17 Feb 2023, 22:33
ވިސާއާ ނުލައި ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފަަށައިފިއެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށީ ކޮވިޑާ ގުޅިގެން ޗައިނާގައި އަޅައިފައިވާ ފިޔަވަޅުތައް އުވާލުމާއެކުއެވެ. އެ ކަންވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިއުލާންކޮށްފައެވެ.
ހަމައެއާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައިވާކަމަށް ވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ރައްޔިތުންނަށް ވެސް، 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ރާއްޖެއަށް އަންނަ ނަމަ ވިސާއާ ނުލައި އެތެރެވެވޭނެއެވެ.
އެހެންނަމަވެސް އެއަށްވުރެ ދިގު މުއްދަތަކަށް އަންނަ ނަމަ ވިސާ ހޯދަން ޖެހޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ.
އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މިދިޔަ އަހަރު ރާއްޖެއާ ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކޮށްފައިވާއިރު ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.
މިހާރު ވެސް ބައެއް ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވެއެވެ.
އެގޮތުން ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިން ދިވެހީންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މި ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހީންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ވަނީ ހަމަޖައްސާފައެވެ.