19 Feb 2023, 12:19
މާލޭގެ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށުން ދޫކޮށްލައިފިއެވެ.
އާންމުންގެ ސަމާލުކަމަށް އައުމާއެކު ފުލުހުން އޭނާއާ ސުވާލުކުރުމަށްފަހު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ފުލުހުންވަނީ އޭނާއާ ގުޅޭ ގޮތުން ދެނެގަންނަންޖެހޭ މައުލޫމާތުތައް ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ.
އެ އަންހެން މީހާގެ މައްސަލައިގައި އިމިގްރޭޝަނާ ސުވާލުކުުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އޭނާއާ ގުޅޭގޮތުން އިމިގްރޭޝަންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށްފަހު މިހާރު އޭނާ ދޫކޮށްލައިފައިވާކަމަށެވެ.
އަދި އިތުރަށް ތަހުގީގު ކުރިއަށްދާއިރު އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އޭނާއާ މެދު ފިޔަވަޅެއް އަޅަން ނިންމާނީ ތަހުގީގުން އޭނާގެ މައްސަލައެއް ފާހަގަވެއްޖެނަމަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތަހުގީގުގެ އެންމެ ފުރަތަމަ މަރުހަލާގައިވާނެ އޭނާގެ އައިޑެންޓިޓީ ދެނެގަނެފައި. ދެން ދިވެއްސަކާ ކައިވެނިކޮށްގެން އޭނާ އުޅެނީ. ފިޔަވަޅު އަޅަން ވަކި ގޮތެއް ނިންމާނީ ތަހުގީގު ނިމުނީމާ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ އައީ މާލޭގެ އެކި ހިސާބުތަކުގައި އެކި ވަގުތުތަކުގައި ސަލާން ޖަހަމުންނެވެ. އޭނާގެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ އޭނާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ޕޯސްޓުތަކުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ޕޯސްޓުތަކުގައި ވަނީ އޭނާ ސަލާންޖަހަން ބޭނުންކުރާ އެކި އުކުޅުތަކުގެ ވާހަކަ ދައްކައިފައެވެ. އެގޮތުން ބައެއް މީހުން ގާތު އޭނާ ކައިވެނިކޮށްގެން އުޅުނު ދިވެހި މީހާ އޭނާ ވަރިކޮށްފައިވާކަމަށް ބުނެއެވެ. އަދި އުޅެނީ ދަތި ހާލުގައި ކަމަށް ވެސް ބުނެއެވެ.