ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. ޕީޕީއެމް، ޕީއެންސީން ބުނަނީ މާރިޔާ ސަމަދުބެއަށް މަލާމާތްކުރެއްވީ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ހިމެނޭހެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ އިރު، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަން މެމްބަރު ޝިޔާމް ވަނީ ހާމަކުރައްވާފައެވެ. ދިވެހި ދަރިއަކާއި ދޭތެރޭ ޚާއްޞަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ސަމަދުބެއާދޭތެރޭ ދިފާއީ ވަޒީރުގެ ދަށުދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ..

ޝިޔާމް "ސަން"އަށް ވިދާޅުވީ، އެމައްސަލަ އަންނަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސީދާ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެމައްސަލަ ވެއްދޭ ވަރަށް ވުރެ ޕާޓީގެ މެމްބަރުންގެ އަދަދުވެސް މަދު. އެހެންކަމުން މިނިވަން މެމްބަރުންނާ އަދި އެކަމަށް ތާއީދު ކުރައްވާ އިތުރު މެމްބަރުންގެ އެހީއާއެކު އަޅުގަނޑުމެން އެ މައްސަލަ މަޖިލީހަށް ވައްދާނަން. މިހާރު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން މިދަނީ.މެމްބަރު އަހުމަދު ޝިޔާމް

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމަ މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހެޅިދާނެއެވެ.

އަދި އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންވާނެ ކަމަށާއި ޖަވާބުދާރީވުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ކަމަށްވާ، 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.