ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރުކަމުގެ މަގާމަށް ކުރިން ވެސް އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހީމް އިންތިޚާބުވެއްޖެއެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިހް "ސަން"އަށް ވިދާޅުވީ، ގާސިމް އިންތިޚާބުވީ އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި އޭނާގެ އިތުރުން އެހެން މީހަކު ކުރިމަތިލައިފައި ނުވާތީކަމަށެވެ.

އާ ދައުރަކަށް އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރާނީ މި މަހުގެ 24 އަދި 25 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގައެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ ހޮނިހިރު ދުވަހުގެ މެންދުރު 14:00އަށެވެ.

އެ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ

  • ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ
  • ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް
  • މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު
  • އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)
  • ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު
  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް
  • ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
  • އެންވަޔަރަމަން މިނިސްޓަރު ޑރ. ހުސައިން ރަޝީދު
  • ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ޔަޝްފާ އަބްދުލް ޣަނީ

އެ ޕާޓީގެ ކޮންގްރެސުން އަލަށް އިންތިޚާބު ކުރާ ކައުންސިލުން ނިންމާނެ އެންމެ މުހިންމު ނިންމުމަކީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެވެ. މިގޮތުން، އެ އިންތިޚާބަށް އެ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރޭނެތޯ ކޮންގްރެސްގައި ނިންމާނެއެވެ.