އިންސްޓަގްރާމްއިން އެ އެޕްލިކޭޝަންގެ ޕޯސްޓްތަކަށް، ޖިފްސް ފޯމެޓްގެ ފައިލް ބޭނުންކޮށްގެން މިހާރު ކޮމެންޓް ނުވަތަ ރިޕްލައި ކުރެވޭގޮތް ހަދައިފިއެވެ.

މި އާ ފީޗާ އަކީ އިންސްޓާގްރާމް ބޭނުންކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފީޗާއެއް ކަމަށްވާއިރު، މި ފީޗާގެ ސަބަބުން އެ ޕްލެޓްފޯމްގައި ކުރެވޭ މުއާމަލާތްތައް އިތުރަށް މަޖާކޮށް، ހިތްގައިމު ކޮށްލެވޭނެ ކަމަށް ބެލެވެއެވެ.

ޖިފްއަކީ މީސްމީޑިއާގައި އެމީހުންގެ އިހުސާސްތަކާއި ރިއެކްޝަންތައް ހާމަކުރުމަށް މަގުބޫލު އެއްޗެކެވެ. ޖިފް ބޭނުންކޮށްގެން ޕޯސްޓުތަކަށް ކޮމެންޓް ނުވަތަ ރިޕްލައި ކުރުމުގެ ފުރުސަތު ދީގެން އިންސްޓަގްރާމުން ވަނީ މި ޓްރެންޑް ފުޅާކޮށް، ޕްލެޓްފޯމްގައި މުއާމަލާތް ކުރުމުގެ އާ މަގެއް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

އާ ފީޗާ ބޭނުން ކުރުމަށް ޓަކައި ޕޯސްޓެއްގެ ކޮމެންޓް ސެކްޝަން ހުޅުވައި ކޮމެންޓް ލިޔަން އޮންނަ ޖާގައިގެ ކައިރީގައި ހުންނަ ޖިފް އައިކަން ސެލެކްޓްކުރަން ޖެހެއެވެ. އެތަނުން ކޮމެންޓްގައި ހިމަނަން ބޭނުންވާ ރިއެކްޝަން ނުވަތަ އިމޯޝަން އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ޖިފްއެއް ހޯދާ، ކޮމެންޓަށް ނުވަތަ ރިޕްލައިއަށް އިތުރުކުރެވިދާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސްޓަގްރާމް ބޭނުންކުރާ އެންމެންނަށް މި ފީޗާ މިހާރު ތައާރަފްކޮށްފައިވާއިރު، އެ ޕްލެޓްފޯމްގެ މޮބައިލް އަދި ޑެސްކްޓޮޕް ވާޝަންތަކުން ވެސް މި ފީޗާ ލިބެން ހުންނާނެއެވެ. މިހާރު އެ އޮޕްޝަން ފެންނަން ނެތްނަމަ އިސްޓާގްރާމްގެ އެންމެ ފަހުގެ އަޕްޑޭޓް ޑައުންލޯޑް ކުރުމުން އެ ފީޗާ ލިބޭނެއެވެ.

އިންސްޓަގްރާމް ކޮމެންޓް ސެކްޝަންގައި ޖިފްއެއް ބޭނުންކޮށްފައި --

އިންސްޓަގްރާމް ރީލްސް އާއި އައިޖީޓީވީ ފަދަ ފީޗާތައް ތައާރަފުކުރުމާއެކު، މި ޕްލެޓްފޯމަކީ ހަމައެކަނި ފޮޓޯ އާއި ވީޑިއޯ ޝެއާ ކުރާ ޕްލެޓްފޯމަކަށް ވުރެ ގިނަކަންކަން ކުރެވޭ ވަސީލަތަކަށް ވަނީ ވެފައެވެ.

މިފަހުގެ ފީޗާއަކީ ވެސް އެންމެ ފަހުގެ ސޯޝަލް މީޑިއާ ޓްރެންޑްތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް އިންސްޓަގްރާމުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ފީޗާއެކެވެ. ޓިކްޓޮކާއި ސްނެޕްޗެޓް ފަދަ އެހެން ޕްލެޓްފޯމްތަކުން އާ ފީޗާތައް އުފައްދައި ތައާރަފް ކުރަމުން އަންނައިރު، ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ މަގާމު ދަމަހައްޓަން އިންސްޓަގްރާމްވެސް މިވާދަވެރި މާހައުލުގައި ސާބިތުވާން ޖެހެއެވެ.

އާ ފީޗާއަށް މިހާތަނަށް ލިބިފައިވާ މަގުބޫލުކަން ވަރަށް ރަނގަޅު ކަމަށް އިންސްޓާގްރާމްއިން ވަނީ ބުނެފައެވެ. އާ ފީޗާއާ މެދު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުން އަންނައިރު، އެ މީހުންގެ ކޮމެންޓްތަކާއި ރިޕްލައިތަކުގައި ޖިފް ހިމަނަން މިހާރު ވަނީ ފަށައިފައެވެ.