"ދުނިޔޭގެ އުފާތަކަށްވުރެ އިސްކަން ދޭންވާނީ އާޚިރަތަށެވެ. ދާއިމީ މަންޒިލަކީ ދުނިޔެއެއް ނޫނެވެ."

***

"ހާސްނުވާށޭ ބުންޏަސް މި ފްރިޖްގެ ދޮރުތައް ތަޅުލާ ބަންދުކޮށްލީމަ މީހާ ގަނޑުވާނީނު...ނޭވާވެސް ނުހިނގާ....."ހާޖަރު ހިތްހަމަނުޖެހޭގޮތްވިއެވެ. "ކާއިނާތުއާއި ވާހަކަދައްކަން އިން ދޮންމީހާއަކީ މަންމަގެ ޑޮކްޓަރުތަ؟ ދޮން މީހުންނަށް މަންމަ އިތުބާރެއްނުކުރަން. ފަރަންޖީން މުސްލިމުންނަށް ހެވެއްނޭދޭނެ...."

"މަންމައަށް ފިނިވަނީއޭ ދޯ. ކާއީ ބްލެންކެޓެއް އަޅާދީބަލަ. މަންމަ ކެހެރި ކޯޓެއްވެސް ލައްވާ. އެކޮޅަށް ފިނިމޫސުމްވީމަ މަންމަ އަދި ވަކިން ރުޅިގަދަވާނެ. ފިންޏަށް ހޭނެން ދުވަސްނަގާފާނެ. މަށަށްވެސް ރާއްޖެ އެންމެ ކަމުދަނީ ސަނީ ޕެރެޑައިސްވީމަ."

"އައި ތޯޓް ކާއިނާތު ހުރީމަ ކަމަށް..."ކާއިނާތު ސައިރަސްގެ ބޮލުގައި ފުތްޓައްކެއް ޖަހައިލީ ނިކަން މަޑުން ތަދުވެދާނެތީ ބަލައިގެންނެވެ. "ތަދުވިތަ ލަވް؟"

"އާނ އެ ބްރެއިން ބްލީޑް..." ސައިރަސް ހިނިގަނޑެއް ޖަހައިލިއެވެ.

"ޓެލް މީ. ކީއްވެ އޭޖް ނުވަނީ؟ ޔޫ ލުކް ސޯ ޔަންގް...އަނެއްކާ ސިއްރުން ވޯމްހޯލަކުން އެހެން ޕްލެނެޓަކަށް ގޮސް ނޫނީ ޓައިމް ޓްރެވެލް ކަހަލަ ކަމެއް ކުރީތަ؟"

"ތިހާ ފަޚުރުވުން ހައްގުކަމެއް ކުރި ދުވަހަކުން އެންމެ ކުރިން އެކަން އެނގޭނީ ކާއީއަށް. ސޯ އެކަމާ ވޮރީ ކުރަން ނަހަދާ. ކާއީ ބޭކާރު ކަންތަކާ ވޮރީ ނުކުރާނަމަ އަދި މިއަށްވުރެ ޕާފެކްޓްވާނެ.. " ސައިރަސް މަޑު ލެދާ ސޯފާއެއްފައި ކުޝަންތައް އުނގުގައި އަޅައިގެން އިންއިރު ހައިބަތާއި އިއްޒަތްތެރިކަން ހާމަކޮށްދެއެވެ. އޭނަ ލައިގެން ހުރި ސޫޓުގެ ސަބަބުން ވަކިން ރަސްމީކަމަށް ދައްކައެވެ. ހިސާބަށްވުރެ ފުރިހަމައީއެވެ. މިފަދަ ޕްރައިވެޓް ޖެޓަކަށް ކާއިނާތުއަށް އެރެވުމުން ތަފާތު އެތައް އިހުސާސްތަކެއް ކުރެވުނެވެ. ނިދާކޮޓަރިއާއި ފެންވަރާ ބައިގެ އިތުރުން ކެއުމަށް ޚާއްސަ އަދި މުނިފޫހިފިލުވަންވެސް ވަކިން ތަނެއް ހުއްޓެވެ. ވައިގެ ތެރޭގައިވިޔަސް ހަމަ ގެއެއްގައި އުޅެވޭފަދައެވެ. ސައިރަސްގެ މުއްސަދި އުފާވެރި ދުނިޔޭގެ ކުޑަ މިންވަރެއް ފެނުމުން ކާއިނާތުގެ ހިތުގައި އުފާވެރިކަމުގެ ބައްތިތައް ދިއްލުނެވެ. އޭނައާއި މަންމަގެ ކެތްތެރިކަމުގެ ފޮނި މޭވާ ލިބުނުކަމުގެ އިހުސާސްވިއެވެ. އެމީހުން ހާދަ ދުވަހެއްވާންދެން ފަގީރު ހާލުގައި ކެތްކުރިއެވެ. ބައްޕައަކާއި ނުލާ މަންމަ އޭނަ ބޮޑުކޮށް އަމިއްލަ ފައިމައްޗަށް ތެދުވާނެ މަގު ތަނަވަސްކޮށްދިނެވެ.

