ކުންފުންޏެއް ކުރިއަރައި ދިޔުމުގައި މުވައްޒަފުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި އެއް ސެކްޝަން އަނެއް ސެކްޝަނަކަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އައިލޭންޑް އޭވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އައިލެންޑް އެވިއޭޝަންގެ މުވައްޒަފުން އަދާކުރަމުންދަނީ ގައުމީ ތަރައްގީގައި މުހިންމު މަސައްކަތެއް ކަމަށާއި، މުވައްޒަފުން ފޯރުކޮށްދޭ ޚިދުމަތުން އެކަން ފެންނަން ހުންނަން ވާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތުވެސް އެންމެ ގިނަ މީހުން ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ މައިގަނޑު ވަސީލަތަކީ ވައިގެ ޚިދުމަތްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ޚިދުމަތް އެހުރިހާ ދަތުރުވެރިންވެސް ލިބިގަންނަކަމަށެވެ. އަދި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓުތައް އިތުރުވަމުންދާއިރު، ކުރިއަށް އޮތްތަނުގައި ކުންފުނީގެ މަސައްކަތްތައް ބުރަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި އިތުރުވަމުން އަންނަ އެއާޕޯޓުތަކާއެކު އެއްވެސް ރައްޔިތަކަށް ވަކި ގޮތެއް ހެދުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތް ފޯރުކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޚިދުމަތް ދިނުމުގައި މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަމަހަމަ ކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އައިލޭންޑް އޭވިއޭޝަންގެ ސްޓާފް ނައިޓް ހަފްލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ތިބޭފުޅުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެމުންގެންދަވާ ބައެއް. ދުވާލެއްގެ މައްޗަށް ފަންސާސް ފްލައިޓް ފަސްދޮޅަސް ފްލައިޓް ދަތުރުކުރާއިރު އެހުރިހާ ފަރާތްތަކުން ތިއިން ކޮންމެވެސް މުވައްޒަފެއްގެ ޚިދުމަތް ލިބިގަންނާނެ. އެހެންކަމުން ވަކި ރައްޔިތަކަށް ބެލުމެއް ނެތި އޯގާތެރިކަމާއެކު ޚިދުމަތް ދެއްވަންޖެހޭ.ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ، މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ރޭ ބޭއްވި އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައި އެކުންފުނީގައި ގިނަ މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި މުވައްޒަފުންގެ މުސާރައަށާއި ދެމުންދާ ޢިނާޔަތްތަކަށް ރަނގަޅު ބަދަލެއް ގެނައުމަށް ނިންމާ އެކަންވެސް މި ހަފްލާގައި އިއުލާންކޮށްފައިވެއެވެ.

އައިލޭންޑް އޭވިއޭޝަންގެ ސްޓާފް ނައިޓް ހަފްލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން، އަންނަ މާޗް މަހުން ފެށިގެން އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދު ވިދާޅުވީ އަންނަ މާޗްމަހުން ފެށިގެން ކޮވިޑާ ގުޅިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ ޢިނާޔަތްތައް އަލުން ދިނުމަށް ނިންމާފައިވާ ކަމަށާއި މުވައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށެވެ.

އައިލޭންޑް އޭވިއޭޝަންގައި 1300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތްދެމުން އަންނަ އިރު، ރާއްޖޭގެ އެންމެ ބޮޑު އެއާލައިން އަދި އެންމެ ބޮޑު އެއަރކްރާފްޓް ފްލީޓު ބަލަހައްޓަމުން ދަނީ އެކުންފުނިންނެވެ.