16 Feb 2023, 23:24
ދައުލަތަށް ޚިދުމަތް ކުރުމުގައި 45 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށް ވަކިވެފައިވާ މީހުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، 45 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށްފައިވާ މީހުންގެ ތެރެއިން ގައުމީ އިނާމް ލިބުމުގެ ޝަރަފް ނުލިބޭ ކިތަންމެ ބަޔަކު އެބަ ތިބި ކަމަށާއި، އެ މީހުންނަށް އިނާމަށް ނަން ހުށަހެޅުމުގައި ދިމާވާ ދައްޗަކީ ބައެއް މީހުންގެ އަތުގައި ޚިދުމަތާ ބެހޭ ރެކޯޑު ނެތުން ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު ތަކުގައި ސަރުކާރުގެ ބައެއް އޮފީސްތައް އުވާލާފައިވާއިރު، އެމީހުން ކުރި މަސައްކަތްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ނެތުމާއި އެހެނިހެން ސަބަބުތަކާހުރެ އިނާމު ނުލިބި ތިބި މީހުންނަށް އެ ޝަރަފު ދިނުމުގެ ގޮތުން ރައީސް އޮފީހުން އެ މަސައްކަތް ކުރަން ގަސްތު ކުރައްވާ ކަން ހާމަކުރެއްވިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި 309 މީހަކަށް މި ޝަރަފް އަރުވާފައިވާއިރު އެކި ސަބަބުތަކާ ހުރެ ގައުމީ އިނާމު ނުލިބި ތިބި މީހުންގެ އަދަދު 70 އާ ގާތްކުރެއެވެ.
އެބޭފުޅުން އެކުރެއްވި ޚިދުމަތްތަކަކީ ހަޔާތުގެ ވަރަށް ބޮޑު ބައެއް ގައުމީ ޚިދުމަތަށް ހުސްކުރައްވައި، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް. އަދި އެއީ ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ފަރުދި ގޮތުން ޚިދުމަތްކުރެއްވުމަށް އެބޭފުޅުންގެ ހިތްޕުޅުގައި އޮތް މަތިވެރި ގަދަރާއި ލޯބި ހާމަކޯށްދޭ ކަމެއް.ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ ޚިދުމަތުގައި މަތީ އަރުތަ ހާސިލްކުރާ މީހުންގެ އަގު ވަޒަން ކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށާއި، އެ މީހުންނަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ހިއްސާ ދާރުން ކަމަށެވެ. ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި އެމީހުންގެ ބައިވެރިވުމާއި މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 މީހަކަށް ރައީސް ވަނީ އިނާމު ދެއްވާފައެވެ.
މި އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މީހުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި، އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެމީހަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.