯޑް ކެން އަންޑަސްޓޭންޑް. އަހަންނާއެކު އުޅެން ކާއީ ބޭނުމިއްޔާ އަހަރެންވެސް މަންމަ ރުއްސަން އެބަޖެހޭ. ސޯ މަންމަ ހިތް ހަމަޖައްސަން ކްރިސްޓިއަން ދީން ގަބޫލުކުރަމޭ ބުނުމަކީ ގޯހެއްނޫން......"

"ނުކެރޭނެ. ސައިރަސް...."

"ޕްލީޒް ޑާލިން....އައި ބެގް ޔޫ......ހަމަ އެކަނި އެ ޖުމްލަ....ހިތުގައި ޔަގީންކަން އޮތިއްޔާ މީހެއްގެ އަގީދާ ނުގެއްލޭނެ. މިސާލަކަށް އަހަރެން ބުނެފާނަން. އަހަންނަކީ މުސްލިމެއް..................."ސައިރަސް ކާއިނާތުގެ ލޮލަށް ބަލަން އިނީ އާދޭހުގެ ނަޒަރަކުންނެވެ."ލުކް ޑާލިން. އަހަރެން އެބަޖެހޭ ދޯ މަންމަވެސް ރުއްސަން. ހަމައެކަނި މަގޭ ގާލްދެކެ ލޯބިވެއޭ ކިޔާފައި ހަޔާތުން މަންމަވެސް އެއްލައެއް ނުލެވޭނެ. މަންމައަކީ އަހަންނަށް ވަރަށް ސްޕެޝަލް ޕާސަންއެއް. ކާއީ ބުނެބަލަ. އަހަންނަށްޓަކާ މިވަރުގެ ކުޑަކަމެއް ކޮށްނުދެވޭނެތަ؟އެންމެ ޖުމްލައެއް......"

ކާއިނާތުގެ ހަޔާތުގެ އެންމެ މުހިއްމު ސުވާލު އޭނައާއި ކުރިމަތިވިއެވެ.

ނުނިމޭ