"ތިބާގެ އަގުހުރި ވަގުތުކޮޅުގެ ތެރެއިން ކޮންމެވެސް ވަގުތެއް މައިންބަފައިންނަށްޓަކާ ހުސްކުރާށެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ."

***

"އެދުވަހު ކާރު ދުއްވަން އިނީ ކާކު؟ ކިހިނެއް އެ ހާދިސާ ހިނގީ؟ ސޭމް އެއްވެސް ކަހަލަ......ތަފާތު ވާހަކައެއް ދެއްކިތަ؟ މިބުނީ ލައިކް ސޭމްއަށް އޭނަގެ ފައިނަލް ވަގުތުކޮޅު ކަން އެނގޭފަދަ އެއްވެސް ވާހަކައެއް ދެއްކިތަ؟"އުރުސުލާ އެހިއެވެ.

"ސޭމް ދުއްވީ...ހަމަ މަޖާކޮށްލަންވެގެން ތަންކޮޅެއް ބާރަށް ދުއްވުނީ...ސަބަބަކީ...." ޝައުން ހިންދިރުވައިލިއެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުން ތުންފަތުގައި ދަތް އަޅައިލިއެވެ.

"އެއްވެސް ސިއްރެއް ކިޔާދޭތަ؟"

"ލައްބަ. ހަގީގަތުގައި ކިތަންމެ ގާތްކޮށް އުޅުނަސް ސޭމް ފުދޭވަރަކަށް ސިކްރެޓިވް. ޕާސަނަލް ވާހަކަތައް ކުރިއަކުން ޝެއާ ނުކުރާނެ. ސޭމް ދުނިޔެއާއި ވަކިވުމުގެ ތިންވަރަކަށް ދުވަސްކުރިން ބުނި ވަރަށް އެހެން ކަހަލަ ވާހަކައެއް. އަދި މަރުވި ދުވަހު ކާރުގައި ދަތުރުފެށުމުގެ ކުރިން އަޅުގަނޑު ކައިރީ ބުނީ ޓްވިންސްއާއި ފެމިލީދެކެ ވަރަށް ލޯބިވާކަމަށާއި އެންމެނަށްޓަކާ ބަދަލުވާން ބޭނުންކަމަށް. ދޮންބެ ފޮނުވާފައި ހުރި ލިންކްތައް ކިޔައިލުމުން މިއުޒިކްވެސް ހުއްޓައިލަން ބޭނުންކަމަށް ބުނީ. އެންމެފަހު ޝޯއޭ މިރޭ ދިނީ. އެ ކޮންސަޓަށްފަހު މީހުންގެ ސަޕޯޓްލިބުމުން އުފާވެސް ވިއޭ ބުނި. އެކަމަކު ކާރުގައި ދަމުން ބުނީ ދެން މިރެއިން ފެށިގެން ތައުބާވެގެން ދީނަށް ރަގަޅަށް އުޅޭނީއޭ. އަދި މިއުޅެވެނީ ރަގަޅަކަށް ނޫނޭ. ރާވެސް މިބުއީ ހަމަ އެންމެ ފަހު ފަހަރަށޭ. ގާރީއަކަށޭ ވާނީ. ޝައުންވެސް ޗޭންޖްވާށޭ. އަބަދަކު މިހެން މަޖާކުރަން ނުތިބެވޭނެއޭ. އެކަމަކު ތައުބާވާނެ ޗާންސެއްވެސް ނުލިބުނު....." ޝައުން އަސަރާއިއެކު ކިޔައިދިނެވެ.

"ކޮން އެހެން ކަހަލަ ވާހަކައެއްތަ ޝައުން؟" އުރުސުލާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތިކިތައް ޓިޝޫއަކުން ފޮހެމުން ސުވާލުކުރިއެވެ.

"މަންމައަކީ ކާކުކަން ކުރިން ނޭގެއޭ. އެނގުނުއިރު ހީވެސް ނުކުރާ މީހަކަށޭވީ. އަދި ހީވެސް ނުކުރާ ސަބަބަކައިހެދިއޭ މަންމަ އޭނަ ބެލުން ބޮޑުދައިތައާއި ހަވާލުކުރީ. މަންމައަކީ އާންޓް އުރުސުލާކަމަށްވެސް ބުނި....."

"އޯ ގޯޑް..." އުރުސުލާއަށް އަނގަމަތީ އަތް އެޅުނެވެ. ޝުވޭކާރުގެ މޫނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

"ނޮޓް މީ...." ޝުވޭކާރު ގަދަޔަށް ބޯ ހޫރައިލަމުން އެކަމަށް އިންކާރުކުރީ ހައިރާންވެފައެވެ. އެމީހުން އެހާ ޒަމާންވާންދެން ފޮރުވައިގެން އުޅުނު ސިއްރެއް ހުސާމްއަށް އެނގުނުގޮތެއް ލަފާކޮށްލަންވެސް ދަތިވިއެވެ.

