16 Apr 2012, 16:34
އާޓިފިޝަލްބީޗް ފުޑް ކޯޓު ތަކުގެ ތެރެއިން ތިމަރަފުށީ މުހަންމަދު މުސްތޮފާގެ މިސްޓަ ޗިކޯ ހިންގި ފުޑް ކޯޓާއި އެ ސަރަހައްދުގެ އިތުރު ތަނެއް 10 އަހަރު ދުވަހަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދީފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އައިމަން އިސްމާއީލް މިއަދު ވިދާޅުވީ ޗިކޯ ރެސްޓޯރަންޓް ހިންގި ފުޑް ކޯޓާއި އެތަނާ ޖެހިގެން ހުންނަ ތަންދޫރު ހިންގި ފުޑް ކޯޓު އެހެން ދެ ކުންފުންޏަކަށް ކުއްޔަށް ދިނީ އިއުލާން ކުރުމުން އެންމެ ބޮޑު އަގެއް ހުށަހެޅި ދެފަރާތަށް ކަމަށެވެ. އަދި އެ ދެފަރާތައް ކުއްޔަށް ދިނީ 10 އަހަރު ދުވަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗިކޯ ރެސްޓޯރަންޓް ކުއްޔަށް ދޫކުރީ އައިރިން އެންޓަޕްރައިސަސް އަށް މަހަކު 104،500ރ. ކަމަށް އައިމަން ވިދާޅުވި އެވެ. އަދި ކުރީގެ ތަންދޫރު ކުއްޔަށް ދިނީ ފްރީމޮސް ގްރޫޕަށް 89،000ރ. އަށްކަމަށްވެސް ވިދާޅުވި އެވެ.
"ތަންދޫރާ އެކު ކޮންޓްރެކްޓް ކުރެވި އެ މަސައްކަތް ވެސް ކުރިއަށް އެދަނީ. އަޅުގަނޑުމެނެއް ނޫން އަގު ކަޑައަޅަނީ، ކުރި މަތިލީ ފަރާތްތަކުން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް މިދެނީ. އަދި އެމީހުންގެ އެތަން ތަރައްގީ ކުރާނެ ގޮތާއި އަދިވެސް އެހެން ކަންތައްތަކަށް އަޅުގަނޑުމެން ބެލިން،" އައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗިކޯ ރެސްޓޯރަންޓްގެ ބީލަން ކާމިޔާބު ކުރި ފަރާތާ އެކު އެގްރިމަންޓް ނުކުރެވިގެން އުޅެނީ އެގްރިމަންޓުގެ ކުރިން ނިންމަން ހުރި ބައެއް ކަންތައްތައް އަދިވެސް ނުނިމި ހުރުމުން ކަމަށާއި ޗިކޯ ރެސްޓޯރަންޓް ހިންގާ ބިން ހުސްކޮށް ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
މުސްތޮފާގެ މިސްޓާ ޗިކޯއިން ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެތަނުން ލިބެންޖެހޭ ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓަށްވެސް ގޮސްފަ އެވެ. އަދި ފުޑް ކުލަބުން ސަރުކާރަށް 6.5 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ. އެތަން ހޯދުމަށް ސަރުކާރުންވެސް އަދި ސިޓީ ކައުންސިލުންވެސް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފަ އެވެ.
ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ ތިން ފުޑްކޯޓެއް ކުއްޔަށް ދޫކުރުމަށެވެ.