***

"ކާއީ. އަހަރެން ހުރީ މިވާހަކަ ނުބުނަންކަމަށް، މަންމަ މުސްލިމުންނާއި އޮތް ގުޅުން އެހާ ރަގަޅެއްނޫން. ނައިން އިލެވެންގައި މަންމަގެ ސިސްއަކާއި މާމަ ނިޔާވެފައިވަނީ. އެހެންވީމަ މުސްލިމުންދެކެ އިންތިހާއަށް މަންމަ ނަފްރަތުކުރޭ. އަހަރެންގެ ރިކުއެސްޓެއް އެބައޮތް. މިވަރުކަމެއް މަށަށް ކޮށްދީފަނަންތަ؟" ސައިރަސް ކާއިނާތުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިންގޮތުން ކާއިނާތުގެ މޫނަށް ރަތްކުލަވެރިވިއެވެ.

"އެނީތިންގް ފޯ ޔޫ..."

"އެމެރިކާއަށް ގޮސް ބުރުގާ އަޅައިގެން އަހަންނާއެކު އުޅެންޏާ އެ ޚަބަރު މަންމަގެ ކަންފަތާއި ހަމަޔަށް ފޯރާނެ. ވީމަ ކާއީ މި ފްލައިޓުން އެރޭއިރަށް ތަންކޮޅެއް އެމެރިކަން ކުއްޖަކަށްވާން އެބަޖެހޭ...މަންމަ އޭރުން ލައިކްވާނީ...."

"އެކަމަކު..." ކާއިނާތުގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"އަހަރެމެން ދިރިއުޅޭ ހިސާބުގައި އިސްލާމްފޯބިއާ ވަރަށް ގަދަ ކާއީއަށް އުޅެން ފަސޭހަވާނީ ބުރުގާ ނަގައިގެން އުޅުނީމަ. މުސްލިމް ކިތަންމެ އަންހެންކުދިންނެއް ދިރިއުޅެން ފަސޭހައަކަށް ބުރުގާ ނާޅާ އެމެރިކާގައި އުޅެމުންދޭ...." ސައިރަސްގެ އަތްތިލައިގެ އިނގިލިތައް ކާއިނާތުގެ އިނގިލިތަކާއި ލާމެހުނެވެ. މިވަރުގެ ލޯބިވެރިޔެއް ލިބުމުން ދޫކޮށްލާފައި ކުރީގެ ފަގީރު ދިރިއުޅުމަށް އެނބުރި ރުޖޫއަވާނީ މޮޔައެއްކަމަށް ނިންމާފައި އޭނަ ގަސްތުކުރީ ކުދި ކުދި ގުރުބާނީތައް ވުމަށެވެ. ބުރުގާ ނޭޅުމުން ވާނެ ގެއްލުމެއް ނެތްކަމަށް ސިކުނޑިއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ކާއިނާތުވެސް ލޯބީގެ އޮއިވަރުގައި ޖެހި ތިމާ ހެއްދެވި ފަރާތްމަތިން ހަނދާން ނެތުނެވެ. ދުނިޔޭގެ އުފަލާއި ނިއުމަތްތައް ލިބުމުން ބައެއްފަހަރު އެފަދަ ގޮތަކަށް މަގު އޮޅިގެން ހިނގައިދެއެވެ.

ކާއިނާތު ފްލައިޓުން ފޭބީ ސައިރަސް އެދުނު ފަދައިން ބުރުގާގެ ބަދަލުގައި ތޮތްޕެއް އަޅާލައިގެންނެވެ.

