16 Apr 2012, 14:06
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، ސަލާމަތީ ބާރުތަކުން އެކަހެރިކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި، ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވި މައްސަލަ މިހާރުން މިހާރަށް އެތަނުން ބޭރު ކުރުމަށް އެމްޑީޕީގެ ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ޕީޖީ އަށް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވީ، އަނިޔާވެރި ވުމެއްނެތި، މި ގައުމުގައި ތިން އަހަރު ދުވަހު ވެރިކަންކުރެއްވި ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ބޭފުޅެއްގެ މައްސަލަ ޕީޖީއަށް ފޮނުވި އިރު، 30 އަހަރުވަންދެން އަނިޔާވެރިކަމާ އެކު ރާއްޖޭގައި ވެރިކަން ކުރި މީހުން ތިބީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެ އަޅުގަނޑަށް އެނގިގެން ދިޔައީ، އިވިގެން ދިޔައީ މީޑިޔާ އިން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓް ކުރުމަށްޓަކައި ފުލުހުސް އޮފީހުން ތަހްގީގުކޮށްފައި މިހާރު މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފިޔޭ. މި ގައުމުގައި 30 އަހަރު ވަންދެން އަނިޔާވެރިކަމާއެކުގައި ވެރިކަންކޮށް އަދި ވެސް ދެ އަތުގައި ލޭހުރި މީހުން އެއީ ސާފު ހުދު ކަފަކޮޅެއްގެ ގޮތުގައި ދައްކާފައި މި ގައުމުގައި އެންމެ ތިން އަހަރު ވަންދެން ރައްޔިތަކަށް އަނިޔާނުކުރި މީހެއްގެ މައްޗައް ދައުވާ ކުރުމަށް މި ހުށހަޅަނީ. އަޅުގަނޑު ގޮވާލަން މިހާރު ވެސް މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓް ކުރުމަށް ހުށހަޅާފައިވާ މައްސަލަ މިހާރުން މިހާރަށް އެތަނުން ބޭރުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް،" އިމްތިޔާޒު ވިދާޅުވި އެވެ.
އިމްތިޔާޒުގެ އެ ގޮވާލުމަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، އިމްތިޔާޒުގެ އެ ގޮވާލުމަކީ އެ މައްސަލައަށް ނުފޫޒާއި ބާރު ފޯވުމަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީހެއްގެ މައްޗަށް އަނިޔާވެރިވެއްޖެ ކަމަށްވާ ނަމަ އެމީހަކު ކޯޓުން ބަރީއަވަންދެން ތަހްގީގު ހިންގަން ޖެހޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ޕީޖީގައި އޮތް ނަމަ އެންމެ ރަނގަޅު ގޮތަކީ އެ މައްސަލަ ޝަރީއަތުގެ މަރުހަލާ އަށް ދިއުން ކަމަށާއި، ނަޝީދަކީ ސާފުމީހެއްކަން ރައްޔިތުންނަށް ކަނޑައެޅޭނީ އޭރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުށްވެރި ކުރަން ނަޝީދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެގުމަށް ގޮވާލާތީ، އެއީ ނުފޫޒާ ބާރު ފޯރުވުމަށް ކުރެވެ މަސައްކަތެއް. މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ނަމަ އެންމެ ރަނގަޅު ގޮތަކީ ވެސް އެމައްސަލަ ޝަރީއަތުގެ މަރުހަލާއަށް ދިއުން. ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭނީ. ނަޝީދަކީ ސަފުމީހެއްތޯ ނުވަތަ ނޫންތޯ އެކަން ސާފުވެގެން ރައްޔިތުންނާ ހިސާބަށް އަންނާނީ،" އަބުދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.