19 Feb 2023, 13:23
މި ފަހަކަށް އައިސް މަކަރާއި ހީލަތުން ބީއެމްއެލްގެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫޒާ ނޭމްއާއި ޕާސްވޯޑް ހޯދުން އާންމުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ އިންޓަނެޓް ބޭންކިންއަށް އެކްސެސްވެ، ފިހާރަތަކަށް ކިއު އާރް ޕޭމެންޓްތައް ހަދަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިންއިން ލޮގިންވާ ކޮންމެ ފަހަރަކު، އެ ނޮޓިފިކޭޝަން ކަސްޓަމަރަށް ލިބޭނެ ކަމަށެވެ. އަދި އެފަދަ ލޮގިންއެއް އެ ކަސްޓަމަރަކު ނުކުރާ ނަމަ، ވީހާވެސް އަވަހަކަށް އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކުރުމަށް ބީއެމްއެލްއިން އެދިފައިވެއެވެ.
މީގެ އިތުރުން އެފަދަ މައުލޫމާތު، އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.
ގިނަ ފަހަރު މިފަދަ މައްސަލަތައް ފެންމަތިވަނީ، އެކިއެކި މުއައްސަސާތަކާއި، އެކި ނަންނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުތަކުގައި ހުންނަ ލިންކްތަކަށް ވަނުމުންނެވެ. އެހެންކަމުން އެފަދަ ލިންކުތަކާއި މެސެޖުތައް ނުހުޅުވުމަށް ވެސް ބޭންކުން ވަނީ އެދިފައެވެ.
ބީއެމްއެލްއިން އޮތެންޓިކޭޓާތަކަށް ބަދަލުކުރި ފަހުން އީމެއިލްއިން އޯޓީޕީ ހޯދައިގެން ކުރިން ހިންގި ފަދަ ސްކޭމްތައް މިހާރުވަނީ ހުއްޓިފައެވެ. ކުރިން ކަސްޓަމަރުންގެ އީމެއިލް ކޮމްޕްރޮމައިޒް ވުމުގެ ސަބަބުން އެ ކަސްޓަމަރު ކުރާ ޓްރާންސެކްޝަންތަކުގެ އޯޓީޕީ އެފަދަ ފަރާތްތަކަށް ލިބުމުގެ ފުރުސަތު އޮވެއެވެ.