ފުރަތަމަ ފަހަރަށް ސްނޯގެ އެތިކޮޅުތައް އޭނަގެ މޫނުގައި ބީހެން ފެށުމުން ދުނިޔެމަތީގެ ސުވަރުގެއޭ ހީކުރެވުނެވެ. އެފަދަ ފުރިހަމަ ހިތްއެދޭފަދަ މަންޒަރަކަށް ކުރިން ފެނިފައިވީ ސައިރަސްއެވެ. ސައިރަސް އޭނަގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރިއިރު ކާއިނާތުއަށް ވަށައިގެން ފެންނަމުން ދިޔަ ހުދު ގަނޑުފެނުގެ ދުނިޔެ ފެނުނީ ސުވަރުގެފަދަ ތަނެއްގެ ގޮތުގައެވެ.

"ވޯހް....."ކާއިނާތުގެ ލޯ ދިއްލުނެވެ.

"ހެހެ..."ސައިރަސްގެ ރީތި ކޯތާފަތުން އަޑިކޮޅެއް ފައުޅުވިއެވެ. "އަހަންނަށް އެނގޭ ކާއީ އުފާވާނެވަރު. ދެމީހުން އެކީ ޖައްވަށް ދެވުނީމަ މިއަށްވުރެ ޔުނީކް އެކްސްޕީރިއެންސަކަށްވާނެ. ޖަސްޓް އިމޭޖިން. ދެމީހުން އެކީގައި ގޮސް އެކަނި ޖައްވުގައި ހިނގާލުމަށްވުރެ ރޮމެންޓިކް ދުވަހެއް އަންނާނެ؟"

"އަހަރެން ބޭނުމީ ހަނދުގައި ސައިރަސްގެ އަތުގައި ހިފާލައިގެން ހިގައިލަން ދާން..."

"ތި ދުވަސް ކާއީ އަދި ދެކޭނެ...."

"އިންޝާﷲ..."ކާއިނާތު އަވަސްއަވަހަށް ބުނެލިއެވެ. އޭނަގެ ހަނދާނަށް އައީ އާޔާއާއި އަސަލްއެވެ. އެދެމީހުންގެ ދީންވެރިކަމެވެ. އެ ދިރިއުޅުމުގައި މަދީ މުނިފޫހިފިލުވުމެވެ. އާޔާ އެތައް "ނޯމަލް" ކަމެއް ހަރާމްކަމެއްގެ ގޮތުގައި ދެކެ އެކަން ހުއްޓާލުމުން ކާއިނާތުވެސް ހުންނަނީ އެކަމާއިހެދި ކަންބޮޑުވެފައެވެ. ލަވައަކީ ހަރާމްކަމެއްކަމަށް ކާއިނާތުއަށް ގަބޫލުނުކުރެވެނީއެވެ. އޭނަ ބޭނުންވަނީ އަޅުކަން ކުރުމުގެ އިތުރުން މަޖާވެސް ކޮށްލުމެވެ.

ކާއިނާތުގެ މަންމަ ހާޖަރުއަށްވެސް އާ ދުނިޔެއަކާއި ހުދުކަމުން ފުރިފައިވީ ސްނޯގެ ސަބަބުން ހައިރާންކަމައި އަންތަރީސްވެ ސުވާލުކުރަންފެށިއެވެ. ކާއިނާތު އޭނަގެ މަންމައަށް ގަނޑުފެން ފައިބަމުން ދާކަމަށާއި އެމެރިކާއަށް ފިނި މޫސުމް އައިސްގެން އުޅޭކަން އެނގުމުން އެކަން ވިސްނި އުފަލުން ހިނިތުންވެވިއްޖެއެވެ. ކާއިނާތު އޭނަގެ މަންމައަށް ބުނެދިނީ އޭނަގެ ހުވަފެންތައް ފުރިހަމަވަމުންދާއިރު މަންމަވެސް އުފަލުގައި ބައިވެރިކުރީކަމުގައެވެ.

