20 Feb 2023, 01:44
ނިމިދިޔަ ދެ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 30 އިންސައްތަ އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 267،507 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. ނިމިދިޔަ ދެ އަހަރުގެ މި މުއްދަތަށް ބަލާނަމަ، 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 142،125 ފަތުރުވެރިންނެވެ. އަދި ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 206،181 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މި އަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5،815 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
އެގޮތުން މިދިޔަ މަހު، އެވްރެޖް ގޮތެއްގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5،564 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މި މަހު އެ އަދަދު އުފުލި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގަައި 6،334 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ޗުއްޓީ ހޭދަކުރާ އެވަރެޖު މުއްދަތަކީ އަށް ދުވަހެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. މުޅި މާކެޓުގެ 12.8 ޕަސެންޓު ހިއްސާކުރާ ރަޝިޔާއިން 34،128 ފަތުރުވެރިއަކު ޒިޔާރަތްކޮށްފިއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއެވެ. އެ ގައުމުން 29،513 ފަތުރުވެރިއަކު ރާއްޖެއަށް އައިއިރު، ތިންވަނަައިގައި އޮތް އިނގިރޭސިވިލާތުން 25،396 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ކޮވިޑްގެ ކުރިން ރާއްޖޭގެ އެއް ނަންބަރު މާކެޓު، ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ ގުޅިގެން އެ ގައުމުން އަންނަ ޓޫރިސްޓުން އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން 8،015 ފަތުރުވެރިން އައިސްފައިވާއިރު، މާކެޓުގެ ތިން ޕަސެންޓު މިހާރު ހިއްސާކުރަނީ ޗައިނާއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހުރި 172 ރިސޯޓުގެ ތެރެއިން 168 ރިސޯޓެއް އޮޕަރޭޓް ކުރާއިރު، އެއީ އެނދުގެ ނިސްބަތުން ބަލާއިރު 41،945 އެނދެވެ. އަދި 13 ހޮޓެލުން 1640 އެނދު، 883 ގެސްޓް ހައުސް އިިން 14،282 އެނދުގެ އިތުރުން، 152 ސަފާރީއަކުން 2،953 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުން ކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު ރިސޯޓުތަކަކީ ރާއްޖޭގެ މާކެޓުގެ 69 އިންސައްތައެވެ. އަދި 23 އިންސައްތަ ގެސްޓް ހައުސްތަކަށް ވާއިރު، ފަސް އިންސައްތައަކީ ސަފާރީ އުޅަނދުތަކެވެ. ބާކީ ތިން އިންސައްތަ ހިއްސާކުރަނީ ހޮޓެލުތަކެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަދަދަށް ޓޫރިސްޓުން އައިސްފިނަމަ، 1.7 މިލިއަން ޓޫރިސްޓުން އައި 2019 ވަނަ އަހަރުގެ ރެކޯޑު މުގުރާލާނެއެވެ.