16 Apr 2012, 15:45
ވީ ޓީވީ އިން މި މަހު ބޭއްވުމަށް އިންތިޒާމު ކުރާ "ވީޓީވީ ސްކޫލް އައިކަން" ލަވަ މުބާރާތް ހުއްޓާލުމަށް އަދާލަތު ޕާޓީ އިން އިލްތިމާސް ކުރި ނަމަވެސް ކުރިއްސުރެ ހަމަޖެހިފައިވާ އުސޫލުން ބުރާސްފަތި ދުވަހު ލަވަ މުބާރާތް އޮންނާނެ ކަމަށް ވީ ޓީވީގެ މެނޭޖުމަންޓުން ބުނެފި އެވެ.
ވީޓީވީ ހިންގާ އައިލެންޑް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ސީއީއޯ އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ލަވަ މުބާރާތް ނުބޭއްވުމަށް އެދި ވީ ޓީވީ އަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީ އަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް ލަވަ މުބާރާތް ކެންސަލް ކުރެވެން ނެތް ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އިން މަނާ ކުރާކަމެއްގައި ނުވަތަ ދީނީ ގޮތުން މަނާކުރާ ކަމެއް ނަމަ އެކަމުގައި އަމަލުކުރާ އުސޫލެއް ވާން ޖެހޭނީ ތަފާތު ކުރުމެއް ނެތި އެންމެންނަށް ހަމަހަމަ އުސޫލެއް ކަމަށެވެ.
"މި ދައުލަތުގައި ހުރިހާ މުސްލިމުންގެ މައްޗަށް އަމަލުރުކުރާ ގާނޫނީ ކަމެއް ނުވަތަ ދީނީ ކަމެއްގައި ނަމަ އެ އުސޫލު ވާން ޖެހޭނީ އެންމެންނަށް ހަމަހަމަ އުސޫލަކަށް. މިދެންނެވީ ހުރިހާ މީޑިޔާއެއްގައި. ވަކި ޓީވީ މޯލްޑިވްސްއެއް ވަކި ވީޓީވީއެއް ނޫން. އޭގެ ތެރޭގައި ހުރިހާ މިޔުޒިކް ރޭޑިއޯ ސްޓޭޝަންތަކާއި ނޫސްތަކާއި ޓީވީތަކާއި ހުރިހާ ތަނަކަށް އޮންނަން ޖެހޭނީ އެއް އުސޫލެއް ނޫންތޯ،" އައިކަން ޝޯ ހުއްޓާލަން ނުޖެހޭ ސަބަބު ބަޔާން ކުރައްވަމުން ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ވިޓީވީގެ ލަވަ މުބާރާތް ހުއްޓާލުމަށް އަދާލަތު ޕާޓީން އިލްތިމާސް ކުރި އިރު، އެ ޕާޓީގެ ގިނަ އަދަދެއްގެ އިލްމުވެރިން ތަމްސީލު ކުރާ އިސްލާމިކް މިނިސްޓްރީ އިން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.
"ދީނާ ބެހޭ މިނިސްޓްރީއެއް އެބައޮތް. ފިގުހު އެކަޑަމީއެއް އެބައޮތް. މަދަރުސަކާ ބެހޭ ގާނޫނީ މިނިސްޓްރީއެއް އެބައޮތް. މިނިސްޓްރީ އޮފް އެޑިއުކޭޝަން އެބަ އޮތް. އަދި ދިވެހި ރާއްޖޭގައި އަދާލު ޕާޓީ ކަންނޭނގެ ތަމްސީލް ކުރަނީ ދީނީ މިނިސްޓްރީ [އިސްލާމިކް މިނިސްޓްރީ] ވެސް. ގާނޫނީ ގޮތުން އުފެދިފައި އޮތް މިކަހަލަ އެއްވެސް މުއައްސަސާއަކުން، އެއްވެސް މިނިސްޓްރީއަކުން ނެތް އެއްވެސް ކަހަލަ އިޝާރާތެއް އެއްވެސް ސިޓީއެއް ބަދަލުކޮށްފައެއް." އޭނާ ވިދާޅުވި އެވެ.
ލަވައަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ސްކޫލް ކުދިނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ލަވަ މުބާރާތް ނުބޭއްވުމަށް ވީ ޓީވީ އަށާއި ޓީވީއެމް އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް އަދާލަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވީޓީވީގެ އައިކަން ލަވަ މުބާރާތް މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އިރު ޓީވީއެމް އިން އިންތިޒާމް ކޮށްގެން އިންޓަސްކޫލް ލަވަ މުބަރާތްތެއް ވެސް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.