އަންނަ ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ހާފިޒުން ގެނައުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުންގެ ވިސާއަށް އެދި ހުށަހެޅުމުން، ޝަރުތު ހަމަވެ، ހުއްދަ ދޭ ފަރާތްތަކަށް، އެމީހުން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ "ސްޕެޝަލް ވިސާ" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް އެދޭ ފަރާތްތަކުން، އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސްޕެޝަލް ވިސާއަށް އެދި ހުށަހެޅުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

އެޕްލިކޭޝަން ހުށަހެޅުމުން، ހުއްދަ ދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެންގޭނެއެވެ. ހުއްދަ ދޭ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި އެފަރާތްތަކުގެ ވީސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ އެފަރާތްތައް ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ދޫކުރާ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީވެސް އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި، ބިދޭސީންނަށް ދޫކުރުމަށް ހަމަޖެހިފައިވާ "ސްޕެޝަލް ވިސާ" އާއި "ސްޕޮންސާޝިޕް ޑެކްލެރޭޝަން" އެ މުއައްސަސާ އިން އެޕްރޫވްކުރުމުގެ ކުރިން، މިއިން އެއްވެސް ފަރާތަކުން ރާއްޖެ އައުމަށް ދަތުރު ނުފެށުމަށްވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.