18 Feb 2023, 11:44
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު އެ ރޭ 10:02 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ އަކީ މީގެ ކުރިން ވެސް ސިލްސިލާ މާރާމާރީތައް ހިންގާ ތަނަކަށް ވާއިރު، މި ދުވަސްވަރަކީ މާލޭގައި ވެސް ސިލްސިލާ މާރާމާރީތައް ހިންގާ ދުވަސްތަކެކެވެ.