ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން "އެއް އުއްމަތެކޭ މިއީ"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަށް މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އެ ކެމްޕޭނުގެ ތެރެއިން އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ފަންޑްރައިޒިން ހަރަކާތެކެވެ. މި ހަރަކާތުގައި، މާލޭ ސަރަހައްދުގައި ހުރި ކޮންމެ މިސްކިތެއްގައި ހެނދުނު 11:00 އިން ފެށިގެން މެންދުރު 14:00އަށް ފަންޑު ފޮށިތަކެއް ވަނީ ބަހައްޓާފައެވެ.

"އެއް އުއްމަތަކޭ މިއީ" ކެމްޕޭނު ހިންގާ ސްޓިއަރިން ކޮމިޓީގެ ޗެއާމަން ޝައިޚު އަބްދުﷲ ރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ އެ ހަރަކާތަށް އެކަނި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

"އެއީ ހަމަ އެކަނި މާލެ އާއި ވިލިމާލޭ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި އެ ވަގުތުކޮޅުގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް ލިބުނު ވަރު. އަދި ޖުމުލަ އަދަދު ޔަގީން ނުވޭ. ޖުމުލަ އަދަދު ފަހުން އިއުލާން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެ ފަންޑްރެއިޒިން ހަރަކާތް ނިމުނު ނަމަވެސް އެހީވުމުގެ ކެމްޕޭން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވެސް އެހީވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ކެމްޕޭން އެއްކޮށް ނިމެންދެން މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެއެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ އިލްމުވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ކެމްޕޭނުގެ ދަށުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އެކަމާ ގުޅޭ އެހެނިހެން މައުލޫމާތުތައް ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިއްޔެގެ ހުކުރު ޚުތުބާ ވެސް ޚާއްސަ ކުރެވިފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާ ގުޅޭ ގޮތުންނެވެ.

މި ކެމްޕޭނުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު އިއްޔެގެ ހަރަކާތުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ފަންޑު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް މެނޭޖުކޮށް ބަލަހައްޓައި، ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނީ އައިއޭސީންނެވެ. ހަމައެގޮތަށް ހާލުގައިޖެހިފައިވާ މީހުންނަށް އޮންލައިންކޮށް ވެސް އެހީތެރިވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮންލައިންކޮށް އެހީތެރިވާން ބޭނުން ނަމަ އައިއޭސީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަދާފައެވެ.

މިހާރު ވެސް އައިއޭސީން ދަނީ މި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވަމުންނެވެ.

މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 ހުރަސްކޮށްފައެވެ.