އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް, އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފިއެވެ.

އެމްޑީޕީއިން މިރޭ ކާނިވަލް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތުގައި ރައީސްއާ ޓިކެޓު ހަވާލު ކޮށްދެއްވާފައިވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ފަރާތުން، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީ، ރައީސް ޞާލިޙް ކާމިޔާބު ކުރެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު، އެ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އެގޮތުން ޕްރައިމަރީ، ރައީސް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ދާއިމީ ނަތީޖާ އިއުލާނު ކުރުމުން ބަލި ގަބޫލުކުރެއްވި ނަމަވެސް ނަޝީދު ވަނީ ރައީސް ޞާލިޙާއެކު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފަހަތްޕުޅަށް އަރުއްވަން ދެކޮޅު ހައްދަވައިފައެވެ.

މިރޭގެ ޖަލްސާ ނަޝީދާއި އެ މަނިކުފާނަށް ތާއިދު ކުރާ މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

ނަޝީދު ގެންދަވަނީ އެ ޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަން މަސައްކަތް ކުރައްވަމުންނެވެ.