ކާރުގައި ސައިރަސްގެ ގެއާއި ހަމަޔަށް ދެވެންދެން ފެނުނީ ހިތަށް ފިނިކަން ލިބޭ އާޝޯޚުވާފަދަ ރީތި މަންޒަރުތަކެވެ. ސައިރަސްގެ ގެވެސް ރޭގަނޑުގެ އަލީގައި ފެނުނީ އެހާ ހިތްގައިމުކޮށެވެ. ބޮޑު ގަނޑުވަރެއްފަދަ އެގޭގެ ފުރާޅުން ފެށިގެން ކޮންމެ ތަނެއްގައި ސްނޯގެ ހުދު ފަށަލަލެވިފައިވީއިރު ނިކަން ފުރިހަމައެވެ. ލެންޓަންތަކުގެ އޮރެންޖް އަލީގެ ސަބަބުން ސްނޯ ދޫލަވެސް ފެންނަނީ މަޑު އޮރެންޖްކުލައެއްގައެވެ. ކާއިނާތު ނިކަން ހެވިލާފައި ފޮޓޯތައް ނަގަންފެށިއެވެ. މިސްބާހުއާއި ޖީލަން ހަސަދައިންގޮސް ހާޓްއެޓޭކެއް ނުޖެހޭނެކަމެއް ނޭގެއެވެ.

ޔުނިފޯމްގައި ހުރި ޚާދިމާއަކު ނުކުމެ އެންގީ ރޭގަނޑުގެ ކެއުން ތައްޔާރަށް ހުރިކަމުގައެވެ.

"މިއީ ހުވަފެނެއްކަން ޔަގީން...އަހަރެން މިހާ ލަކީއެއްނުވާނެ..."

"ވަރަށް އުފާވެއްޖެ ކާއީގެ ތި ރީތި ހިނިތުންވުމުގެ ސަބަބަކީ އަހަރެން ކަމަށްވާތީ..."

ދެމީހުންނަށް ކާން ހަދާފައި ހުރީ ބެލްކަނީގައި ވަކިންނެވެ.

"މަންމަ ނުގެންނާނަންތަ؟"

"މަންމައަށް ޚާއްސަ މެއިޑް ކާންދީ ހުރިހާކަމެއް ކުރާނެ. ކާއީ އެކަމާއި ހާސްނުވޭ. އަހަންނަށް ވަރަށް ދުވަސްވާންދެން ކާއީއައި ދުރުގައި އުޅެވިއްޖެ. ދެމީހުން އެކަކު އަނެކަކަށް ދެނެގަން އެކީ އުޅެން ޖެހޭ ދުވަސްކޮޅު ހުރިހާ ޓައިމް އެއް އެކީ ސްޕެންޑްކުރާނީ. އަހަރެންވެސް ބިޒީވާން ފެށީމަ ދެން ކާއީ ޝަކުވާކުރާނެ. އެހެންވެ މިބުނީ ޓައިމް ވޭސްޓްނުކޮށް އެކީގައި ވަގުތު ހޭދަކުރާނީއޭ. އަނެއްކާ ކިހާ މޫސުމް ހިތްގައިމު. ހެވީ ސްނޯފޯލް......"

"އޯކޭ އޯކޭ..."ކާއިނާތުގެ ހިތް އެއްބަސްވިއެވެ.

މޭޒުމަތީގައި ހުރީ އޭނައަށް ނަންނޭގޭފަދަ ތަފާތު ކާނާއާއި ބުއިންތަކެވެ. ހަލާލް ކާއެއްޗެއްވެސް މިހާރު ކާއިނާތުއަށް މުހިއްމުކަމަކަށްނުވިއެވެ. ލޯބީގެ ބާރުގައި ކާއިނާތުގެ މަގު އޮޅެމުން ދިޔައީ އޭނަގެ އަމިއްލަ ނަފުސަށްވެސް ކެހިދެމުންނެވެ.

