16 Apr 2012, 14:34
ސްޓްރާޓާ އުސޫލުން އިމާރާތް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 31 މެންބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، "ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލު" ބަލައިގަތުމައެކު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެ ބިލު ޤަޢުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވުމަށް ރިޔާސަތުން ނިންމެވި އެވެ.
ސްޓްރާޓާ އުޞޫލުން ޢިމާރާތްކުރުމުގެ ބިލަކީ ރާއްޖޭގައި ބިމުގެ ދަތިކަން ހުރިގޮތުން ވަކިވަކި ފަރުދުންނަށް ބިން މިލްކުކުރެވޭނެ ފުރުޞަތު ކުޑަވެފައިވާތީ، އެއްއިމާރަތެއްގައިވާ ވަކިވަކި ފްލެޓްތައް، ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭނެ މަގުފަހިކޮށްދީ، ވަކިން މިލްކުކުރާ ގޯއްޗެކޭ އެއްފަދައިން، އެ ފްލެޓްތަކުގައި ދިރިއުޅެ، އެތަންތަން ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެކެވެ.
އެ ބިލުގައި ސްޓްރާޓާ އުސޫލުން ތަންތަން ރަޖިސްޓްރީ ކޮށްދޭނެ އުސޫލުތަކާއި ސްޓްރާޓާ ސްކީމާއި ބެހޭ ކަންތައްތަކައި އިމާރާތުގެ ވެރިފަރާތުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ސްޓްރާޓާ އުސޫލުން ތަންތަން ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ހައްގުތަކާއި، އެކަންކަން ހިންގުމަށްޓަކައި އުފައދަންޖެހޭ މެނޭޖްމެންޓް ކޯޕަޜޭޝަނާއިބެހޭ ކަންތައްވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.