18 Feb 2023, 10:56
ގޯލްޖެހުމަށް ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތުތަކާއެކު ތައާވުން ބަލިކޮށް ސައުދީ ޕްރޯ ލީގްގެ އެއްވަނައަށް އަލް ނަސްރު ޖެހިލައިފިއެވެ.
ސައުދީ ޕްރޯ ލީގްގައި ރޭ ނަސްރު އާއި ތައާވުން ބައްދަލުކުރިމެޗް، ނަސްރު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކުރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ، މޮޅު ކުޅުމެއް ދައްކައި ނަސްރުން ޖެހި ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރޮނާލްޑޯ އަށެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލްގެ މަތީ ކަނާދިމާލުން ބޭރަށެވެ. މެޗުގައި ނަސްރަށް ހުޅުވާލަދިނީ، 17 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ހިތްގައިމު ޕާހަކުން އަބްދުއްރަހްމާން ގަރީބެވެ. މި ލަނޑުގެ އިތުރުންވެސް ގަރީބަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.

ސައުދީ ޕްރޯ ލީގްގައި ރޭ ނަސްރު އާއި ތައާވުން ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/އައް ނަސްރު އެފްސީ
ނަސްރުން ލީޑް ނަގާފައިވަނިކޮށް ތައާވުނުން ވަނީ ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. މި ލަނޑު ތައާވުނަށް ކާމިޔާބުކޮށްދިނީ ކުރިން ރެއާލް މެޑްރިޑްގެ ޒުވާން ޓީމަށާއި، ސީނިއާ ޓީމަށްވެސް ކުޅުނު އަލްވާރޯ މުދްރާން އެވެ.
މެޗްގައި ނަސްރުން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 78 ވަނަ މިނެޓް ތެރޭގައި ޢަބްދުﷲ މަދޫއެވެ.

ސައުދީ ޕްރޯ ލީގްގައި ރޭ ނަސްރު އާއި ތައާވުން ބައްދަލުކުރިމެޗްގެ ތެރެއިން--- ފޮޓޯ/އައް ނަސްރު އެފްސީ
މެޗަށްފަހު ސައުދީ ޕްރޯ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު ކުޅުނު 17 މެޗުން ލިބުނު 40 ޕޮއިންޓާއެކު އަލް ނަސްރު އުޅެނީ އެއްވަނައިގައެވެ. ހަމަ އެ އަދަދަށް މެޗް ކުޅެގެން ތާވަލްގެ ދެވަނައިގައި 40 ޕޮއިންޓާއެލު އަލް އިއްތިހާދު އުޅުނު ނަމަވެސް، ތާވަލްގެ ދެވަނަ އެޓީމަށް ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ސައުދީ ޕްރޯ ލީގްގައި އަލް ނަސްރު ދެން އެންމެ އަވަހަށް ނިކުންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. މި މެޗްގައި ނަސްރު ބައްދަލުކުރާނީ ދަމަކް އާއެވެ.