ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ހަވާލުކުރުމަށް އޮތް ޖަލްސާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ބޮއިކޮޓްކޮށްފިއެވެ.

މިރޭގެ ޖަލްސާ ހިނގަމުން އަންނައިރު އެ މަނިކުފާނަށް ތާއީދުކުރައްވާ އެއްވެސް މެމްބަރަކު ފެންނާކަށް ނެތެވެ. މި މަހު އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ވެސް ނަޝީދުގެ ފެކްޝަނުން ވަނީ ބޮއިކޮޓްކޮށްފައެވެ.

މީގެ ކުރިން ނަޝީދުވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް ރައީސަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ވިސްނުން ބަދަލު ކުރައްވާނީ އެ ޕާޓީގައި އެ މަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވައި "ފިކުރެއްގެ ދިރުން" ގޮފި އުފެއްދުމަށްފަހު އެ ގޮފީގެ މެމްބަރުންގެ ޚިޔާލާއެކު ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ރައީސް ޞާލިޙު ކާމިޔާބުކުރެއްވީ 61 ޕަސެންޓް ވޯޓާއެކުގައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓު ވޯޓެވެ.

މީގެ ކުރިން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ބަލި ގަބޫލުފުޅުކުރައްވައި އެއީ ޑިމަކުރަސީގައި އެ ކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވައިގެންނެވިއެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ 28ގައި އޮތް އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނަށް ކުރިމަތިވި ނާކާމިޔާބާއެކު އަދިވެސް އެ މަނިކުފާނު ހުންނެވީ އެ ނަތީޖާއާ ރުހިވަޑައިގެން، ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.