އަށް ދުވަސް ތެރޭގައި އަށް އަތޮޅު ހުރަސްކޮށް، އީކުއޭޓަރަށް ދިއުމަށް މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ މިއަދު ދަތުރު ފަށައިފިއެވެ.

އޭނާ ދަތުރު ފެށީ މިއަދު ހެނދުނު ހުޅުމާލެ ފެރީ ޓާމިނަލް ޖެޓީ ސަރަހައްދުންނެވެ. ވޯލްޑް ރެކޯޑެއް ގާއިމްކުރުމުގެ ގޮތުން އޭނާ ފެށި މި ދަތުރުކުރާނީ ހަމައެކަނި ފަލި ޖަހައިގެންނެވެ.

ޑެމިއަން ބުނި ގޮތުގައި އޭނާ މި ދަތުރުގައި ބޭނުންކުރާނީ ސީދާ މި ކަމަކަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.

ޑެމިއަން ރައިޑާ ހުޅުމާލެއިން ދަތުރު ފަށަން ތައްޔާރުވަނީ -- ފޮޓޯ/ އުރީދޫ

ރާއްޖޭގައި ޑެމިއަން ފެށި މި ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އޭނާ މި ދަތުރު ނިންމާލާނީ މި މަހު 24ވަނަ ދުވަހެވެ. ނިމޭއިރު ހުންނާނީ ޒީރޯ ޑިގްރީގައެވެ. އެއީ އީކުއޭޓަރެވެ.

މި ދަތުރާ ގުޅޭގޮތުން "ސަން"އާ މީގެ ކުރިން ވާހަކަދައްކަމުން އޭނާ ބުނީ މިއީ ރާއްޖެފަދަ އިކުއިޓޯރިއަލް ކްލައިމެޓެއްގެ ގައުމެއްގައި އޭނާ އަލަށް ކުރާ ކަމަކަަށްވުމުން ޗެލެންޖިން ކަމަކަށްވާނެ ކަމަށެވެ. އަދި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ވެސް ޑެމިއަން ބުންޏެވެ.

މި ދަތުރުގައި އޭނާ އަށް އަތޮޅެއް ހުރަސް ކުރާނެއެވެ. އަދި ހަތް ރަށަކަށް މަޑުކުރާނެއެވެ. އޭނާ މަޑުކުރާނެ ރަށްތަކަކީ:

  1. ކ. މާފުށި

  2. ވ. ރަކީދޫ
  3. މ. ކޮޅުފުށި
  4. ތ. ގުރައިދޫ
  5. ލ. ފޮނަދޫ
  6. މާނަގާލާ
  7. ގދ. ވާދޫ

ދަތުރުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި އޭނާގެ ދަތުރާ ގުޅުންހުރި މަންޒަރާއި މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ލައިވް ޓްރެކިން ވެބްސައިޓުން ދަތުރުގެ މަގު ފެންނާނެއެވެ. ހަމައެއާއެކު ހުއްޓާ ރަށްރަށުގައި މަންޒަރުތައް ލައިވް ސްޓްރީމް ކުރާނެއެވެ. މި ދަތުރުގެ ޑޮކިއުމަންޓްރީ 54 ގައުމަކަށް ފެންނާނެއެވެ.

މި ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.

ޑެމިއަން ރައިޑާއަކީ 15 ވޯލްޑް ރެކޯޑެއް ހާސިލްކޮށްފައިވާ އެކްސްޓްރީމް ސްޕޯޓާއި އެޑްވެންޗާ އެތުލީޓެކެވެ. ފޮތް ލިޔުންތެރިއެއްގެ އިތުރުންނާއި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަަކޮށްލެވޭ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ވެސް ޑެމިއަންއަކީ މަޝްހޫރު މީހެކެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަވީ ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން މަސައްކަތްތަކުންނާއި ޓެޑް ޓޯކްސް އޭޝިއާ ޕެސިފިކް އަދި ޔުނައިޓެޑް ސްޓޭޓްސްގެ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައެވެ.

ރާއްޖޭގައި 480 ކިލޯމީޓަރުގެ ދަތުރެއް ހަތް ދުވަސްތެރޭ ފަލި ޖަހައިގެން ކުރަން ތައްޔާރުވަމުން އަންނައިރު މީގެ ކުރިން އޭނާވަނީ އޮސްޓްރޭލިއާގައި މިޔަރު ގިނަ ކަނޑުގެ ސަރަހައްދެއްގައި 800 ކިލޯމީޓަރުގެ ދިގު ދަތުރެއް 17 ދުވަހުން ކޮށްފައެވެ.