18 Feb 2023, 12:25
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއާ ބެހޭ ގޮތުން ތާރީޚު އިމްލުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ބަޔޯގްރަފީ ފޮތެއް ލިޔުއްވައި، ޝާއިއުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ރަސްމީކޮށް ނެރެދެއްވީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމެވެ.
ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާކިރު ވިދާޅުވީ މި ފޮތުން އަމީން ދީދީ އެންމެ ތުއްޕުޅުއިރުން ފެށިގެން، ހަޔާތުގެ ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭނެ ކަމަށެވެ. އެގޮތުން، މަދަރަސީ ދުވަސްތަކާއި ގައުމީ ޚިދުމަތުގެ ދުވަސްތަކާއި ވެރިކަމުގެ ދުވަސްތަކުގެ ވާހަކަތައް ވެސް ފޮތުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަޔޮގްރަފީން، މުހައްމަދު އަމީނުގެ އެންމެ ތުއްޕުޅު ހަޔާތުން ފެށިގެން އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމާ ހިމައަށް ސާފުވެވަޑައިގަންނަވާނެ. ގައުމު ދެކެ ލޯބިވެލެއްވީ ކިހާ މިންވަރަކަށްކަން، ގައުމާ މެދު ފިކުރު ކުރެއްވީ ކިހާ މިންވަރަކަށް ކަން ފޮތް ބައްލަވައިލެއްވީމާ ސާފުވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

އަހްމަދު ޝާކިރު (ކަށިމާ) -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޭނާ ވިދާޅުވި ގޮތުގައި މިއީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ މަސައްކަތުން ނެރުނު ފޮތެކެވެ.
މި ފޮތުގައި މުހައްމަދު އަމީންގެ ހަޔާތްޕުޅު ގާތުން ފެނުނު މީހުންގެ ވާހަކަތައް ހިމެނޭނެ ކަމަށާއި އެ މައުލޫމާތުތައް ދިން ގިނަ މީހުން މިހާރު ދުނިޔޭގައި ވެސް ނެތް ކަމަށް ޝާކިރު ވިދާޅުވިއެވެ. އެއީ، ތާރީޚު ދިރާސާ ކުރެއްވުމަށް އޭނާ ހޭދަކުރެއްވި އެތައް އަހަރެއްގެ ތެރޭގައި ނަގައި، އެއްކުރެވިފައިވާ މައުލޫމާތެވެ.
މި ފޮތުގައި މުހައްމަދު އަމީންގެ ހަޔާތްޕުޅުގެ މުހިއްމު ކަންތައްތައް ވަރަށް ތަފުސީލީ ގޮތެއްގައި ހިމެނޭނެއެވެ.