19 Feb 2023, 12:39
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މެމްބަރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދީ، އެ މީހުން އަނބުރާ މުޖުތަމައަށް ގެނައުމާ ގުޅޭ ގޮތުން އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ވައުދުވެފައި ވީ ނަމަވެސް، އެވައުދު ފުއްދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ނިޒާމާއި، އޮނިގަނޑު ރާވާފައިވާ ގޮތުން މެނިފެސްޓޯގެ ލަނޑުދަނޑި ހާސިލުނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވުރާ އެއްގޮތަށް ފަރުވާ ދެވޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތުގެ ތެރޭގައި ނެތް ކަމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ނުލިބި އެ މީހުން މުޖުތަމައުން ބާކީވެ އެ މީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ދިޔުމަށް އަވަސް ހައްލެއް ހޯދަން ބޭނުންވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
"ދިގު މުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް މިވަގުތު ރާއްޖޭގައި ހުރި ދެ މަރުކަޒުގައިވެސް، ފަރުވާދޭނެ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގައި ޖާގައިގެ 50 ޕަސަންޓް ވެސް ފާއިތުވި އަހަރު ބޭނުންކުރެވިފައި ނުވާކަން ފާހަގަކުރެވޭ." ގަރާރުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އިތުބާރު ހިފޭ ފަރުވާ ދޭ ނިޒާމެއް ގާއިމް ކުރުމަށް، ދިގު ނުދައްމައި ސަރުކާރުން އަވަހަށް ގާއިމް ކުރުމަށް ސަރުކާރުގެ ފަރާތުން އަމިއްލަ ފަރާތްތަކަށް އަދި ވަކިން ހާއްސަކޮށް ބޭރުގެ ތަޖުރިބާކާރުންނަށް އެ ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށާއި، އެފަދަ މީހުން އެ ކަމުން ސަލާމަތް ކުރެވެން އޮތީ އެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގެ ކަންކޮޅުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ކޮމިއުނިޓީ ރީ އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްގެން ކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ހަމަ އެހެންމެ، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލައި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ކައުންސެލިންގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.