18 Feb 2023, 16:24
އދ. މަޖިލިސް (18 ފެބްރުއަރީ 2023): ޔޫރަޕަށް ރަޝިއާގެ ގޭސް ފޯރުކޮށްދިނުމަށްޓަކައި ބޯލްޓިކް ކަނޑުގެ އަޑިން ރަޝިއާއާއި ޖަރުމަނާ ދެމެދު އަޅާފައިވާ ގޭސްހޮޅި ދެހޮޅި ނޯޑް ސްޓްރީމް އެކެއް އަދި ދޭއް ގޮއްވާލިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވޭތީ އެ މައްސަލަ އދ. ން ތަހްގީގުކޮށްދިނުމަށް ރަޝިއާއިން އެދެފިއެވެ.
އދ. ގައި ތިއްބަވާ ޑިޕްލޮމެޓުން ވިދާޅުވާގޮތުގައި އދ. ގައި ހުންނަ ރަޝިއާގެ މިޝަނުންވަނީ މިމައްސަލަ މުސްތަގިއްލު ގޮތެއްގައި ތަހުގީގުކޮށްދިނުމަށް އެދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގެ ކޮޕީ ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުގެ މަންދޫބުންނަށްވެސް ފޮނުވާފައެވެ.
ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. ނޯޑް ސްޓްރީމްގެ ދެހޮޅި ގޮއްވާލުމާއެކު އެސަރަހައްދުގެ ކަނޑަށް ގިނަ އަދަދަކަށް ގޭސް ލީކު ތިމާވެއްޓަށްވެސް ބޮޑުގެއްލުމެއް ލިބުނެއެވެ. އަދި މިއާއެކު ރަޝިއާގެ ގޭސް ޔޫރަޕަށް ލިބޭމިންވަރު 85 އިންސައްތައަށް ދަށަށްދިޔައެވެ.
މިދެހޮޅި އަކީ ގާތްގަނޑަކަށް 15 ވަރަކަށް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓެކެވެ. މިއިންވެސްޓްމަންޓްގެ ބޮޑު ބައި ޚަރަދުކޮށްފައިވަނީ ޖަރުމަނުންނެވެ.
ނޯޑް ސްޓްރީމްގެ ދެހޮޅި ގޮއްވާލުމާއެކު ރަޝިއާއިން އެންމެ ފުރަތަމަވެސް އެކަމުގެ ތުހުމަތުކުރީ އެމެރިކާއާއި އިނގިރޭސިވިލާތުގެ މައްޗަށެވެ. އެއީ ރަޝއާއާއި ޖަރުމަނާ ދެމެދު ގޭސްހޮޅި އަޅައިގެން ރަޝިއާގެ ގޭސް ޔޫރަޕަށް ފޯރުކޮށް ރަޝިއާއާ ޔޫރަޕާ ދެމެދު ވިޔަފާރީގެ ސްޓްރެޓީޖިކް ގުޅުންތަކެއް އުފެއްދުމަކީ ވަރަށް ކުރީއްސުރެވެސް އެމެރިކާއާއި އިނގިރޭސިވިލާތް ދެކޮޅު ހަދާކަމެއްކަން ރަޝިއާއަށް އެނގޭތީއެވެ.

ނޯޑް ސްޓްރީމްގެ ހޮޅިއެއް ގޮއްވާލުމާބެހޭ ޕްރިންޓް އިމޭޖެއް
ރަޝިއާގެ ތުހުމަތުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތް އިންކާރު ކުރިނަމަވެސް ނޯޑް ސްޓްރީމްގެ ދެހޮޅި ގޮއްވާލުމުގައި މަސްލަހަތު އޮތީ އެމެރިކާއަށްކަމަށް އެދުވަސްވަރު ޕޮލެންޑުން ބުނެފައިވެއެވެ.