"ކިހިނެއްބާ އެނގުނީ...އެކަމަކު މަގޭ ދަރިފުޅަށް އެވަނީ ކޮންމެ ގޮތަކުންވިޔަސް މަންމައަކީ ކާކުކަން އެނގިފައި. ހީ ޑިޑިންޓް ޓެލް މީ އެކަމަކު ހިތަށް އަރާ ސޭމް އެންމެ ފަހުން ދިމާވިއިރު ހަގްކޮށްލާފައި ވަރަށް ލޯބިވެއޭވެސް ބުންޏޭ. އެއީ ހަމަ އެނގިގެން އެހެން ބުނީ....ހީ ނިއު. ހީ ނިއު ޝުވޭ...." އުރުސުލާގެ މަސްހުނި ޖަޒުބާތުތައް އޭނަ ރޮއްވާލާ ހެއްވާލައިފިއެވެ. ވަރުގަދަ އިހުސާސެއްގައި އޭނަ ބެހިގެން ދިޔަ ވަގުތުކޮޅެކެވެ.

"ސޭމްގެ ހިތް ވަރަށް ސޮފްޓްވާނެ. ބޭރުފުށުން ކޮންމެ ސިފަތަކެއް ދައްކައިގެން ހުއްޓަސް އޭނަ ވަރަށް ކައިންޑް. ހީ ވޯޒް އެ ބިއުޓިފުލް ޕާސަން. އިންސައިޑް އެންޑް އައުޓް..." ޝައުންގެ އެސްފިޔަތައްވެސް އެކުވެރިޔާއަށްޓަކާ ތެމުނެވެ. އޭނަގެ އެކުވެރިންތައް އޭނަ އެކަނިކޮށްލާފައި ވަކިވެގެން ދިޔައީ އިންޒާރަކާއި ނުލައެވެ.

އުރުސުލާގެ އަނދަމުން ދިޔަ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނީ ދަރިފުޅު ދުނިޔެއާއި ވަކިވުމުގެ ކުރިން މަންމަގެ ހަގީގަތް އެނގިފައިވާ ކަން ކަށަވަރުވުމުންނެވެ. އެހިތުގައި މަންމައަށްޓަކާ އޮތް ލޯތްބާއި ގަދަރު އޭނަވަނީ މަރުވުމުގެ ކުރިން އަމަލުން ދައްކާފައެވެ. ޝުވޭކާރުވެސް ވަނީ އުރުސުލާގެ އަމާނާތަށް ކަމޭހިތާ އަމިއްލަ ދަރިއަކަށްވުރެވެސް ބޮޑަށް އިއްޒަތާއި ލޯބި ހުސާމްއަށް ދީފައެވެ. ޝަކުވާކުރާނެ ފުރުސަތެއް ނުދޭވަރަށެވެ. ބޮޑުދައިތަ ކޮއްކޮދެކެ އެހިތުގައިވެސް އިންތިހާއަށް ލޯބި އުފެދުނެވެ.

***

މައިމޫންއާއި ޝުވޭކާރުގެ ދިރިއުޅުމަށް އައި އެ ކަޅުދުވަސްތަކާއިއެކު އެދެމަފިރިންނަށް ފިލާވަޅެއްލިބުނެވެ. ގިޔާމަތް ދުވަސްޖެހި ދުނިޔޭގެ ނިމުން އޮތީ ކޮން ޒަމާނެއްގައިކަން ނޭގުނަސް އިހުސާސްވީ އެންމެ އެއްޗެކެވެ. ކޮންމެ އިންސާނަކުވެސް ހުރިހާ ނިއުމަތެއް ލިބުނަސް ކޮންމެ ވަގުތަކުވެސް ވެލީގެ ދާނުގައި ނިދަން ޖެހިދާނެކަމެވެ. ދަރިފުޅު އައްޔާޝްގެ ފިކުރަކާއިހެދި އެދަރިފުޅުގެ އުފާތައް ނިގުޅައިގަތުމުގެ މާނައެއްނެތެވެ. އައްޔާޝް ބޭނުން އަންހެންކުއްޖަކާއި ކައިވެނިކުރުވާފައި ބޭނުންގޮތަކަށް އުޅުނަދޭންވީއެވެ. އައްޔާޝްގެ ދީނީ ފިކުރާއިމެދު ވިސްނައިލުމުން ދަރިފުޅު އުޅެނީ ގުރުއާނާއި ސުންނަތަކަށްކަން އެނގި މައިމޫންގެ ހިތުގައިވެސް ދަރިފުޅަށް ތައުރީފު އުފެދުނެވެ. ހަގީގަތަކީ ވެރިކަމާއި ހެދި ޕާޓީއަށް ގުރުބާންވެ ދުނިޔޭގެ ބާރާއި ނުފޫޒުގެ އަޅުވެތިކަމުގައި ޖެހިގެން ދިޔުމަކީ އިންސާނުންގެ ތަބީއަތުގައިވާ ސިފައެކެވެ. ބާރު ލިބުމުން އިތުރަށް ދަހިވެތިވަނީއެވެ. އައްޔާޝް ބުނާފަދައިން ގިނަފަހަރަށް ވެރިކަން ހެޔޮގޮތުގައި ނުކުރެވުމުން ގިޔާމަތްދުވަހުން އެކަމުގެ ޒިންމާ ނަގަން ޖެހިދާނެއެވެ. މައިމޫން ބޭނުންވީ ދައުރު ފުރިހަމަކޮށްފައި އަލުން ކުރިމަތިނުލުމަށެވެ.