***

ސައިރަސްގެ ކޮޓަރިވެސް އެޕާޓްމެންޓެއްފަދައެވެ. އެ މާސްޓަރ ބެޑްރޫމްގެ ތަނަވަސްކަމާއި ޑިޒައިންގެ ފުރިހަމަކަމާއެކު ކްލޯޒެޓް ފެނިފައިވެސް ކާއިނާތުގެ ތަލިން ކުޅު ހިކުނެވެ. މިއީ އޭނަ ދުވަހަކު ދުށްފަދަ އަޖައިބެއް ނޫނެވެ. ނޫނެކެވެ. ފިލްމުތަކުންނާއި ވާހަކަތަކުން އޭނަ މިފަދަ ހުވަފެނީ ކޮޓަރިތައް ދެކެފިއެވެ. އޭނައަށް މިއުޅެވެނީ އެފަދަ ހުވަފެނެއްގައެވެ. އެނދުގައި އޮތްއިރުވެސް ފުޅާ ކުޑަދޮރުތަކުން ފެންނަނީ ހުއްޓުމެއްނެތި ބޯކޮށް ސްނޯ ފައިބަމުންދާ މަންޒަރެވެ. ކާއިނާތު ފޮޓޯއެއްނެގިއެވެ.

"މަންމައަށް ބޭސްދީފައި އަންނާނަން..."

"އަވަހަށް އާދޭ...."ސައިރަސް އެދުނެވެ.

ކާއިނާތު އޭނަގެ މަންމަ އޮތް ކޮޓަރިއަށް ވަނުމުން ޝަކުވާކުރިއެވެ. "ފަރަންޖީ ކުއްޖެއް ހުރީމަ މަންމައަށް ވަރަށް އުދަގޫ. މުސްލިމެއްވެސް ނޫން..."

"މަންމައަށް އެނގުނީ ކިހިނެއް؟"

"އޭނަ ސަލީބުގަނޑެއް ހިފައިގެން ވައްތަރު ޖައްސާފައި އުޅުނުތަން ފެނި ބޮލުގައި ރިއްސައިގަތް. ދިވެހި ބަހުން އެތިވަރެއްވެސް ގޮވައިލިން...އޭނަ ފަރަންޖީބަހުން ޖަވާބުދިން މަންމަވެސް ދިވެހިން އަނެއްކާ ޒުވާބުކުރިން. ކަލޭމެން އީސާގެ ފާނު ސޮލީބަށް އެރުވިޔަސް ހަގީގަތުގައި އެކަން އޮތީ އެހެނެއް ނޫނޭ ކިޔާފައި..."

"މަންމާ. ދީނީ ހަގުރާމަކުރާކަށް ނުވާނެ. މަންމަ ކާފަރު ޑޮކްޓަރުންނަށްވެސް ބަލިވީމަ ބޭސްކުރުވަން ދަމެއްނު. އެއީ މައްސަލައެއް ނޫނޭ...."

"ޑޮކްޓަރަކަށް ދެއްކިޔަސް އެއީ މަޖުބޫރީ ހާލަތުގައި މަންމަމެން ކުރާ ކަމެއްކަން ކާއިނާތުއަކަށް ހަމަ ނޭގުނުތަ؟ އެވަރަށް ނޫނޭ އިސްލާމީ ތަރުބިއްޔަތު ދިނީ. އެކަމަކު އެމީހުންވެސް ރާއްޖޭގައި ފައްޅި އަޅާ ސަލީބު ގެންގުޅެ އަޅުކަން އާއްމުންނަށް ދައްކައިގެން ކުރަންޏާ ރައްޔިތުން އެއްވެ އެމީހުން ފަހާ ބޭރުކުރާނެ އިނގޭ.މަންމަ ބޭނުމީ އަމިއްލަ ގައުމަށްދާން..."

"މިތަން ކިހާ ރީތި. ކިހާ ބޮޑު އަރާމުގެއެއް. އެހާ މީރުކޮށް ކާން ލިބޭ. ބޭނުން ކޮންމެކަމެއްކޮށްދޭން ޚާދިމާއިން އެބަތިބި..."

"ކާއިނާތު މަންމަ ކައިރި ހުރޭ..."

"މަންމާ. އަހަރެން ހުންނަނީ އެހެން ރޫމެއްގައި. މަންމަ ކައިރީ މޭރީ ހުންނާނެ....."

"މަންމައަށް ކަމަކުނުދޭ..."ހާޖަރު ދެކޮޅުހެދިއެވެ.

