ރަޝިއާއިން ޔޫކްރޭންގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ނިންމައިިފިއެވެ.

ޖަރުމަނުގައި އޮތް މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ، ރަޝިއާގެ ފައުޖުތަކުން ޔޫކްރޭންގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް ނިޒާމީ ގޮތެއްގައި ހަމަލާ ދީފައިވާ ކަމަށެވެ.

"ރަޝިއާއިން ޔޫކްރޭންގައި އަމަލުކޮށްފައިވާ ގޮތާ ގުޅުން ހުރި ހެކިތައް އަޅުގަނޑުމެން ދިރާސާކޮށްފިން، އަޅުގަނޑުމެންނަށް ގާނޫނީ ހަމަތައް އެނގޭ އަދި ޝައްކެއް ނެތް ކަމެއް އެބަ އޮތް، މިއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް،" ހެރިސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗު މަހު އެމެރިކާ ސަރުކާރުން ވަނީ ރަޝިއާ ސިފައިން ޔޫކްރޭންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ކަނޑައަޅައި، އެކުށްތަކުގައި ޒިންމާވާ މީހުންގެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި ރަޝިއާއިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަން ވެސް މިހާރު އެނގިފައިވާތީ، އެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ދޭން ޖެހޭ އަދަބު ދޭނެ ކަމަށް ހެރިސް ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ރަޝިއާއިން ޔޫކްރޭންގައި ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި "މީހުން މެރުމާއި އަނިޔާ ކުރުމާއި ރޭޕް ކުރުން" ހިމެނޭ ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި، ޔޫކްރޭން ހަނގުރާމަ ފެށި ފަހުން ރަޝިއާއިން ހިންގާފައިވާ 30،000އަށް ވުރެ ގިނަ ހަނގުރާމައިގެ ޖަރީމާތައް، އެމެރިކާގެ އެހީ ފޯރުކޮށްދޭ އިދާރާ ޔޫއެސްއެއިޑްއާ ގުޅުން ހުރި ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމާ ގުޅިގެން ޔޫކްރޭން ހަނގުރާމައަށް އަސަރެއް ނުކުރި ނަމަވެސް އެގައުމުން އުއްމީދު ކުރަނީ އެ ނިންމުމާއެކު، ބައިނަލްއަގުވާމީ ކޯޓުތައް މެދުވެރިކޮށް ރަޝިއާގެ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސް ކުރެވޭނެ ކަމަށެވެ.

ޔޫކްރޭން މައްސަލައިގައި އދ.އިން އެކުލަވާލި ކޮމިޝަނުން ވެސް ވަނީ އެގައުމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިމެނޭ ކަމަށް އެ ކޮމިޝަނުން އަދި ކަނޑައަޅާފައި ނުވެއެވެ.

ރަޝިއާއިން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެގައުމުން ޔޫކްރޭންގައި ފެށި "ޚާއްސަ އަސްކަރީ އޮޕަރޭޝަނު"ގެ މަގުސަދަކީ ޔޫކްރޭންގައި ދިރިއުޅޭ ރަޝިއާ ބަހުން ވާހަކަ ދައްކާ މީހުންނާއި މުޅި ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަދި އެގައުމުން ވަނީ އެ އޮޕަރޭޝަނުގެ ތެރެއިން އާންމުންނަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި އެއްވެސް ޖަރީމާއެއް ހިންގާފައި ނުވާނެ ކަމަށް ވެސް ބުނެފައެވެ.

ރަޝިއާ ހަނގުރާމައިގައި މިހާތަނަށް 42،000އަށް ވުރެ ގިނަ މީހުން މަރުވެ، 14 މިލިއަން މީހުން ގެދޮރު ނެތިފައިވެއެވެ.