16 Apr 2012, 15:20
މިމަހުގެ ފަސް ވަނަ ދުވަހު ސިނަމާލެ ފްލެޓް ތެރެއިން ޒުވާނަކަށް ހަމަލަދީ ޒަޚަމްކޮށްލި ހާދިސާގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި އެވެ. ދޫކޮށްލީ ހ. ހަމަރޯޅި ޝަބީހު ބަދީއު އާއި ގދ. ތިނަދޫ ބްލޫހެވަން، އަހުމަދު ހަމްދު މުހައްމަދު ނެވެ.
އެދެ މީހުން ދޫކޮށްލި އިރު އެ ހަމަލާގައި ވަޅި ހަރާ ޒަޚަމްކޮށްލި ޏ. ފުވައްމުލަށް، ހޯދަޑު އަވަށު އަހުމަދު ނަދީމް 24، އަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ނަދީމްގެ ހަށިގަނޑު ދެ ތަނަކަށް ހަމަލަދީ ފުންކޮށް ޒަޚަމްކޮށްލާ ފައިވާއިރު، އޭނަގެ ގަޔަށް ޖެހި ވަޅީގެ ތިލަ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހެރިފައި ހުރި ކަމަށެވެ. އަދި ނަދީމަށް ހަމަލަދިނީ އޭނާ ފްލެޓް ތެރެއިން ހިނގާފައި ދަނިކޮށް ހުއްޓުވައިގެން ކަމަށް ވެސް ބުންޏެވެ.
މާރާމާރީގެ ރެކޯޑް އޮންނަ ނަދީމަށް ހަމަލަދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލީ ނަދީމަށް ހަމަލަދިނުމުގައި އެ ދެމީހުންގެ މާބޮޑު ބައިވެރިވުމެއް ވާކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
ނަދީމަށް ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ ގ. އީރީ އަބުދުﷲ މުއާޒު އާއި ޏ. ފުވައްމުލަކު ދޫޑިގަމު ރޯމާ، އިބްރާހިމް އާދިލެވެ.
ދާއޫދު ވިދަޅުވީ އެ މައްސަލައިގެ ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށާއި އެމީހުންނަކީ "ފްލެޓް ގުރޫޕަ" ށް ނިސްބަތްވާ ބައެއް ކަމަށެވެ.
ސިނަމާލެ ފުލެޓްގެ ގޯތިތެރެއިން ނަދީމްގެ ގަޔަށް ވަޅި ހެރުމާއި އެކު، ޒަހަމްތަކާއެކު ގަލޮޅު މަދަރުސާ ކުރިމަތިން ދުވެފައި ދިޔައީ ލޮނުޒިޔާރަތް މަގުން ޗާންދަލިއާ ފޮތް ފިހާރަ ކުރިމައްޗަށް ކަމަށެވެ. އެހިސާބަށް ދެވުނުތަނާ އޭނާ ވަނީ ބިންމައްޗަށް ވެއްޓިފަ އެވެ. އަދި ނަދީމް ވެއްޓުނު ވަގުތު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެސަރަހައްދުގައި ތިބި ބަޔަކު އޭނާ ޕިކަޕަކަށް އަރުވައިގެން ނެވެ.