އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އެއީ އެއްވެސް މީހަކަށް ފެންނަން ނެތް ފިކުރެއްކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ރިޔާސީ ޓިކެޓް، ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ވާހަކަ ދެކެވޭކަމަށެވެ.

ނަމަވެސް އެ ޕާޓީގެ ފިކުރާއި އަސާސްތަކަކީ އެ ޕާޓީގެ އަސާސީ ގަވައިދުގައި "ކަޅާއި ހުދުން" ލިޔެވިފައިވާ ވާހަކަތަކެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ނޫން ފިކުރެއް ގެނައުމުގައި ނަޝީދު ކުރައްވައި މަސައްކަތް އަސްލަމް ސިފަކުރެއްވީ އެއްވެސް ފައިދާއެއް ނެތް މަސައްކަތެއްގެ ގޮތުގައެވެ.

"އެ ނޫން އާ ފިކުރެއް ފެންނަން ނެތް. ހާމަވެފައި ނެތް ވަންހަނާ ވެގެންވާ ފިކުރެއްގެ ވާހަކަދެއްކުން ހުއްޓައިލައްވައިފައި ވާދަވެރި ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ، ޒަމާންތަކަކަށް އެ މަނިކުފާނާއެކު ވެސް މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަޑައިގަންނަވާށޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިއަދު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އެމްޑީޕީގެ އަތުގައި ރާއްޖޭގެ ވެރިކަން ބޭއްވުންކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ވެސް ރައީސް ވެރިކަން ކުރެއްވީ ރައްޔިތުންގެ މެނިފެސްޓޯއެއް ތަންފީޒުކުރެއްވުމަށް ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކުރެއްވުމަށް ޓަކައި ހިތްވަރާއެކު ރައީސް މަސައްކަތްކުރައްވަމުން އަންނަކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާއަށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެ ޕާޓީގެ އެއްވެސް މެމްބަރަކު ހާޒިރުވެފައެއް ނުވެއެވެ.

މީގެ ކުރިން ނަޝީދު ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް ރައީސަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ގެންދަވަނީ ފިކުރެއްގެ ދިރުން ގޮތްޕަށް ތާއިދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.