އެމްޑީޕީ މިއަދު މިއޮތް ހިސާބަށް ވާސިލް ވުމަށް ކުރި ދަތުރަކީ ވަރަށް ބޮޑު ޤުރުބާނީއާއި މިންނެތް މަސައްކަތާއި ކެތްތެރިކަން އިސްކުރި ދަތުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ގައުމުގައި އިންސާފާއި އަމަން އަމާންކަން އޮންނަން ބޭނުންވެގެން ކަމަށެވެ.

އަދި އެ ކަން ހާސިލް ކުރުމަށް ކުރި ދަތުރުގެ މަންޒިލް ހޯދާ، އެ މަރުހަލާ އެމްޑީޕީ ކާމިޔާބުކޮށްފި ކަމަށާއި، ހަމަޖެހުމުގެ ނޭވާ އެމްޑީޕީގެ ހައްޓަށް ފެތުނުއިރު، ދާން އެދުނު މަންޒިލް ގާތް ވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެޕާޓީން ދެވަނަ ފަހަރަށް ވެރިކަން ހިންގުމަށް ހަވާލުވުމަށް ފަހު ވެސް ތަންފީޒުކުރަމުން ގެންދަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ވެސް ތަންފީޒު ކުރި އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. އަދި އެމްޑީޕީން އަހަރުތަކެއް ކުރިން ފެށި މަސައްކަތް ނިންމޭނީ އަދިވެސް އެ ޕާޓީ ވެރިކަމުގައި ދެމި އޮވެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެގެން ކަމަށެވެ.

ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން / ސަން ފޮޓޯ: މުހައްމަދު ޝާތިއު

އެއީ ވަރަށް ބޮޑު ޤުރުބާނީއާއި މިންނެތް މަސައްކަތާއި ކެތްތެރިކަން އިސްކުރި ދަތުރެއް، އެ ދަތުރުގެ މަންޒިލް ހޯދާ، އެ މަރުހަލާ އެމްޑީޕީ ކާމިޔާބުކޮށްފި، އެ ދުވަހުން އަވަދިވެ، ހަމަޖެހުމުގެ ނޭވާ އެމްޑީޕީގެ ހައްޓަށް ފެތުނުއިރު، ދާން އެދުނު ތަން މި ވަނީ ދާދި ގާތްވެ އަތްލެވި އަތުޖެހިފައި. މިކަމަށް ޓަކައި އެމްޑީޕީ ކުރިއަށް ދެން އަޅަން އޮތީ ހަމަ އެންމެ ފިޔަވަޅެއް، މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން، މުޅި އެމްޑީޕީއަށާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެންބަރުންނަށް، މި ދައުވަތު، މިރޭ އަޅުގަނޑު އަރުވަން.ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

މީގެއިތުރުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހުސްވި ޖެނުއަރީ 28 ވަނަ ދުވަހު ކަނޑައެޅި އިރު، އެ އިންތިޚާބުން އެނގުނީ އެމްޑީޕީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއް ކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮތް ޕާޓީއެއްކަންވެސް އެ ދުވަހު ދައްކުވައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތަކީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމުގައި އެއްވާންވީ ވަގުތު ކަމަށެވެ.

ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ފާއިތުވި ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ރައީސް ޞާލިޙްގެ ވާދަވެރި ކެންޑިޑޭޓް، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު ބައިބައިވުން އުފެދިފައިވާއިރު، ރައީސް ޞާލިޙްގެ ވެރިކަމުގައި ފެންނަނީ އެމްޑީޕީގެ ފަލްސަފާއާ ދުރު ސިފަތަކެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ މީހެއް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ ދައުރަކީ އެމްޑީޕީ ވިސްނުމުގައި ރާއްޖޭގެ މުސްތަގުބަލު ބިނާކުރާނެ ތަސައްވުރަކާއެކު އޭގެ ތަންފީޒީ މަރުހަލާގައި އޮތް ފަސް އަހަރު ކަމަށެވެ.