ތިން މަސްފާއިތުވެގެން ދިޔައިރު ޗެރީވުޑް ޕެލެސްގެ ތެރެއިން ކޮންމެވެސް ވަރަކަށް ހިނިތުންވުމާއި އުފާވެރިކަން އަނބުރާ އިއާދަވެއްޖެއެވެ. ޖުއާނާވެސް ކުދިން ގޮވައިގެން ބަގީޗާތެރޭ ކުޅެން އުޅޭތަން ފެންނަން ފެށިއެވެ. ނަމަވެސް ޖުއާނާގެ ލޮލުގައި ހިމޭން ރިހުމެއް އަބަދު ފެންނާން ހުރެއެވެ. ހުސާމް ދިޔައީ އޭނަގެ އުފާވެރިކަމާއި ހިތުގެ ހަމަޖެހުން ހިފައިގެން ހެން ހީވެއެވެ.

ދާނިޔާގެ އާއިލާ މާލެ އައިކަން އެނގުމާއެކު އައްޔާޝްގެ ފަރާތުން ކައިވެނީގެ ހުށަހެޅުމެއް ލިބުނެވެ. އެކައިވެނި ކުރެވި އައްޔާޝްގެ ގެއަށް ޅީދަރިއެއްގެ މަގާމުގައި އައުމުން އެންމެ އުފާކުރި އެކަކީ އަދާރާއެވެ. އައްޔާޝްގެ ކޮޓަރިތެރޭގައި ރަތް ފިނިފެންމަލާއި އެކުލައިގެ އުއްބައްތިތަކުން ހުޅުދާންކޮށްފައިވާއިރު ދާނިޔާވެސް އިނީ ރަތްކުލައިގެ ހެދުމަކުން ޖަރީވެގެންނެވެ.

"ޔޫ އާ ސަޗް އެ ޕްރިޓީ ބްރައިޑް މާޝާﷲ.." އަދާރާ ދާނިޔާގެ ކޯތާފަތުގައި މަޑުމަޑުން ހިފައިލިއެވެ. "މިރޭ އައްޔާޝް ފެއިންޓް ނުވިއްޔާ ރަގަޅު..."

"އަހަރެން ކަން ނޭގޭ ފެއިންޓްވާނީ. މަގޭ ހިތުގެ ތެޅުން ބަލާލާ..." އަދާރާ ގެ އަތް ގެނެސް ދާނިޔާގެ މޭގައި ޖައްސުވައިލުމުން އަދާރާ ލޮލަށް ގޮތެއް ހަދައިލިއެވެ.

"ދުލުން އެއްބަސްނުވިޔަސް ހަމަ ވަރަށް ލޯބިވޭ ދޯ..."

"ތި ވާހަކަ އަހަން ޖެހޭނީ ހިތް ކައިރިން." ދާނިޔާ ހިނގަނޑެއް ޖަހައިލިއެވެ.

"އަހަންނަށްވެސް ފައިނަލީ ރަގަޅުގޮތުގައި ލޯބިވެވިއްޖެ. އާރިސްއަކީ ހަޒްބެންޑްކަމުން އަޅާލުމާއި ލޯބިދޭންފެށީ މާތްﷲ އަންގަވާފައިވާގޮތަށް އުޅެންވެގެން. ހިތްހަމަޖެހިގެން ދުވަސްތައް ނިމިގެން ދަނީ..."

"އާރިސް ވަރަށް ލޯބިވާހެން ހީވޭ..."

"ވަރަށް ކެއަރިން އެކަމަކު ދޭތެރެއަކުން ސްކިޒޮފްރީނިކް އެޕިސޯޑެއް އާދޭ. ބޭސް ގަވާއިދުން ކާތީ އެކަންތައް ވަރަށް ދުރު އަލްހަމްދުލިﷲ. ކޮންމެފަދަ ނަފްސާނީ އަދި ޖިސްމާނީ ބައްޔެއްވިޔަސް އިރާދަކުރެއްވިއްޔާ ދެން އަބަދަށް އާރިސްއާއެކު ވާނަން. އެފަދަ ކުދިންނަށް ލޯބިވާ މީހުންގެ ފަރާތުން ވަރަށް ސަޕޯޓް ބޭނުންވާނެ..." އަދާރާ ދާނިޔާއާއި ހިއްސާކުރިއެވެ. "ކުރިން މިގޭގައި އުޅެން ވަރަށް އަންކޮމްފޮޓަބްލް. ހުރިހާ ނިއުމަތަކާއި މުއްސަދިކަމެއްގެ ތެރެއިންވެސް އުފާވެރިކަން ހޯދައިގަންނާކަށް ނޭގުނު. ނަމަވެސް މިހާރު އާރިސްއާއެކު އުޅެން ފެށީމަ ދިރިއުޅުމަކީ ކޯންޗެއްކަމާއި ހަޔާތުގެ މަގުސަދާއިމެދު ވިސްނަން ފުރުސަތު ލިބިއްޖެ. އާރިސް ނޫން އިތުރު އެއްވެސް މީހަކު ދެން ބޭނުމެއްނޫން....."

"ހުސާމް ނެތީމަ ޖޫނީ ވަރަށް ދެރަވާނެ ދޯ..."

