މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް ވެދުމަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޖާޒީ ވެދުމަށް އަރުވާފައި ވަނީ މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެެއްގައި ކަމަށެވެ.

ފޯ ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ ވެސް މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ.

ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.