17 Feb 2023, 19:35
ފަހުގެ ތާރީޚެއްގައި ތުރުކީއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމުގައި ގެއްލުން ލިބުނު 5.2 މިލިއަން މީހުންނަށް އެހީތެރިވުމުގެ ގޮތުން އެއް ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އދ.އިން ފަށައިފިއެވެ.
މީގެ ދެ ދުވަސް ކުރިން އދ.އިން ވަނީ ބިންހެލުމުން ސަލާމަތްވި ފަސް މިލިއަން ސީރިއާ މީހުންނަށް އެހީތެރިވުމުގެ ގޮތުން 397 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އދ. އާއި ތުރުކީ ސަރުކާރުން ބުނާ ގޮތުގައި އެގައުމުން ބިންހެލުމުގެ އަސަރު ކުރި މީހުންގެ އަދަދު 15 މިލިއަނަށް ވުރެ އިތުރެވެ. ނަމަވެސް އޭގެ ތެރެއިން އދ.އިން އެހީވަނީ 5.2 މިލިއަން މީހުންނަށް ކަމަށްވާތީ އެކަމާ ބެހޭ ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ސީރިއާގައި ފަސް މިލިއަން މީހުންނަށް އެހީވާން ހޯދާ ފައިސާއަށް ވުރެ ތުރުކީގެ ފަސް މިލިއަން މީހުންނަށް އެހީވާން ހޯދާ ފައިސާ ދެގުނަ އިތުރުވަނީ ކީއްވެތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
މިކަމާ ގުޅިގެން، އދ.ގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވީ އެހީއަށް ބޭނުންވާ ފައިސާގެ އަދަދު ނިންމާފައި ވަނީ ތުުރުކީ ސަރުކާރާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެ އެހީ މިވަގުތު ފޯރުކޮށްދެނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށާއި އެންމެ ބާރު ސްޕީޑުގައި އެހީ ފޯރުކޮށްދެވޭ ތަންތަނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

12، 2023 ވާ ހުކުރު ދުވަހު ސީރިއާގެ އަތަރެބްގައި ވޮލަންޓިއަރުން ކާބޯތަކެތި ބަހަނީ، ފެބްރުއަރީ -- ފޮޓޯ/ އޭޕީ
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ، އެ ފައިސާގެ ސަބަބުން، އެހީދޭ އަމިއްލަ ޖަމާއަތްތަކަށާއި ސަރުކާރުން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އެގޮތުން ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޓެރޭސް އިތުރަށް ވިދާޅުވީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ރެފިއުޖީން ދިރިއުޅެނީ ތުރުކީގައި ކަމަށާއި އެ ގައުމަކީ އަވަށްޓެރި ސީރިއާއަށްވެސް އެތައް އަހަރެއް ވަންދެން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން މިއީ މުޅި ދުނިޔެއިން ތުރުކީގެ ރައްޔިތުންނަށް އެހީވާންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
އދ ގެ ރެފިއުޖީ އެޖެންސީން ބުނި ގޮތުގައި ބިންހެލުންތަކުގެ އަސަރު ކޮށްފައިވާ ތުރުކީގެ 11 ޕްރޮވިންސްގައި މިހާރުވެސް 1.74 މިލިއަނަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ.
ތުރުކީއަށް މި މަހުގެ ހަޔެއްގައި އައި ފުރަތަމަ ބިންހެލުމަކީ އެގައުމުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު އެއް ބިންހެލުމެވެ.