"ހުސާމް ހުރިނަމަ ވާނެގޮތެއް ނޭގޭ. ޗޭންޖުވުމަކީވެސް އެކަށީގެންވާކަމެއް. މިނޫ އަހަރެން ކައިރީ ދެއްކިވާހަކަތަކަށްފަހު ހުސާމްއާއިމެދު ހިތް އެއްކޮށް ސާފުވި. ހުސާމްފަދަ ނުބައި ނުލަފާ މީހެއް ދުނިޔޭގައި ނެތްކަމަށް ހީކުރިން. ފަހުން އަސްލު އެގުނީ އޭނަ މީޑިއާއަށް ދައްކަން އަންހެންކުދިންނާއި ރައްޓެހިވެގެން އުޅުނީކަން. އެކުދިންނާއި އަނެއްހެން ގުޅުމެއް ނުބާއްވާކަން. އެވެސް އޭނަގެ މަގާމުގައި ހުރެގެން އެހެން މީހުންނަށް ހީކުރުވިގޮތާއި ޚިލާފަށް އޭނަގެ ހުރި ރީތި ސިފައެއް. ޖުއާނާ ފިޔަވާ އެހެން އަންހެންކުއްޖަކާއިއެކު ގޯސް މަގަކުން އޭނަ ނުދާކަން އެނގުމުންވެސް އިތުރަށް ހިތުން މަގާމެއް ދެވުނު. ދާނީ ދެން ނުބައިކޮށް ވިސްނާނީއެއް ނޫން. މިބުނީ ހުސާމްއާއިމެދު އެހާ ހިތް ކިލަބުވެފައި އޮވެފައި އެއްކޮށް ޗޭންޖްވީ އޭނަގެ ފަރާތުން މާތް ސިފަތަކެއްވެސް ފެނުނީމަ. ޕޭރެންޓުންގެ ރަގަޅު ތަރުބިއްޔަތު. އަދި އިސްލާމީ ތަރުބިއްޔަތަކުން ތަރުބިއްޔަތު ދެވުނުނަމަ ފަހުން އެހާވަރަށް ހިތާމަވެސް ކުރަން ނުޖެހުނީސް. ވަރަށް އުފާވޭ އަޔާއަށްވެސް ހިދާޔަތް ލިބުނީމަ......" އަދާރާ އިތުރަށް ހިތުގައިވާ އެއްޗެއް ބަންޑުންކޮށްލީ އެންމެ އެކުވެރިޔާ ގާތުގައެވެ.

"ތެދަށް ބުނަންޏާ އަހަރެންވެސް ހިތަށް ނާރާ އަޔާއާއި ގުޅިދާނެ ދުވަހެއް އަންނާނެއޭ. ކުރިން ދުޢާވެސް ކުރިން..." ދާނިޔާ ލަދުރަކި ހުނުމަކާއިއެކު އެއްބަސްވިއެވެ. "ފައިނަލީ.....މިއޮތީ އެދުވަސް އައިސް..."

"ވީ ހޭވް ޓު ޓްރަސްޓް ﷲ ދޯ. ލިބެން އޮތް މީހެއް އަދި އެއްޗެއްވެސް ކޮންމެވެސް ދުވަހަކުން ލިބޭނެ. އެމީހާގެ ހަޔާތުގެ ބައިވެރިޔާ ދުވަހަކު ނުދެކޭ މުޅިން އެހެން ގައުމެއްގައި އުޅުނު މީހެއްކަމަށްވެސް ވެދާނެ. އެހެންވީމަ ބުނަނީ ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރޭ..."

ޖުއާނާ ވެސް ހުރީ ރަތާއި ކަޅުކުލައިގެ މެކްސީ ހެދުމެއްގައެވެ. ބުރުގާ ކޮޅަކުން އިސްތަށިގަނޑު ފޮރުވާލާފައިވާއިރު އެ ދޮން މޫނު ފެންނަނީ އުޖާލާކޮށެވެ.

"އެވްރީތިން އިޒް ޕަފެކްޓް....މަދުވީ ހަމައެކަނި ސޭމް..." ޖުއާނާ ދާނިޔާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. "ވަރަށް އުފާވެއްޖެ މިރޭ. އަހަރެމެން ތިން ފަހަރިންނަށް އެކީގައި އުޅެވޭނެ ދުވަސް އައީ ދޯ..."

އަދާރާވެސް ދާނިޔާއާއި ޖުއާނާގެ ހަށިގަނޑުގެ ވަށައިގެން އަތް އަޅުވައިލަމުން ހިނިތުންވެލިއެވެ.

