ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް އޮރިޖިނަލް ޝޯ "އައުޓާ ބޭންކްސް" ހަތަރު ވަނަ ސީޒަނަކަށް ރިނިއު ކޮށްފިއެވެ.

އައުޓާ ބޭންކްސްގެ ދެވަނަ ސީޒަނަށް ފަހު އެ ސީރީސް ބަލާ މީހުން އިންތިޒާރުކުރަމުން އަންނަނީ ޝޯގެ "ކްލިފް ހޭންގާ"އަށް ޖަވާބެއް ލިބޭނެ ދުވަހަކަށެވެ. އެ އިންތިޒާރަށް ނިމުމެއް އަންނަން ވަނީ ގާތްވެފައެވެ. އެގޮތުން ޝޯގެ ތިންވަނަ ސީޒަން މި ހަފުތާގެ ބުރާސްފަތި ދުވަހު ދައްކަން ފަށާނެއެވެ.

ޝޯގެ ތިންވަނަ ސީޒަން ރިލީޒް ކުރުމުގެ ކުރިން ނެޓްފްލިިކްސްއިން މިވަނީ ޝޯގެ އާ ސީޒަނެއް ފެންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިިއީ ފޭނުންނަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމެކެވެ. އެއީ ނެޓްފްލިކްސްއިން ގިނަ ޝޯތައް ކެންސަލު ކުރަމުންދާތީއެވެ. ބައެއް ޝޯތައް އެންމެ ސީޒަނަކަށް ފަހު ކެންސަލް ކުރަމުން އަންނައިރު ފޭނުން އަންނަނީ އެކަމާ ދެކޮޅަށް މައްސަލަ ވެސް ޖައްސަމުންނެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ "އައުޓަ ބޭންކްސް"އިން ދައްކުވައިދެނީ އަވަށެއްގައި އުފެދޭ ބައިބައިވުމެވެ. އެ ބައިބައިވުމުގެ ތެރޭގައި ހިނގާ ޑްރާމާ ގަނޑާއި ދެ ގްރޫޕެއްގެ މީހުންގެ ތެރެއިން ބައެއްގެ މެދުގައި އުފެދޭ ގުޅުން މި ޝޯއިން ދައްކައިދޭނެއެވެ.

މި ޝޯގެ ލީޑް ކާސްޓުންގެ ތެރޭގައި ހިމެނެނީ މެޑިލީން ކްލައިން އާއި ޗޭސް ސްޓޯކްސް އާއި ރޫޑީ ޕޭންކައު އާއި މެޑިސަން ބެއިލީއެވެ.

ޝޯގެ ފުރަތަމަ ސީޒަން 2020ގައި ނެރުމާއެކު އެއަށް ލިބުނު މަގުބުލޫކަމުގެ ސަބަބުން ޝޯގެ ދެވަނަ ސީޒަނެއް ޖެހިގެން އައި އަހަރު ނެރުނެވެ. އެންމެ ފަހުން ތިންވަނަ ސީޒަނެއް މިއަހަރު ފެންނާނެއެވެ.