16 Feb 2023, 22:37

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި 86 ބޭފުޅަކަށް މިރޭ އިނާމް ދީފިއެވެ.
މި އިނާމް ދޭން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާ އިހްލާސްތެރިކަމާއެކު މުއައްސަސާގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތް އަގުވަޒަންކުރުމުގެ ގޮތުން ރައީސް ދެއްވާ ޝަރަފްވެރި އިނާމެކެވެ.
މިރޭގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި މައްޗަންގޯޅި ބޮޑުގަލުމާފަތްގޭ ޞޯބިރާ ވަހީދުގެ ނަން ހާއްސަ ގޮތެއްގައި ފާހަގަކުރެވިގެން ދިޔައެވެ.
އެގޮތުން ޞޯބިރާގެ ޚިދުމަތް ފާހަގަކޮށް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޞޯބިރާއަކީ މިއަދު ދައުލަތަށް ޚިދުމަތްކޮށްދެއްވުމުގައި ތިބި އަންހެން ކަނބަލުންނަށް ނަމޫނާ ކަނބަލެއް ކަމަށެވެ.
"ޞޯބިރާ ވަހީދު 2016 ވަނަ އަހަރު ދައުލަތުގެ ޚިދުމަތް ނިންމަވާލެއްވީ 50 އަހަރާއި އަށް މަސް ދުވަސް ވަންދެން ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވުމަށްފަހު،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އިނާމް ހާސިލްކުރެއްވި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ ހ. އިރުވައި އިސްމާއީލް ރަޝީދެވެ. އޭނާއަކީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވީ އަތޮޅުތަކާ ބެހޭ ވުޒާރާގައެވެ. އޭނާ އަކީ ހަ އަތޮޅެއްގައި އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ރައީސް ޞާލިހް ތައާރަފްކުރެއްވި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، 2021ވަނަ އަހަރު ދޭންފެށި އިނާމެކެވެ. އެގޮތުން އެއަހަރު 223 ބޭފުޅަކު އެ އިނާމް ހާސިލްކުރައްވާފައި ވެއެވެ.