އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ކުރީގެ އަނިޔާތައް ހަނދާން ނެތިއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުސީދާ ގޮތެއްގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވަނީ އެމްޑީޕީ އުފަންކުރަން ކުރި މަސައްކަތާއި އޭރު ކުރިމަތިވީ އަނިޔާތަކުގެ ހަނދާން އާ ކުރައްވައިފައެވެ.

އެ ދުވަސް ތަކުރާރުނުވުމަށް އެ ޕާޓީގެ އެންމެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު [އެ ޕާޓީ އުފައްދަން ވެގެން މަސައްކަތް ކުރީއިރު] އެމްޑީޕީއާއެކު ނުކުތް މީހުނަށް އެނގޭ އޭރު ކުރިމަތިވާން އޮތް ދަތުރު، މުދާތައް ނިގުޅައިގަތް، ޖަލުގެ ތޭރިތަކުގައި އެތައް އަނިޔާއެއް ތަހައްމަލްކުރަން ޖެހުނު،" ފައްޔާޒު ވިދާޅުވިއެވެ.

އެ "އަނިޔާވެރި"ކަމުގެ ތެރެއިން އެ ޕާޓީ އުފައްދައި، ރާއްޖޭގައި ޑިމަކްރަޓިކް ވެރިކަމެއް ގާއިމް ކުރެވުނު ނަމަވެސް، 2012ވަނަ އަހަރު އެ ވެރިކަން ވެއްޓުނީ "އަނިޔާވެރިކަން" ގަދަވެ އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ވެރިކަން ވެއްޓުމަށް ފަހު، މަގުމަތީ ހޭދަކުރަން ޖެހުނު ހަތް އަހަރު ވެސް އެ ޕާޓީއަށް ކުރިމަތިވީ އަނިޔާވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު ޒުވާނަކަށް ތިބި މީހުން ހަރު ވެއްޖެ، ހަރު މީހުން ދޮށީ ވެއްޖެ، މިއިން ކޮންމެ މީހަކަށް ވެސް އެނގޭ އެ އަނިޔާވެރިކަން އަދި ގަދަވެދާނެ ކަން، އަދި އެ ދުވަސް އަލުން ދެކޭކަށް ނޭދޭ. ޒާތީ ތައައްސުބުން އެއްކިބާވެ، މި ފެށި މަސައްކަތުގައި ދެމިތިބުމަށް އެ މީހުން އެދެނީ،" އޭނާ ވިދާޅުވިއެވެ.

އެ އަނިޔާވެރިކަން މިއަދު އެ ޕާޓީގެ ބައެއް މެންބަރުން ހަނދާން ނެތިއްޖެ ކަމަށް ތުހުމަތުކުރައްވައި ފައްޔާޒު ވިދާޅުވީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް އެ ހާލަތު ހަނދާން ނެތި މިއަދު ތިބި ކަން." ނުސީދާ ގޮތެއްގައި ނަޝީދު ކުރައްވާ މަސައްކަތަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ އަނިޔާވެރިކަން ތަކުރާރުވާން ދިވެހިން އިތުރަށް ބޭނުންނުވާ ކަމަށާއި މިހާރު އެ މީހުން އެދެނީ ދާއޮހޮރުވައިގެން ހޯދި މިނިވަންކަން ދަމަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށްޓަކައި އެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ 61 އިންސައްތަ ވޯޓުން ރައީސް ޞާލިހް ކާމިޔާބު ކުރެއްވި ނަމަވެސް، ނަޝީދު ވަނީ އެ މަނިކުފާނާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސާއެކު މަސައްކަތް ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. ނަޝީދު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގުމަށް މަސައްކަތް ކުރައްވަމުންނެވެ.