***

ޝުވޭކާރުއާއި އުރުސުލާ އުމްރާއަކަށް ގޮސް މިފަހަރު ނިންމީ ބުރުގާ ނުނެގުމަށެވެ. އެހެން ފަހަރު އުމްރާއަށް އަޔަސް ފްލައިޓުން އެރެންވާއިރަށް ބޮލުގައި އޮންނަ ބުރުގާ އެއްލައިލެވެއެވެ. ޝުވޭކާރުގެ ޅީދަރިންތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ރަގަޅު އަސަރުތަކެއް ކުރުވާ އަޅުކަމުގެ މުހިއްމުކަން ވިސްނުނީއެވެ. ޝުވޭކާރު އޭނަގެ އެކުވެރިންގާތުގައިވެސް ޅީދަރިންގެ ރަގަޅުކަމުގެ ވާހަކަދައްކަނީ ފަޚުރުވެރިކަމާއެކުގައެވެ. ނިގާބީ ކުދިންނަށްވިޔަސް އެކުދިންގެ އުޅުމާއި އެކުވެރިކަން އަދި އަޅުވެރިކަމަކީ އެގެއަށް ލެއްވި ރަހުމަތެއްކަމުގައި ބުނެއެވެ. ޖުއާނާވެސް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަން ފެށިއިރު ދަރިން ބެލުމުގައި އަނެއް ދެކުދިންގެ އެހީތެރިކަން ލިބުނެވެ. ޖުއާނާގެ ހިތުގައި ހަޔާތުގެ ބައިވެރިޔެއް އަލުން ހޯދުމުގެ ޝައުގެއްނެތެވެ. އޭނަގެ އުއްމީދަކީ ހުސާމްގެ ނިޝާންކަމުގައިވާ ދެކުދިންނަށް އިސްލާމީ ތަރުބިއްޔަތު ދީ އެކުދިން ރަގަޅުގޮތުގައި ބޮޑުކޮށް ކޮންމެވެސް ދުވަހަކުން ހުސާމްއާއިއެކު ސުވަރުގޭގައި ލެއްވުމެވެ.

***

މިނަލް ފިޔާތޮށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރިއިރު އެ ދޮންމޫނަށް އެ ފޮތީގެ ހިޔަނި އެޅިފައިވާފަދައެވެ.

"ބުރުގާ އެޅީމަ ލިއަމް ފޫހިވެދާނެ ދޯ..."

"ނުވާނެ...އެހެންވާންވީ ކީއްވެތަ؟"

"މިޒަމާނުގެ ކުދިންނަށް ސަޅިވާނީ ސްޓައިލިޝްވީމަ. ކުރިން އެހެން އުޅެވުނީ އެކަމަކު ރަގަޅު ފަހަރިންގެއަށް އައީމަ ބުރުގާ އަޅާހިތްވީ. އެކުދިން ގެ މޮޑެސްޓީ ފެނުނީމަ ހިތަށް އަރަނީ އެއީއޭ މުސްލިމް ކުދިންގެ ޒީނަތްތެރިކަމަކީ. އެންމެން މިހެނެއް ނުވިސްނާނެ. އެކަމަކު އަހަރެން ބޭނުންވޭ ކްރިއޭޓާއަށް އޮބޭ ކުރަން. އައި ޓޯކް ޓު ގޯޑް އެވްރީނައިޓް ބިފޯ ސްލީޕް. އެހެންވެ ހިތަށް އެރީ ގުރުއާނުގައި އަންގަވާފައިވާގޮތަށޭ ޑްރެސްކުރާނީ......." މިނަލް ވައިބާ ހުޅުވާފައި އާޔަތެއް ދެއްކިއެވެ.

"ބޯއިފްރެންޑުން ގެންގުޅުން މަނަލޭ ދެން ނުބުނައްޗޭ..."ލިއަމް ގެ ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ.

"އަދި ހުރިހާ ކަމެއް ނޭގޭ. އެނގުނު ދުވަހަކުން އެ ގުޅުން ކެނޑޭނެ..."މިނަލް ހީގަތެވެ.

"ވަޓް؟" ލިއަމް ލޯ ބޮޑުކޮށްލިއެވެ.

"ވަކިވާ ވާހަކައެއް ނޫނޭ ލަވް...އެބުނީ އޭރުން ދެން ޖެހޭނީ މެރީކުރާށޭ..."

"ޔެސް....." ލިއަމް އުފަލުން ހަޅޭއްލަވައިގަތެވެ.

"ސީރިއަސްކޮށް އެނޫންގޮތެއް ނޯންނާނެ. އަހަންނަށްވެސް ލިއަމްއާއި ނުލާ ނޫޅެވޭނެކަން އެނގެއެއްނު. ލިއަމްއަށް އެނގޭތަ؟ އަހަރެމެންގެ ގެ މިހާރު ކުރިންހެނެއްނޫން. މިއުޒިކްގެ ބަދަލުގައި ގިނަފަހަރު އިވޭނީ ގުރުއާން. ޚާއްސަކޮށް މަޣުރިބަށްފަހު އިޝާއައި ހަމަޔަށް ގުރުއާން ޖައްސާފައި ހުންނަނީ. ވަރަށް ޕީސްފުލް. މިދުވަސްކޮޅު މާމަވެސް ގޭގައި އުޅެނީ. މާމަގެ ޕްރެޝާވެސް ދަށްވެޔޯ ގުރުއާންގެ އަޑު އެހީމަ...ލިއަމްވެސް އަހަރެމެން ގެއަށް އައީމަ ވަރަށް ތަފާތު ޔުނީކް އިހުސާސެއްކުރެވޭނެ. ލައިކް ބީންގް ކްލޯޒާ ޓު ގޯޑް. ކުރިން އެކަހަލަ ފީލިންސް އެހާވަރަށް ނުހުރޭ. މިހާރު ހަމަ ވަރަށް އުޅެން ބޭނުންވޭ ދީނީކޮށް. އައިމް ޕްރައުޑް އޮފް ބީންގް އެ މުސްލިމް..."

"މީ ޓޫ..."ލިއަމްވެސް އެކަމާއި އެއްބަސްވިއެވެ.

***

"ކޮބާ އަދާރާ. ގަސްކޮޅެއް ނެތްތަ؟ މި މަހު ބިލްތައް ފުދޭވަރަށް ބޮޑު. ދިހަހާސް ރުފިޔާ ހޯދަދޭން މަގޭ ލޯބިވާ ދަނބިދަރިކައިރީ ބުނެދީ..."