"ޕްލީޒް މަންމާ. އަންޑަސްޓޭންޑްވެބަލަ. އަހަރެން ކުޑައިރުއްސުރެ އެސްޓްރޮނޯޓަކަށްވާން ބޭނުންވެފައި ހުއްޓާ ޗާންސް މިލިބުނީ. މަންމަ ބަލިވެއުޅޭތީ މަންމަ ގޮވައިގެން މިއައީ. މަންމަވެސް ދެން އަހަރެން ބުނާގޮތަށް ހަދާބަލަ ހެޔޮނުވާނެ. މިތަނުން މަންމައަށް ދެރަގޮތެއްނުވާނެ. އުފަލުގައި މަންމަ ހުންނާނީ. ރަގަޅަށް ކައިގެން ބޭސްކުރުވައިގެން އަރާމުގައި. މަންމަ ވިސްނަން ޖެހޭނެކަމެއްނެތް....."

"މަންމަ ވިސްނަނީ މަންމަގެ އަންހެންދަރިއަކަށް މި ބީރައްޓެހި ގައުމުގައި ދެރަގޮތެއްވެ ކާފަރުންގެ އުދަގޫތައް ކުރިމަތިވެދާނެތީ. ދީން މަތިން ހަދާންނެތިދާނެތީ. ކާއިނާތު ނަމާދުކޮށްފިންތަ؟" ހާޖަރު ކުއްލިއަކަށް އެހިއެވެ.

"މިދަނީ ނަމާދުކުރަން...."

"އެންމެ ރަގަޅު..."ހާޖަރު ހީލިއެވެ.

***

އާޔާއާއި ލައިލާއަށް ކާއިނާތު ފޮނުވި ފޮޓޯއިން ކާއިނާތުގެ އުފާވެރިކަން ދައްކުވާދިނެވެ.ކާއިނާތު އެހާ އުފަލުން ހުއްޓާ އެކުދިންދެކެފައެއް ނުވެއެވެ. ސައިރަސްގެ ކޮޓަރީގައި ނަގާފައި ހުރި ފޮޓޯއެއްކަން އެނގުމުން މެރީކުރީ ކޮން ދުވަހަކުހެއްޔޭ އާޔާ އެހިއެވެ.

"މިއަދު ހެދުނު..." ކާއިނާތު ދޮގެއްހެދިއެވެ.

ދޮގު ނަހަދަން ޖީލަން ގާތު ވައުދުވެފައިވެސް ދޮގެއް ބުނަން މަޖުބޫރުވީއެވެ. ނޫނީ އާޔާ ލެކްޗަރުދޭން ފަށާނެއެވެ.

"ޕާޓީ އޮންނާނެ ދޯ. ސްނޯ ޕާޓީ ފޮޓޯ ފޮނުވައްޗޭ. ޔޫ އާ ސޯ ލަކީ..."ލައިކާ ވައިބާކުރިއެވެ.

އެކުވެރިންނައި ވާހަކަދައްކާލުމަށްފަހު ކާއިނާތު ސައިރަސްގެ ގާތު ސޯފާގައި އޮށޯވެލިއެވެ. "އެންމެން އަހަނީ މެރީކުރީހެއްޔޭ. ޕާޓީ ފޮޓޯ ފޮނުވާށޭ. ކޮން އިރަކުން މެރީކުރަނީ؟"

"މަންމަމެންނާއި ވާހަކަދައްކާލާނީ. އަހަރެން ހަމަ ބިރުގަންނަނީއޭ މަންމައަށް ކާއީ އިންޓްރޯކޮށްދޭން. މަންމައަށް ކާއީ މުސްލިމެއްކަން އެނގިއްޖެއްޔާ މަންމަ ޝޫޓްކުރަންވެސް ފަހެއް ނުޖެހޭނެ..."

"ވަޓް؟"ކާއިނާތުގެ މޫނު ހުދުވިއެވެ.

"އޭ. ސަމާސާއަކަށޭ އެހެން ބުނީ. ކާއީވެސް ދެން ސީރިއަސްވީވަރެއް..."ސައިރަސް ހީގަތެވެ.

"ސިކްރެޓްލީ މެރީނުކުރެވޭނެތަ؟ މިސްކިތަށްގޮސްފައި..."

"އަހަރެން އެހާ ގަބޫލުކުރާ އެއްޗެއްނޫން. ތެދަށް ބުނަންޏާ ލޯބިވާ ދެމީހުންނަށް އެކީ އުޅެން ކޮންމެހެން ސެޓްފިކެޓެއް ބޭނުމެއްނޫން..."

ކާއިނާތުގެ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނެވެ.

ނުނިމޭ