ޑިޒްނީއިން މިހާތަނަށް އެންމެ ގިނަ ފަހަރަށް ރީބޫޓްކޮށްފައިވާ މާވެލްގެ ސުޕަހީރޯ ޓީމުގެ ފްރެންޗައިޒް ކަމަށްވާ "ފެންޓަސްޓިކް ފޯ"ގެ އާ ތަރިން ހޯދުމުގެ މަސައްކަތް މި މަހު ފަށަން ތައްޔާރުވެއްޖެއެވެ.

ކޮމިކްތަކަށް ބިނާކޮށް ޑިޒްނީއިން ތައްޔާރުކުރާ މާވެލް ސުޕަހީރޯ ފިލްމުތަކެއް ކަމަށްވާ ފެންޓާސްޓިކް ފޯ ހިޓަކަށް ހަދަން މަސައްކަތް ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެކަން އަދި ކާމިޔާބު ވާ ގޮތް ވަނީ ނުވެފައެވެ.

ފެންޓާސްޓިކް ފޯގެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 1994 ވަނަ އަހަރުގައެވެ. އެއަށްފަހު ފިލްމު ފްރެންޗައިޒް ފުރަތަމަ ރީބޫޓްކޮށްފައިވަނީ 2005 ގައެވެ. އެ ފަހަރު ވަނީ ދެ ފިލްމެއް ނެރެފައެވެ. ދެން އަނެއްކާ 2015 ވަނަ އަހަރުގައި ފިލްމު ރީބޫޓް ކުރިއެވެ. އެފަހަރުވެސް ފިލްމުވީ ދިޔައީ ބޮޑު ފްލޮޕަކަށެވެ.

މިފަހަރު ފްރެންޗައިޒް އަންނާނީ މާވެލްގެ ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)ގެ ތެރެއިންނެވެ. މި ފިލްމު ހިޓަކަށް ހެދުމަށް ޑިޒްނީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ވަނީ އިޝާރާތްކޮށްފައެވެ.

އެއާއެކު މިހާރު އަންނަނީ ފިލްމުގެ ތަރިން ހަމަޖެއްސުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމުގެ ކާސްޓިންގެ މަސައްކަތް ޑިޒްނީއިން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެންމެ ފުރަތަމަ ހޯދާނީ، ފެންޓާސްޓިކް ފޯގައި އަންހެން ލީޑް "ސޫ ސްޓޯމް" ކުޅޭނެ އެކްޓްރެސްއެކެވެ. ބާކީ ރޯލުތަކަށް މީހުން ހަމަޖައްސާނީ ސޫ ގެ ރޯލު ހަމަޖެހުމުން ކަމަށްވެއެވެ.

އެމްސީޔޫގެ ފެންޓާސްޓިކް ފޯ ރީބޫޓް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީގެ ތެރޭގައެވެ.