"މަންމާ....."އަދާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"ނުބުނިއްޔާ އަމިއްލައަށް ބުނާނަން. މަންމައާއިމެދު އަދާރާ ނުވިސްނަންތަ؟"

"ވިސްނަމޭ. މަންމައަށް މި މަންތްވެސް ދިނިން ފަނަރަހާސްރުފިޔާ...."

"މިޒަމާނުގައި ތިއީ އެއްވެސް އެއްޗެއް ނޫން. ޕާޓީގެ ފޯރިވެސް އެހާ ކުޑަ. އެއްޗެއް ލިބޭލެއްވެސް މަދީ. މަންމަ ބޭނުން މިފަހަރު ފްރާންސަށް ޖައްސައިލަން. އެކުވެރިއަކު ދާއިރު އަގުހެޔޮ ޕެކެެޖެއްވެސް އޮތީމަ. އަދާ އިތުރަށް ދިނީމައެއްނު މަންމަގެ ހުވަފެން ފުރިހަމަވާނީ...."އަރޫޝާ ގެ ވާހަކައިން އަދާރާ ދެރަވިއެވެ. އުމްރާއަށް ގެންދަން އުޅުނަސް މިފަހަކަށް އައިސް އޭނަގެ މަންމަ ބޭނުންވަނީ ޔޫރަޕް ތަންތަނަށް ދަތުރުކޮށް މަޖާ ނެގުމަށެވެ. އަރޫޝާ އަދިވެސް އެހާ ބޮޑަށް ބަދަލެއްނުވެއެވެ. އޭނައަށް ދުވެވެނީ ފައިސާއާއި މާއްދިއްޔަތާއިހެދިއެވެ. އަދާރާ އޭނަގެ މަންމައަށްވެސް ހެޔޮ ދުޢާކުރެއެވެ. ކޮންމެވެސް ދުވަހަކުން ދުނިޔެ ފަހާ ނުދުވެ އަޅުވެރިއަކަށް ވުމަށް އަދާރާ އެދެއެވެ.

***

ޑޮކްޓަރ މަޚުތޫމް އާރިސްއާއި ވާހަކަދައްކަން އިންއިރު ގާތުގައި އޭނަގެ އަންހެނުން އަދާރާވެސް މޫނު ބުރުގާ އަޅައިގެން އިނެވެ. އާރިސް އެތައް އަހަރަކަށް ބޭސް ކެއުމަށްފަހު މުޅިން ރަގަޅުކަމަށް ފެނިގެން ބޭސް ހުއްޓައިލީ ޑޮކްޓަރ އިރުޝާދު ދެއްވުމުންނެވެ. ބޭސް ހުއްޓާލުމުންވެސް އަލުން ބަލި އިއާދައެއްނުވިއެވެ. ސްކިޒޮފްރީނިއާގެ އެއްވެސް އަލާމާތެއް އޭނަގެ ގައިން ނުފެނި "ނޯމަލް" ޒުވާނެއްގެ ގޮތުގައި ހުރުމަކީ އާރިސްއާއި އަދާރާއަށްވެސް ލިބުނު އުފަލެކެވެ. އަދާރާވެސް ކޮންމެ ފަރުޟު ނަމާދަކަށްފަހު އޭނަގެ ފިރިމީހާއަށް ޝިފާދެއްވުމަށް އެދި ދުޢާކުރެއެވެ. އާރިސްވެސް އަޅުކަންތައްތަކަށް ފަރުވާ ބަހައްޓާ ގިނަވަގުތު ގުރުއާން ކިޔަވަންފެށުމުން ސިކުނޑިއަށް އޭގެ ރަގަޅު އަސަރުތަކެއް ކުރީކަން ނޭގެއެވެ. އަދާރާގެ ލޯތްބާއި އަޅާލުމާއި އާރިސްގެ ފަރުވާއާއިމެދު ބަހައްޓަމުން އައި ފަރުވާތެރިކަން ބަލީގެ މައްޗަށް ކުރި ހޯދައިފިއެވެ.

"ބައެއްމީހުން ސްކިޒޮފްރީނިއާއިން ރިކަވާ ވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ. އާރިސް މިވަގުތު ތިހިރީ ހަމަ އެއްކޮށް ރަގަޅުވެފައޭ އަހަންނަށް ބުނެވިދާނެ..."

އަލްހަމްދުލިﷲ.."އަދާރާއާއި އާރިސްއަށް އެކީގައި ބުނެވުނެވެ.

"ކޮންމެ ކަމަކަށް ޕޮޒިޓިވްކޮށް ވިސްނާ ހެއްދެވި ފަރާތަށް އިތުބާރުކޮށް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަކީ މިފަދަ ނަފްސާނީ މައްސަލަތަކަށްވެސް ހަމަ ހައްލެއް. ވަރަށް އުފާވެއްޖެ........"

