ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެން ޒަކީގެ ގެ، ހ. ހުޅުގަލީގައި ހިންގަމުންދިޔަ މަސާޖު ޕާލާއެއް ރެއިޑްކޮށް ރޭ ހައްޔަރު ކުރި ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ދެ އަންހެނުންގެ މައުލޫމާތު އާންމުކޮށްފި އެވެ.

ހުޅުގަލީ ފުރަތަމަ ފަންގިފިލާއިން ރޭ ހައްޔަރު ކުރި ދެ ދިވެހިންގެ ތެރޭގައި ހިމެނެނީ ގދ. ތިނަދޫ އައިރިޝް، މުހައްމަދު ޝިހާން 38، އާއި ރ. އިނގުރައިދޫ ވާދޫގޭ މޫސާ އިބްރާހިމް 30، އެވެ. ހައްޔަރު ކުރި ދެ ބިދޭސީންނަކީ ތައިލެންޑް ސުފާޕޯން ބުދީޗާ 22، އާއި ތޮންބައި ސޮސޫ 30، އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ ހުޅުގަލީގައި ހިންގި "މޯލްޑިވިއަން ކެއާ ސެލޫން" ތެރެއިން ހައްޔަރު ކުރި ތައިލެންޑްގެ ދެ އަންހެނުން ސްޕޮންސާ ކޮށްފައިވަނީ އދ. ފެންފުށި މާބަގީޗާގެ، މުހައްމަދު އާދަމް 49، ކަމަށެވެ. އަދި އޭނާ އަކީ މީގެކުރިން ވެސް ފައިސާއަށް ބަދުއަޚްލާގީ އަމަލު ހިންގާ ކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ދާއޫދު ވިދާޅުވި އެވެ.

ދާއޫދޫ ވިދާޅުވީ އެތަނުގެ ފުރަތަމަ ކޮޓަރީގައި ދިވެހި ފިރިހެނަކާ ތައިލޭންޑްގެ އަންހެނަކު ތިބިއިރު، ދިވެހި މީހާ ހުރީ ބަރަހަނާ ހާލުގައި ކަމަށެވެ. އަދި ދިވެހި ފިރިހެން މީހާގެ ފަޓުލޫނު ޖީބުން ބޭނުންނުކުރާ ކޮންޑަމެއް ފެނިފައިވާ ކަމަށެވެ. އަދި ތައިލެންޑްގެ އަންހެންމީހާ ލައިގެން ހުރި ޖީންސް ބުރީގެ ޖީބުން 500ރ. އާއި އޭނާގެ ދަބަހުން ވެސް ގިނަ އަނދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރާއި ޔޫރޯ ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ ދެވަނަ ކޮޓަރި ތެރެއިން ވެސް ދިވެހި ފިރިހެނަކާ ތައިލޭންޑްގެ އަންހެނަކު ތިބިއިރު، ދިވެހި ފިރިހެންމީހާ ހުރީ މަތިން އެއްޗެއްނުލައި ކަމަށެވެ. އަދި ތައިލެންޑްގެ އަންހެން މީހާ ހުރީ ކުރު ޖީންސްބުރިއަކާއި ޓޮޕެއްލައިގެން ފިރިހެންމީހާ ކައިރީގައި މަޑުކޮށްލައިގެން ކަމަށެވެ.

ދާއޫދު ވިދާޅުވީ ފިރިހެންމީހާގެ ހަށިގަނޑުން ބަދުއަޚްލާގީ ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްވެސް އާލާތެއް ފެނިފައިނުވާ ކަމަށާއި ނަމަވެސް ތައިލެންޑްގެ އަންހެން މީހަ ގެންގުޅޭ ތަކެތި ބަލާފާސްކުރި އިރު ގިނަ އަނދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރާއި ޔޫރޯގެ އިތުރުން ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ބޭސް ފެނިފައިވާ ކަމަށެވެ.

ދާއޫދު ވިދާޅުވީ މައްސަލައާއި ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.