ދިމިޝްގު (19 ފެބްރުއަރީ 2023): އިސްރާއީލުން ސީރިޔާގެ ވެރިރަށް ދިމިޝްގުގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ވައިގެ ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލައިފިއެވެ.

ސީރިޔާގެ ރަސްމީ މީޑިއާ ބުނާގޮތުން އިސްރާއީލުގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިރަށް ދިމިޝްގުގެ މީހުން ބައިބޯ ސަރަހައްދެއްގައިވާ އެޕާޓްމަންޓް އިމާރާތްތަކަކަށެވެ. އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި އާންމުންގެ ފަސް މީހުން މަރުވެ 15 މީހުން ޒަޚަމްވިކަމަށް ސީރިޔާގެ ރަސްމީ ނޫސްއެޖެންސީ "ސާނާ" ޚަބަރު ދެއެވެ.

އިސްރާއީލަކީ ސީރިޔާގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެން ސީރިޔާ ބަލިކަށިވުމާއެކު 2016 ވަނަ އަހަރުން ފެށިގެން ސީރިޔާގެ އެކިކަންކޮޅުތަކަށް އުދުވާނީ ހަމަލާތައް ދެމުންގެންދާ އަނިޔާވެރި އިސްތިއުމާރީ ގައުމެކެވެ. އިސްރާއީލުގެ ހަމަލާތައް އަމާޒުކުރާ ސީރިޔާގެ ތަންތަނުގެ ތެރޭގައި ސީރިޔާގެ ވެރިރަށް ދިމިޝްގުގެ މައި އެއާޕޯޓާއި ސީރިޔާގެ މަދަނީ އަދި އަސްކަރީ މަރުކަޒުތަކާއި އާންމުން ދިރިއުޅޭ ގެދޮރު ހިމެނެއެވެ.

އިސްރާއީލުން އަހަރެއްގެ މައްޗަށް 300 އެއްހާ ހަމަލާ ސީރިޔާއަށް ދޭކަމަށް ޚުދު އިސްރާއީލުން ބުނެފައިވެއެވެ. ސީރިޔާއަކީ ދާޚިލީ ހަނގުރާމައިގާ މުޅިން ހަލާކުވެ ފުނޑުފުނޑުވެފައިވާ ގައުމަކަށްވާތީ އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ސީރިޔާއިން އިސްރާއީލަށް ހަމަލާއެއް ނުދެއެވެ. ނަމަވެސް ސީރިޔާއަށް ހަމަލާދޭ އިސްރާއީލުގެ މިސައިލްތަކަށް ހަމަލާދީ އޭގެތެރެއިން ބައެއް މިސައިލްތައް ވައްޓާލައެވެ. އަދި ސީރިޔާއަށް ހަމަލާދޭ އިސްރާއީލުގެ ފައިޓާޖެޓްތަކަށްވެސް ސީރިޔާގެ ދިފާއީ ބާރުތަކުން ދޭ ރައްދު ހަމަލާތައް އަމާޒުވެފައިވެއެވެ.

ދިމިޝްގުގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދީފައިވަނީ ރޭ ފަތިހުއެވެ. އޭރު އެއިމާރާތްތަކުގައި ދިރިއުޅޭ މީހުން ތިބީ ނިދާފައެވެ. މިހަމަލާގެ ގެއްލުންތައް މިހާ ބޮޑުވީ ފަތިހު މީހުން ނިދާފައި ތިއްބައި އާންމުން ދިރިއުޅޭ އިމާރާތްތަކަކަށް ހަމަލާދިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ބުނާގޮތުން ސީރިޔާއަށް ހަމަލާދެނީ ސީރިޔާގައި އީރާނުގެ އަސްކަރީ ބާރުތައް އޮންނާތީއާއި ސީރިޔާ މެދުވެރިކޮށް އީރާނުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭތީއެވެ. ސީރިޔާގައި އީރާނުގެ އަސްކަރީ ބާރުތައް ތިބެނީ ސީރިޔާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ސީރިޔާ ސަރުކާރު ބުނެއެވެ. އީރާނުގެ އިތުރުން ރަޝިއާގެ އަސްކަރީ ވުޖޫދުވެސް ސީރިޔާގައި އޮވެއެވެ.

އިސްރާއީލުން ސީރިޔާގެ އެކިތަންތަނަށް އުދުވާނީ ހަމަލާތައް ދޭއިރު އެމެރިކާ ވެސް ވަނީ ސީރިޔާގެ ހުއްދައަކާނުލައި ސީރިޔާގެ އިރުއުތުރުގައި އޮންނަ ކުރުދީ ބާޣީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ވަދެގަނެ އެތަނުގައި ފައިހަރުކޮށްފައެވެ. އަދި އެމެރިކާ ސިފައިންގެ މައްޗަށްވަނީ ސީރިޔާގެ އިރުއުތުރުގެ ތެޔޮވަޅުތަކުން ތެޔޮ ވަގަށް ނަގައިގެން ކަޅު ބާޒާރުގައި ވިއްކައިގެން އެއިން ލިބޭ ފައިސާއިން ކުރުދީ ބާޣީންނަށް ފަންޑުކުރާ ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

ކުރުދީ ބާޣީންނަށް އެމެރިކާ އެހިވާތީ ތުރުކީންވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކޮށްފައެވެ. ސީރިޔާއަށް އިސްރާއީލުން ދޭ އުދުވާނީ ހަމަލާތަކުގައި ސީރިޔާގެ ސިފައިންނާއި އާންމުން މަރުވެ ސީރިޔާއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ މިމައްސަލަ ސީރިޔާއިން އދ. އަށް ހުށަހެޅި ނަމަވެސް އެހަމަލާތައް ކުށްވެރިކޮށް އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އދ.އިން މަސައްކަތެއް ނުކުރެއެވެ. އިސްރާއީލުން ސޫިރޔާއަށް ދޭ އުދުވާނީ ހަމަލާތަކުގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށް ސީރިޔާ ސަރުކާރުން ތުހުމަތު ކުރެއެވެ.