"އަޅުގަނޑަށް ޑޮކްޓަރގެ އެހީތެރިކަމާއެކު އާއިލާއާއި އަންހެނުންގެ ފުރިހަމަ އެއްބާރުލިބުން ލިބުނު. އަޅުކަމާއި ގާތްވެވުނު ސަބަބަކީވެސް އަންހެނުން. ޝިފާ ދެއްވަނީ އެފަރާތުންކަން އެނގޭ. އެހެންވެ ބޮޑަށް ގުރުއާނާއި ގާތްވެވުނީ...ދޯ ފަޔާ ފްލައި...." އާރިސް އޭނައާއި މުޚާތަބު ކުރި ނަން ޑޮކްޓަރަށްވެސް މަޖާވިއެވެ.

"ފަޔާފްލައި ކިޔަނީ ކީއްވެތަ؟"

"ސްކިޒޮފްރީނިއާ އެޕިސޯޑްސްތަކުގައި ވަރަށް ގިނައިން ފަޔާފްލައިސް ފެނޭ. ބައެއްފަހަރު ބޮޑު ސިންގާ އެއްޗެއް ސީލިން ފުރާލާފައިވެސް ފެނިދާނެ. ވަރަށް ބިރުވެސް ގަނޭ އެކަމަކު އެކްސައިޓްވޭ. ސަބަބަކީ އަބަދުވެސް ފަޔާފްލައިގެ މޫނުކޮޅު އިންނަނީ އަދާރާގެ ސިފައިގާ. އަދި އަދާރާ ފުރަތަމަ ފެނުނު ދުވަހުވެސް ހަމަ އެދިމާލުން ފެނުނީ ފަޔާފްލައިސްތައް. އެކަމާއި ހުރި ގުޅުމެއް އެއްގޮތަކަށްވެސް ނޭގޭ. އޭރު ހިތަށް އަރަނީވެސް އަދާއަކީ ސްޕައިއެކޭ. ސްކިޒޮފްރީނިއާ ގެ އަލާމާތެއް އެކަހަލަ ޝައްކުތައްކުރުން. އެކި މީހުންނަށް ފެންނާނީ އެކި އިމޭޖްސްތަކާއި މީހުންނާއި ކަމަށް ވެދާނެ. އެހެންވެ ފަހުން އަދާ ގޮވައިގެން ބޭރު ގައުމުތަކަށްގޮސް ފަޔާފްލައިތައް ބަލަންވެސް ދަން. ކުޑައިރުއްސުރެ ވަރަށް ލޯބިވެސް ވި އެއްޗެއް. މަންމަމެންނާއެކު ގޮސް ފުޅިތަކަށް އެ ލައިގެން އުޅުނު ހަދާންވެސް ވޭ...ސޯ އެންމެ ފަހުން ސިކުނޑީގެ މައްސަލަ ޖެހުނުއިރުވެސް އެގޮތަށް ސްޕެޝަލް އެއްޗަކަށް ވީ އަލިފާން ކޮކާ. ނިމުނުއިރު އަލިފާން ކޮކާލެކޭ ކިޔާ އުޅުނު ކުއްޖާގެ ލޯބިވެސް ލިބުނީ ހެހެ..." އާރިސް ބުނަމުން ދިޔައެވެ. އަދި ސްކިޒޮފްރީނިއާ ގައި އަލިފާން ކޮކާތައް ފެނުނު ގޮތްތައްވެސް ކިޔާދިނެވެ.

މަޚުތޫމް އާރިސްގެ ގައިގާ ބައްދާލުމަށްފަހު އިތުރު އެއްވެސް އެހީއަކަށް ހަޔާތުގެ އެއްވެސް ހިސާބަކުން ބޭނުންވެއްޖެއްޔާ އޭނަ ދުނިޔޭގައި ހުރެއްޖެއްޔާ އެހީތެރިވާނެ ކަމަށް ބުނެ ހިތްވަރުދިނެވެ.

އާރިސްއާއި އަދާރާ އަތު ގުޅުވާލައިގެން ހިނގައިގަތީ ކާރާއި ދިމާލަށެވެ.

"އަހަންނަކީ ޖިންނިއެއްބާ އަނެއްކާ. އަލިފާން ކޮކާވެސް އެއިންނަނީ މަގޭ ސިފައިގާ...." އަދާރާ ހޭންފެށިއެވެ.

"ސިކުނޑީގައި ކުރަހާ ސޫރަތަކާއި އަޑުތަކަކީ ޖިންނިންނާއި ގުޅުން ހުރި އެއްޗެއް ނޫނޭ ލަވް...ނޫނީ ޖިންނިއެއް އަހަރެންގެ ލޯބިވާ ކުއްޖާގެ ސިފައިގާ މަށަށް ފެނިގެން އުޅުނީކަމަށް ވެދާނެ. ސިކުނޑިއަށް އަރާ އިނދެ ވަސްވާސްދެމުން ސިކުނޑި ކަމުން ދިޔައީ. އެންމެނަކަށް ނޫން. ސިހުރަކީވެސް އޮތް އެއްޗެއް. ޖިންނިވެސް ހަމަ އެހެން. އެކަމަކު އެކި މީހުންނަށް ސިކުނޑީގެ ބަލިމަޑުކަންވެސް ތަފާތުގޮތްގޮތަށް ދިމާވާނީ..."

"ކޮންމެ ސަބަބަކާއިހެދިވެސް މިއަދު ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބިއްޖެ. ﷲ ދުއާ އިޖާބަކުރަައްވައިފި..."

