17 Feb 2023, 09:23
ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ކުންފުނި 'އެޑް އަ މަމާ'ގެ އެންމެ ފަހުގެ ކަލެކްޝަން ލޯންޗުކޮށްފިއެވެ.
ކުޑަކުދިންނަށް ޚާއްޞަކޮށްގެން ލޯންޗުކުރި މިފަހަރުގެ ކަލެކްޝަނުގައި ޚާއްޞަ ތިން ތީމެއް ހިމެނެއެވެ. އެއީ، ޖަންގްލް ޖޯއި، ކިއުޓް އަ ސޯރަސް އަދި ވުޑްލޭންޑް ވޮންޑާސްގެ ނަމުގައި ތަޢާރަފްކުރި ތިން ތީމްއެވެ. މިފަހަރުގެ ކަލެކްޝަންއިން ލޯންޗުކޮށްފައިވަނީ އެންމެ ތުއްތު އިރުން ފެށިގެން ތިން އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ ހެދުންތަކެވެ.
އެންމެ ފަހުން ލޯންޗުކުރި ހެދުންތަކާ ތީމްތަކާބެހޭގޮތުން ވާހަކަ ދައްކަމުން ބަތަލާ އާލިއާ ބަޓް ބުނީ، ތުއްތު ކުދިންނަށް ޚާއްޞަކޮށްގެން ހެދުންތަކެއް ތަޢާރަފްކުރަން ނިންމި ނިންމުމަކީ، ވަރަށް 'ޕާސަނަލް' ނިންމުމެއްކަމުގައެވެ. ތުއްތު ކުދިންނަކީ، ވަރަށް ނާޒުކު ބައެއްކަމުން އެކުދިންގެ ހެދުންތަކަކީވެސް އެހާމެ ޚާއްޞަ ހެދުންތަކަކަށް ވާން ބޭނުންވާކަމަށް ބުންޏެވެ. މީބީދައިން ވާހަކަ ދައްކަމުން އާލިއާ ބުނީ މިހާރު މަންމައަކަށްވެފައި އަމިއްލަ ދަރިފުޅުގެ ހެދުން ކަލެކްޝަނެއް ހޯދާއިރު އެންމެ ފުރަތަމަވެސް އިސްކަންދޭނީ ކުއްޖާއާގުޅޭ އަދި މާޙައުލަށް އެއިން ނޭދެވޭ އަސަރުނުކުރާނެ ކަލެކްޝަނަކަށް ކަމުގައެވެ.
މާބަނޑު ދުވަސްވަރު އާލިއާ ވަނީ މާބަނޑު މީހުންނަށް ޚާއްޞަ ކަލެކްޝަނެއް ވެސް ލޯންޗުކޮށްފައެވެ. އޭގެފަހުން ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ޚާއްޞަ ކަލެކްޝަނެއްވެސް 'އެޑް އަ މަމާ"އިން ލޯންޗުކޮށްފައިވެއެވެ. ޒުވާން ބަތަލާ އާލިއާގެ ކާމިޔާބު މިބްރޭންޑް ވުޖޫދަށްއައީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އާލިއާއަކީ، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގިނަ ކެމްޕޭންތަކެއްވެސް ހިންގާ ބަތަލާއެކެވެ. އެގޮތުން ބަތަލާގެ މި ބްރޭންޑް ތަޢާރަފްކުރުމުގެ އެންމެބޮޑު އެއްބޭނުމަކަށްވީ ވެސް ތިމާވެއްޓާއި ރައްޓެހި އަންނައުނުތަކެއް ތަޢާރަފްކޮށް ތުއްތު ކުދިންނަށް ރައްކާތެރި އަންނައުނުތަކެއް ލިބޭނެ މަގުފަހިކޮށްދިނުމެވެ. 'އެޑް އަ މަމާ"އިން ތަޢާރަފްކުރާ ހުރިހާ އަންނައުނުތަކަކީވެސް 100 ޕަސެންޓް އޯގަނިކް ކޮޓޮންއިން އުފައްދާ އަންނައުނުތަކެކެވެ.