މުޅިން އާ ފީޗާ ތަކާއެކު އެސްޓީއޯއިން ހިޓާޗީ ބްރޭންޑްގެ ބައެއް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

މިކަމަށްޓަކައި ރޭ އެސްޓީއޯ ޕީޕަލް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިޓާޗީގެ މި އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރ ސޭލްސް، ޓަރުން ޖައިން އެވެ.

އެސްޓީއޯއިން މިފަހަރު އާ ފީޗާ ތަކާއެކު ބާޒާރަށް ނެރުނު އުފެއްދުންތަކުގެ ތެރޭގައި، ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރު ހިމެނެއެވެ.

މި އުފެއްދުންތަކުގެ ތެރެއިން ދޮންނަމެޝިނުން ފާހަގަކޮށްލެވޭ އެންމެ ޚާއްސަ އެއްކަމަކީ، ދޮވެ ނިމި އަންނައުނުތައް މެޝިނުން ހިކިގެންދާއިރު، އަންނައުނުގައި ހުންނަ ރޫތައް ނުހުންނަ ކަމެވެ.

އައު ފީޗާރތައް ހިމަނައިގެން ބާޒާރަށް ނެރުނު އުފެއްދުމެއް ދައްކާލަނީ --- ފޮޓޯ/އެސްޓީއޯ

ފްރިޖްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކަރަންޓް ޚަރަދު ކުޑަވުމާއި، ފްރިޖަށް ލާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓުމެވެ. މިގޮތުން ފްރިޖު ތައްޔާރުކޮށްފައިވަނީ އެކަމަށް ޚާއްސަ ވެކިއުމް ފީޗާއެއް ހިމަނައިގެންނެވެ.

މީގެ އިތުރުންވެސް ރޭ ތައާރަފްކުރި ހިޓާޗީގެ އުފެއްދުންތަކުގައި ފަހުގެ ޓެކްނޮލޮޖީ ހިމަނާފައިވުމުން މީގެ ކުރީގެ އުފެއްދުންތަކަށްވުރެ މިފަހަރުގެ އުފެއްދުންތައް ބޭނުންކުރަންވެސް ވަރަށްބޮޑުތަން ފަސޭހަވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ހިޓާޗީގެ އުފެއްދުންތަކަކީ ދިވެހިންގެ ވަރަށްބޮޑު އިތުބާރަކާއި މަޤްބޫލުކަމެއް ލިބިފައިވާ އުފެއްދުންތަކެއްކަމަށް އެސްޓިއޯއިން ބުނެއެވެ.