މިދިޔަ އަހަރުގެ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ ޝަރީއަތް ފަށައިފިއެވެ.

ޒަޔާނުގެ މަރުގެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުއްޖެއް ހިމެނެއެވެ. އެ ކުދިންގެ ބައި ޖުވަނައިލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތް މީހުން:

  1. އަހުމަދު ނަބީލް، 32އ. (ސ. ފޭދޫ/ ސަންޝައިން).
  2. އައިލިޝް އަލީ، 29އ. (ސ. ފޭދޫ/ ފުފޫމާގޭ)
  3. އަބްދުﷲ ނިޒާރު, 28އ. (ސ. ފޭދޭ/ ކާމަރަނގަގެގެ)
  4. އަހުމަދު އަބްދުﷲ، 25އ. (ސ. ފޭދޫ/ ކަރަންފޫގެ)
  5. އަހުމަދު ޝުޖާއު، 24އ. (ސ.ފޭދޫ/ ދިރިމާގޭ)
  6. އަބްދުﷲ ރަޝީދު، 22އ. (ސ.ފޭދޫ/ ދިރިމާގޭ)
  7. ޔައިޝް އަންވަރު، 19އ. (ސ.ފޭދޫ/ ކަދުރުމާގެ)

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ, މި މައްސަލައިގައި ގިނަ އަދަދެއްގެ ލިޔެކިޔުުން ހިމެނޭ ކަމަށާއި އެހެން ކަމުން އެ ހުރިހާ ލިޔެކިޔުމެއް ދިފާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް އިދާރީ އަޑުއެހުމެއް އަދި ބާއްވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

މައްސަލައިގައި ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައިވާއިރު ދައުލަތުން ވަނީ ހެކި ރައްކާތެރި ކޮށްދިނުމުގެ އަމުރަކަށް ވެސް އެދިފައެވެ. އެކަންކަމަށް ގޮތް ނިންމުމަށް އެހެން އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު އިދާރީ އަޑުއެހުން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށެވެ. އެވަގުތު ވާހަކަ ދެކެވޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ސާމިހް ވިދާޅުވިއެވެ.

އެ މީހުންގެ ތެރެއިން 22 އަހަރާއި 34 ދެމެދުގެ ހަ މީހުންނަކީ ހަތަރު ކުޑަކުއްޖަކު ލައްވައި ޒަޔާނު މަރާލުމަށް ރާވައި، އެކަން އިންތިޒާމް ކުރި މީހުން ކަމަށް ސާމިހް ވިދާޅުވިއެވެ.

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ އެ ހަތަރު ކުދިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ކުދިންނަކީ ޒަޔާނަށް ހަމަލަ ދިނުމުގެ އިތުރުން ހެކި ނައްތާލުމުގައި ހަރަކާތްތެރިވި ކުދިން ކަމަށާއި އެކަމުގައި އަމަލީ ގޮތުން ދެން ބައިވެރިވެފައިވަނީ ޔައިޝް އަންވަރު ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާދިނުމަށް ފަހު ފިލަން އުޅުނު މަންޒަރާއި ހެކިނައްތާލުމަށް ކުރި މަސައްކަތް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އަދި ސީންއިން ހޯދުނު ބައެއް ހެކިތައް މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.