18 Feb 2023, 19:07
ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލިގެން ހޯދަމުންދިޔަ ނިއުކާސަލްގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ އިމާރާތްތަކުގެ ދަށުގައި މަރުވެފައި ވަނިކޮށް މިއަދު ފެނިއްޖެއެވެ.
ގާނާއަށް އުފަން 31 އަހަރުގެ އަޓްސޫ މަރުވެފައި އޮއްވައި ފެނުނީ، އޭނާ އުޅޭ ގެއާ ކައިރިންނެވެ. މިކަން އަޓްސޫގެ ކްލަބް ތުރުކީގެ ހަޓޭސްޕޯ އިންވެސް ވަނީ ޔަގީންކޮށްދީފައެވެ. ހަތޭސްޕޯއިން ކުރި ޓްވީޓެއްގައި ބުނީ މަރުވެފައިވާ އަޓްސޫގެ ހަށިގަނޑު އޭނާގެ އުފަން ޤައުމު ޤާނާއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި، ޖަނާޒާގެ ކަންކަން ކުރިއަށްގެންދާނީ ގާނާގައިކަމަށެވެ.
ބިންހެލުން އައިތާ ދެ ހަފުތާފަހުން އަޓްސޫ ފެނިފައިވާއިރު، އަޓްސޫ ހޯދުމަށް ކުރި މަސައްކަތްތަކުން މިދިޔަ ހަފުތާގައި އޭނާގެ ދެ ބޫޓް ވަނީ ފެނިފައެވެ. މީގެ ކުރިން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އަޓްސޫ ދިރިހުއްޓައި ފެނިފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭނާގެ ކްލަބުން ވަނީ އެކަން ދޮގުކޮށްފައެވެ.
އަޓްސޫގެ މަރާ ގުޅޭގޮތުން ހަޓޭސްޕޯއިން ބުނީ އަޓްސޫގެ ވަކިވުމަކީ ފުޓްބޯޅަ އާއިލާއަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްދަތި ކަމެއްކަމަށާއި އަޓްސޫގެ ވަކިވެގެން ދިއުމުން އެ ކްލަބަށް ލިބުނު ހިތާމަ ބަޔާންކޮށްދޭނެ ގޮތް ނޭނގޭކަމަށެވެ.
އަޓްސޫގެ މަރާ ގުޅިގެން، ޗެލްސީ، ނިއުކާސަލް، އެވަޓަން، ޕްރިމިއަލީގް، އަދި ގާނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިތުރުން ފުޓްބޯޅައާ ގުޅުންހުރި ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖްތައް ހިއްސާކުރަމުންނެވެ.
ކުރިން ސައުދީގެ އަލް ރައެދް އަށް ކުޅުނު އަޓްސޫ ތުރުކީއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އަޓްސޫ ވަނީ މީގެކުރިން ޕްރިމިއާ ލީގްގެ އެވަޓަން، ބޯންމައުތް، އަދި ނިއުކާސަލްގެ އިތުރުން ސްޕެއިންގެ ކްލަބްތަކަށްވެސް ކުޅެފައެވެ. އަޓްސޫ ތުރުކީގެ ހަޓޭސްޕޯއަށް ބަދަލުވުމަށްފަހު އޭނާ އައީ މޮޅުކުޅުމެއް ދައްކަމުންނެވެ.