18 Feb 2023, 16:19
ޕާކިސްތާނުގެ ދެކުނު ސިޓީއެއް ކަމަށްވާ ކަރާޗީގެ ޕޮލިސް ސްޓޭޝަނަކަށް ތާލިބާނުންގެ ތިން މީހަކު ވަދެ ރޭ ދިން ހަމަލާއެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.
ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމަލާދިންތާ ގަޑިއިރުތަކެއް ފަހުން ފުލުހުންގެ މަރުކަޒުގެ ފުރިހަމަ ކޮންޓްރޯލް އަނބުރާ ހޯދާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
ޕާކިސްތާނު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އޭގެ އެތަށް ގަޑިއިރަކަށް ފަހު ތިން އިސްލާމިސްޓުން މަރާލައި ފުލުހުންގެ މަރުކަޒުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ.
އެ ސްޓޭޝަނަށް ފުރަތަމަ ހަމަލާދިން އިރު ސިލްސިލާ ގޮވުންތަކަކަށް ފަހު ސްޓޭޝަން ތެރޭގައި ބޮޑު ގޮވުމެއްގެ އަޑު އިވިފައިވެއެވެ. އެ ސްޓޭޝަނަކީ ކަރާޗީގެ އެންމެ އިސް ފުލުސް އޮފިސަރުންގެ އޮފީސް ހުންނަ މަރުކަޒެވެ.
އެ އޮޕަަރޭޝަނުގެ ތެރޭގައި ތިން ފުލުހުންނާއި އާއްމުންގެ މީހަކު ވަނީ މަރުވެފައެވެ. އަދި ފުލުހުންގެ 18 މީހަކު ޒަޚަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އޮފިޝަލުން ވިދާޅުވީ ފުލުހުންގެ އިމާރާތަށް ވަނުމަށްފަހު އަމިއްލައަށް ދެ މީހަކު މަރުވެފައިވާ ކަމަށާއި އެކަކު އަމިއްލައަށް ގޮއްވާލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމުގެ ފުރިހަމަ ޒިންމާ އެމީހުން އުފުލާކަމަށެވެ.
ސަރުކާރުގެ އެޑްވައިޒަރެއް ކަމަށްވާ މުރުތާޒާ ވައްހާބު ކަށަވަރުކޮށްދެއްވި ގޮތުގައި ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ހަމަލާ ދިންތާ ތިން ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ އެ އިމާރާތް އެއްކޮށް ސާފުކޮށްފައެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިން ޓެރަރިސްޓުން ތިބީ ފުލުހުންގެ ޔުނިފޯމް ލައިގެންނެވެ.
ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އިރްފާން ބަލޮޗް ރޮއިޓާސްއަށް ވިދާޅުވީ ހަމަލާ ދިން ވަގުތު މަދުވެގެން 30 އޮފިސަރުން މަރުކަޒުގެ ތެރޭގައި ތިބި ކަމަށެވެ.
ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަކީ ޕާކިސްތާނުގެ ތާލިބާނުންގެ ވަކި ޖަމާއަތެކެވެ.