ގެއާއި ހަމަޔަށް ދެވުނުއިރު ޖުއާނާއާއި ކުދިން ބަގީޗާތެރޭގައި އުޅޭތަން ފެނުމުން އާރިސްބުނީ އޭނަގެ ދުއާއަކީ މިހާރު ދަރިން ލިބުން ކަމަށެވެ. އާރިސް ފެނުމާއެކު ދާނިލްއާއި ދާނިޝް ދުއްވައިގަތީ އެދިމާލަށެވެ. އާރިސް ދެކުދިންނަށް ދެއަތުގެ ހިމާޔަތްދެމުން އަތްދަނޑިމައްޗަށް އުފުލުލައިލިގޮތަށް ކޮޅަށް ތެދުވުނެވެ. ބައްޕަ ނެތަސް އައްޔަޝްއާއި އާރިސްވެސް ބައްޕަ ނެތުމުގެ ފަޅުކަން އެކުދިންނަށް ފިލުވައިދެއެވެ. ބައްޕައަކު ހުރެގެން ކޮށްދޭނެ ކިތަންމެ ކަމެއްވެސް ކޮށްދޭތީ އެކުދިން ތިބެނީ އައްޔާޝްއާއި އާރިސް ނުފެނިފައެވެ.

***

ޗެރީވުޑްޕެލެސްގެ މެމްބަރުން އައްޔާޝްގެ ޓީވީ ޗެނެލް ބަލަން ބޮޑުކޮޓަރީގައި ތިއްބެވެ. ޝައުންގެ އިންޓަވިއު އެއް ބަލަންތިބި އެންމެންގެ ލޯތައް ފެންކަޅިވީ އޭނަގެ ހަޔާތުގެ އެންމެ ބިރުވެރި ހާދިސާ ސިފަކޮށްދިން ގޮތާއިއެކު ހުސާމްގެ ސަބަބުން ދިރިއުޅުން އެއްކޮށް ބަދަލުވީގޮތް ކިޔާދެމުންނެވެ. މާކް އޭރުވެސް އިނީ ފޯނުން ގޭމްކުޅުމުގެ ފޯރީގައެވެ. އެހެން މީހުން ބަދަލުވަމުން ދިޔަސް އަދި ކިތަންމެ ނަސޭހަތެއް ދިނަސް އެ އުމުރުގެ ކުދިންގެ ސިކުނޑިތަކަށް އެކަން ނަގައިގަންނަން އަދި ފަސޭހަނުވެ ހިނގައިދާނެއެވެ. ނަމަވެސް މާކްގެ ކޮންމެ ހަރަކާތަކަށް ކޮންމެ ފިޔަވަޅަކަށް އޭނަގެ ބޭބެމެން ސަމާލުވާވަރުން ގޭމްގައި ޖެހިގެން އޮޔާލާ ކޮންމެ ވަގުތަކު އޭނަ ސަލާމަތްކޮށްދެއެވެ.

"އަބަދުވެސް އެކުވެރިޔާއަށް ދުޢާކޮށްދެން. ގިޔާމަތްދުވަހުން އެކީގައިވާން އެދެނީ. އެންމެ ފަހު ވަގުތުވެސް ސޭމް ބުނި ޝައުންއޭ ޗޭންޖްވާށޭ...." ޝައުން ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

ޖުއާނާއަށް ރަގަޅަށް ރޮވުނެވެ.

"މަންމި ޑޯން ކްރައި." ދާނިލް ނިކަން ލޯބިން ޖުއާނާގެ ލޮލަށް ބޮސްދިނެވެ.

"އާނ މަންމަގެ ސްވީޓްހާޓް...މަންމަ ނުރޯނަމޭ...."

ޝައުން ގުރުއާންގެ ސޫރަތެއް ކިޔަވައިލިގޮތުން ގައިން ހީބިހިނަގާވަރުވިއެވެ. ކުރިން ލަވަކިޔުންތެރިއެއްކަމަކު މިއަދު އެއީ މަޝްހޫރު ގާރީއެކެވެ.

"ލިއަމްގެ ބްރަދާ...." މިނަލްއަށް ބުނެވުނެވެ. "އަދި ލިއަމްވެސް ގާރީއަކަށްވާނެ އިންޝާﷲ......"

އާރިސް އަދާރާގެ އަތުގައި ބޮސްދިނެވެ. އެންމެންނަށް ސިއްރުންނެވެ. "ސޭމްވެސް ވަކިވެގެން ދިޔައީ އެތައް ބަޔަކަށް ފިލާވަޅެއްދީފައި. މޭ ﷲ ގްރާންޓް ހިމް ޖަންނަތް."

"އާމީން..." އަދާރާވެސް އާރިސްގެ އަތް ގެނެސް މޫނުގައި ޖެއްސިއެވެ. އެތައް ހިތާމައަކަށްފަހު އަދާރާއަށްވެސް މިއަދުވަނީ އޭނަގެ މޫނުގައި ވާ ލަކުނަކީ މުހިއްމު އެއްޗެއް ނޫންކަމާއި ކޮންމެވެސް ދުވަހަކުން އޭނައަށްޓަކާ ވާ ބައިވެރިޔާ އެކުގައިވާނެކަން އެނގިފައެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް މިހާ އުފާވެރިކަމާއި އަމާންކަންމަތީގައި ލެއްވުމަކީ އޭނަގެ ދުޢާއެވެ.

ނިމުނީ