ވޮޝިންޓަން (19 ފެބްރުއަރީ 2023): ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށާއި އެފިޔަވަޅުތަކުގެ ބާރު ކެނޑޭގޮތަށް އަމަލު ނުކުރުމަށް ދުނިޔޭގެ ގައުމުތަކަށް އެމެރިކާ އިންޒާރުކޮށްފިއެވެ.

އެމެރިކާގެ މާލީ ވަޒީރުގެ ނައިބު ވާލީ އެޑިޕްމޯ ވިދާޅުވީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބޯލަނބަންޖެހޭނެ ކަމަށެވެ. އެޑިޕްމޯ ވިދާޅުވިގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކާއި ކުންފުނިތަކުން ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ރަޝިއާއާ އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް ކުރަމުންނެވެ.

މިއީ ބަލައިގަންނެވޭނެ ކަމެއް ނޫންކަން ބަޔާން ކުރައްވަމުން އެޑިޕްމޯ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހާ ގައުމުތަކާއި ކުންފުނިތަކަށް އެކަމުގެ ހިތި ނަތީޖާތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. ހިތިނަތީޖާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވީ އެމެރިކާއާއި ޔޫރަޕްގެ ބަޒާރަށް ވަނުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ކުޑަވެގެން ދިޔުމެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާޒާރުތަކަށް އެންމެ ބޮޑަށް ވަދެފައިވާ ޗައިނާއާއި އިންޑިއާ އަދި ބްރަޒީލްއާއި ގަލްފުގެ ގައުމުތަކަކީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުންނުދޭ ގައުމުތަކެވެ.

މީގެއިތުރުން އާސިޔާންގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކަކީވެސް އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކަށް ގޮންޖަހައި ރަޝިއާއާ މުއާމަލާތްތައް ކުރަމުންގެންދާ ގައުމުތަކެވެ. މިއިން އެއްވެސް ގައުމަކާ ދެކޮޅަށް އެމެރިކާއަށް ކުރެވުނު މާބޮޑުކަމެއް އަދި އެޅުނު މާބޮޑު ފިޔަވަޅުތަކެއް މިހާތަނަކަށް ނެތެވެ.

މިޔުނިކް ކޮންފަރެންސްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާގެ ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަނުގެ ވެރިޔާ ވާންގް ޔީ އާ ބައްދަލުކުރައްވަނީ

އަނެއްކޮޅުން ޖަރުމަނުގެ ސިޓީއެއް ކަމަށްވާ މިޔުނިކްގައި ހިނގަމުންދާ ބައިނަލްއަގްވާމީ އަމަނާއި ސުލްހައާބެހޭ އެންމެ ބޮޑު މަހާސިންތާ ކަމަށްވާ "މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންވަނީ ރަޝިއާއަށް އެހީތެރިކަން ފޯރުކޮށްދީގެން ނުވާނެކަމަށް ވިދާޅުވެ ޗައިނާއަށް އިންޒާރެއް ދެއްވާފައެވެ.

މި މަހާސިންތާގެ އަރިމަތީގައި ޗައިނާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އެގައުމުގެ ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަނުގެ ވެރިޔާ ވާންގް ޔީ އާ ބައްދަލުކުރައްވައި ބްލިންކެންވަނީ ރަޝިއާއަށް ޔުކްރެއިން ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ބޭނުންވާފަދަ އެއްވެސް އެހީތެރިކަމެއް ޗައިނާގެ ފަރާތުން ދީގެން ނުވާނެކަމަށް ވިދާޅުވެ ޗައިނާއަށް އިންޒާރު ދެއްވާފައެވެ.

ބްލިންކެން މިގޮތަށް އިންޒާރު ދެއްވިނަމަވެސް ޗައިނާ ގެންދަނީ އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެގައުމު ކަމަށްވާ ރަޝިއާއާއި އީރާނާއެކު ވަރަށް ފުޅާދާއިރާއެއްގައި ވިޔަފާރީގެ މުއާމަލާތައް ހިންގަމުންނެވެ. މީގެތެރޭގައި ޗައިނާއިން އެދެގައުމުގެ ތެލާއި ގޭސް ކުރިޔަަށްވުރެ ބޮޑަށް ގަންނަން ފެށުމާއި އެދެގައުމަށް ބޭނުންވާ އާންމު މުދާ އެދެގައުމަށް އެކްސްޕޯޓް ކޮށްދިނުން ހިމެނެއެވެ.

ޗައިނާ މި މުއާމަލާތްތައް ހިންގަނީ އެމެރިކާގެ ޑޮލަރު އެއްފަރާތްކުރުމަށްފަހު ޗައިނާގެ ފައިސާގެ އިތުރުން ރަޝިއާއާއި އީރާނުގެ ފައިސާ ބޭނުންކޮށްގެންނެވެ. މިމައްސަލާގައި އެމެރިކާވަނީ ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އެއީ ޗައިނާފަދަ އެމެރިކާގެ އިގްތިސާދަށް ގޮންޖަހާލުމުގެ ގާބިލުކަން ލިބިފައިވާ ބިޔަ އިގްތިސާދަކަށް އެނގުންވާވަރަށްވުރެ މާބަލިކަށި ފިޔަވަޅުތަކެކެވެ.

ޗައިނާއަށް އިންޒާރުތައް ދިންނަމަވެސް އެމެރިކާއަކީ ޗައިނާއަށް ވަރަށް ބޮޑުތަނުން ދަރާފައިވާ ގައުމަކަށްވާތީ ޗައިނާއާ ދެކޮޅަށް އަދި ޗައިނާގެ ކުންފުންޏަކާ ދެކޮޅަށްވެސް އޮއްޓަރެއްހުރި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އެމެރިކާއަށް ނުކެރޭނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލެއް ނުކުރެއެވެ. މިފިޔަވަޅުތަކަށް އަމަލުކުރަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އެކަންޏެވެ. ދެން ވަރަށް ކުޑަކޮށް ޖަޕާނާއި ދެކުނު ކޮރެއާ، ސިންގަޕޫރު އަދި ކެނެޑާއިން އެކަމަށް އެއްބާރުލުން ދެއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކޮށްގެން ރަޝިއާ އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕުން ރޭވި ރޭވުންތަކާއި އެޅި ފިޔަވަޅުތައްވަނީ ނާކާމިޔާބުވެފައެވެ.