ބޮލީވުޑްގެ ފިލްމް ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީސްއަށް އިންތިޒާރުކުރާ ފަރާތްތަކަށް އިއްޔެ އޭނާ ހަދިޔާއެއް ރައްދުކޮށްދީފިއެވެ.

"ހީރާ މަންޑީ"ގެ ނަމުގައި ނެޓްފްލިކްސްއާ ގުޅިގެން ބަންސާލީ އުފައްދާ ސީރީސްގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ދައްކާލުމާއެކު ގިނަ ބައެއްގެ ތަޢުރީފު ސަންޖޭއަށް ވަނީ އޮއްސާލާފައެވެ.

ވަރަށް ޝާހީ، އާސާރީ ގޮތެއް ފެންނަ އެ ޕޯސްޓަރުން ސީރިސްގެ ބައެއް އެކްޓަރުން ފެނެއެވެ. އޭގެތެރޭގައި މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންގްހާ، އަދިތީ ރާއޯ ހައިދްރީ، ރިޗާ ޗައްދާ، ޝަރްމިން ސެގަލް، އަދި ސަންޖީދާ ޝައިޚް ފެނެއެވެ.

"ހީރާ މަންޑީ"ގެ ފުރަތަމަ ޓީޒާއާއެކު ސަންޖޭ ލީލާ ބަންސާލީއަށް ތަޢުރީފުކޮށް ނެޓްފްލިކްސްގެ ސީ.އީ.އޯ ޙިއްސާކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ، ކުޅަދާނަ ޕްރޮޑިއުސަރު ބަންސާލީގެ ޖާދޫގެ ދުނިޔެއެއް ދައްކާލުމުގެ ވަގުތު އަނެއްކާވެސް ޖެހިފައިވާ ކަމަށެވެ.

މި ސީރީސް ޖުމްލަ އަށް އެޕިސޯޑަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާއިރު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނުނުކުރެއެވެ.

މި ސީރީސްގައި ދައްކުވައިދޭނީ، އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރިން އިންޑިއާގެ ވަކި ހިސާބެއްގައި ދިރިއުޅުނު ޝާހީ ޖާރިޔާއިންތަކެއްގެ ދިރިއުޅުމެވެ. މި ސީރީސްއަކީ ލޯތްބާއި، ލޯބީގައި ދިމާވާ ހިތްދަތިކަމާއެކު ބައެއް ސިޔާސީ ކަންތައްތަކެއްވެސް ފެންނާނެ ސީރީސްއެކެވެ.

މި ވެބް ސީރީސްއިން ފެންނާނެކަމަށް ބުނެފައިވާ އިތުރު ތަރިންގެ ތެރޭގައި، ކުރިން މަޝްހޫރުވި އެކްޓަރު ފަރުދީން ޚާން، ޖެކީ ޝްރޮފް، ޝަބާނާ އަޒްމީ އަދި މުމްތާޒް ހިމެނެއެވެ.

ބަންސާލީއަކީ އަބަދުވެސް ވަރަށް ތަފާތު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދާ ޕްރޮޑިއުސަރެކެވެ. މިހާތަނަށް އޭނާގެ ފަރާތުން އުފައްދާފައިވާ ފިލްމުތަކަކީ ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި، ފިލްމު "ހަމް ދިލްދޭ ޗުކޭ ސަނަމް"، "ގަލިޔޯންކާ ރާސްލީލާ، ރާމް ލީލާ"، "ބަޖީރާއޯ މަސްތާނީ"، "ޕަދްމަވާތް" އަދި އެންމެ ފަހުން ރިލީޒް ކުރި ފިލްމު "ގަންގޫ ބާއި ކަތިއާވާޅީ" ހިމެނެއެވެ.