ނޯޑްސްޓްރީމް ގެ ދެހޮޅި އާބެހޭގޮތުން ސްވިޑްންއާއި ޑެންމާކުން ހިނގި ތަހުގީގަކުން ދައްކާގޮތުން އެދެހޮޅި ވަނީ ކަނޑުގެ އެންމެ ފުނަށް ދެވޭބާވަތުގެ ޒަމާނީ އާލާތެއް ބޭނުންކޮށްގެން ގޮއްވާލާފައެވެ. އެކަންކުރެވޭވަރުގެ ޓެކްނޮލޮޖީ ހުރި ގައުމެއްގެ ގޮތުގައި އޮތީ އެމެރިކާކަން އެދުވަސްވަރުގެ ފަންނީ ރިޕޯޓްތައް ބުނެފައިވެއެވެ.
ނޯޑް ސްޓްރީމްގެ ދެހޮޅި ގޮއްވާލި މައްސަލަ މިހާރު ފެންމަތިވެގެން މިއުޅެނީ އެމެރިކާގެ މުސްތަގިއްލު އިންވެސްޓިގޭޓިވް ނޫސްވެރިއެއްކަމަށްވާ ސެއިމޯ ހެޝް އެތަށް މަހެއްވަންދެން ކުރި ނޫސްވެރިކަމުގެ ތަހުގީގަކުން މިކަމުގެ ފަހަތުގައިވަނީ އެމެރިކާކަން ހާމަވުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ޓައިމްސް" ގައި ސެއިމޯ ހެޝްވަނީ އޭގެ އިންވެސްޓިގޭޓިވް ރިޕޯޓް ޝާއިއުކޮށްފައެވެ. މި ރިޕޯޓް ބުނާގޮތުން ނޯޑް ސްޓްރީމްގެ ދެހޮޅި ގޮއްވާލީ އެމެރިކާގެ ރިޔާސީ މަރުކަޒުކަމަށްވާ ވައިޓް ހައުސްގެ ސިއްރު އެންގުމަކަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިންނެވެ.
ސީއައިއޭ އަކީ އެމެރިކާގެ އަޑީ ދައުލަތުގެ މައި ހަބެވެ. ސީއައިއޭ އަކީ އެމެރިކާގެ ޖިއޮޕޮލިޓިކަލް މަގްސަދުތައް ހާސިލުކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި މީހުން މެރުމާއި ތަންތަން ގޮއްވާލުންފަދަ ޓެރަރިޒަމްގެ އަމަލުތައް ސިއްރިޔާތުގައި ހިންގާފައިވާ މުއައްސަސާއެކެވެ. މީގެތެރޭގައި ނިކަރާގުއާގެ އެންމެ ބޮޑު ކަނޑުގެ ބަނދަރުގައި މައިން ހަރުކުރީ ސީއައިއޭކަން ބޭޒާރުވެ އެކަމުން ނިކަރާގުއާއަށް ލިބުނުގެއްލުމުގެ ބަދަލު ދިނުމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން އެމެރިކާގެ މައްޗަށް އަމުރުކުރުންވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ނިކަރާގުއާއާއި އީރާންފަދަ ބައެއް ގައުމުތަކުން ސީއައިއޭ ކެޓަގަރައިޒް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައެވެ.
ސެއިމޯ ހެޝް ގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ރިޕޯޓަށް އެމެރިކާވަނީ ދެކޮޅު ހަދާފައެވެ. ރަޝިއާގެ ނޯޑް ސްޓްރީމް ގޭސްހޮޅިތައް ގޮއްވާލިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވޭތީ މިކަން ބަލައި ތަހުގީގު ކުރުމަށްއެދި ރަޝިއާއިން އދ. އަށް ހުށަހެޅި ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ނޫނީ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށް މިކަން ނުކުރެއްވޭނެއެވެ.
ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮންނާތީ އެމެރިކާއާ ދެކޮޅަށް ފާސްކުރަން ޖެހޭ މިފަދަ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ.