17 Feb 2023, 09:18
ފިލްމު "ވީރް ދި ވެޑިން"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ސްވަރާ ބާސްކަރު ކައިވެނިކޮށްފައިވާކަން އިޢުލާނުކޮށްފިއެވެ.
ބަތަލާ ސްވާރާ އެންގޭޖްވުމަށްފަހު ކައިވެނި ކޮށްފައި ވަނީ އިންޑިއާގެ ސިޔާސީ ޕާޓީ ސަމަޖްވާދީ ޕާޓީގެ ލީޑަރު ފަހަދު އަހްމަދު ކިޔާ މީހަކާއެވެ. ސްވާރާއާއި ލޯބިވެރިޔާ ފަހަދު އަހްމަދުގެ ކައިވެނި އިޢުލާނު ކޮށްފައި މި ވަނީ ދެ މީހުން އެންގޭޖްވުމަށްފަހު ކޯޓުގައި ކައިވެނި ރަޖިސްޓާ ކުރިތާ ދިހަ ދުވަސްފަހުންނެވެ. ސޯޝަލް މީޑިއާގައި ޙިއްސާކުރި ޚާއްޞަ ވީޑިއޯގައި ދެ މީހުންގެ ލޯބި ފެށުނުގޮތް ވެސް ކިޔައިދީފައިވެއެވެ.
ސްވާރާއަކީ ސިޔާސީ ލީޑަރު ފަހަދު އަހްމަދާއެކު ބައެއް ސިޔާސީ އެއްވުންތަކުގައި އިސްކޮށް ބައިވެރިވެފައިވާ ބަތަލާއެއްވެސްމެއެވެ. ފޭނުންނާ ޙިއްސާކުރި ވީޑިއޯގައި ދެމީހުންގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުން އުފެދި އެގުޅުން ލޯތްބަށް ބަދަލުވެ ކައިވެންޏާ ހަމައަށްކުރި ދަތުރު ކިޔައިދީފައިވެއެވެ.
ކާމިޔާބު ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ މުހިއްމު ރޯލްއިން ފެނިގެންދިޔަ ބަތަލާ ބުނެފައިވަނީ ދިރިއުޅުމުގައި ބޭނުންވާ ލޯބިވެރިޔާ ކިތަންމެ ކައިރީގައި ހުއްޓަސް ގިނަ ފަހަރަށް ލޯބި ހޯދުމުގެ މަސައްކަތްކުރެވެނީ މާދުރުން ކަމަށެވެ.
ސްވަރާގެ ފިލްމީ ކެރިއަރަށް ބަލާއިރު ބަތަލާއަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ އެފަދަ ރޯލްތައްކުޅެން ޝައުޤުހުންނަ ފަރާތެކެވެ. ގިނަ ބައެއްގެ ސަމާލުކަން ސްވަރާއަށް ލިބިގެންދިޔައީ 2011ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ ސަޕޯޓިންގް ރޯލްއިންނެވެ. މިފިލްމުން ސްވްރާވަނީ އެއަހަރުގެ ފިލްމުފެއާ އެވޯޑްވެސް އެ ކެޓެގަރީއިން ހޯދާފައެވެ.
ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްވި ކަމަލް ޕާންޑޭގެ ކޮމެޑީ ޑްރާމާ ފިލްމު "ޖަހާން ޗާރް ޔާރް"އިންނެވެ. ސްވަރާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި "މިސިޒް ފަލާނީ"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.