16 Apr 2012, 16:24
މީޑިއާ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންތިހާބު ކުރެވިފައިވާ މީޑިއާ ކައުންސިލްގެ ދައުރު މި މަހު 28 ވަނަ ދުވަހު ހަމަވާތީ އަލަށް އިންތިހާބު ކުރާ މީޑިއާ ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރުން ހުޅުވައިލައިފި އެވެ.
މީޑިއާ ކައުންސިލްގައި ހިމެނެނީ 15 މެންބަރުންނެވެ. އެއީ މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ފަރާތުން ހޮވާ ހަތް މެންބަރުންނެވެ.
މި މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެއްސަކަށް ވުމާއި 18 އަހަރު ފުރިފައި ހުރިމީހަކަށް ވުމާއި ހައްދު ކަނޑައަޅާފައިވާ ކުށެއް ކޮށްފައި މީހެއްކަމަށް ނުވުމާއި ކުޑަކުދިނަށް ޖިންސީ ގޯނާ ކުރުމާއި ރިޝްވަތު ނުވަތަ ހިޔާނާތުގެ ކުށެއް ކޮއްފައިވާ މީހެއްކަމަށް ނުވުމެވެ. އަދި ވޭތުވެދިޔަ 2 އަހަރު ތެރޭ ޖިނާއީ ކުށެއް ސާބިތު ވެފައިނުމާއި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫހެއްގައި އެމީހަކު ލިޔުނު އެއްޗަކާމެދު ޝަރީއަތައް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
ކައުންސިލްގެ މަގާމަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހު 23 ވަނަ ދުވަހެވެ. މިއިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.