16 Apr 2012, 13:49
ފެންޓަސީ ބޭކަރީ ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދަން ނުޖެހޭނެ ކަމަށް ފެންޓަސީން ބުނެފި އެވެ.
ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން ފެންޓަސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފެންޓަސީގެ ވަކީލު ވިދާޅުވީ ގަވާއިދާ ޚިލާފުވެފައިވާ ތަންތަން ބަންދުކުރުމަށް ފަހު އެފަދަ ތަންތަން ހުޅުވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުކުމަކީ މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
ކާބޯތަކެތީގެ ޚިދުމަތް ދިނުމާއި ބެހޭ އާންމުގަވައިދުގައި ވެސް ބަންދުކޮށްފައިވާ ތަންތަން އަލުން ހުޅުވާއިރު ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަމަށް ބުނެފައި ނުވާ ކަމަށާއި އެހެން ކަމުން ރައްޔިތުންގެ ޚިޔާލު ހޯދަން ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގަވާއިދާއި ޚިލާފަށް ގަވާއިދާއި ޚިލާފު ކަމެއް ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ފަހަރަށް ވެސް ދެވަނަ ފަހަރަށް ވެސް ގަވާއިދާއި ޚިލާފުވެއްޖެ ނަމަ އޮންނަނީ ޖޫރިމަނާ ކުރުން ކަމަށާއި ގަވާއިދުގާއިވާ ގޮތުން ހުއްދަ ބާތިލު ކުރެވޭނީ ތިންވަނަ ފަހަރަށް ގަވާއިދާއި ޚިލާފުވުމުން ކަމަށެވެ.
ފެންޓަސީގެ ވަކީލު ވިދާޅުވީ ފެންޓަސީ ބޭކަރީ ނޫނަސް ގިނަ ތަންތަން ބަންދުކުރި އިރު ފެންޓަސީ ބޭކަރީއާއި މެދު ތަފާތުގޮތަކަށް އަމަލުކުރުމަކީ ފެންޓަސީގެ ނަން ހުތުރުވި ކަމެއް ކަމަށެވެ.
ރައްދުގައި ސިޓީ ކައުންސިލްގެ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެހެން ތަންތަނާއި ޚިލާފަށް ފެންޓަސީ ބޭކަރީގައި މާ ސީރިއަސް ކަންތައް ތަކެއް ހުރި ކަމަށާއި ފެންޓަސީގެ ނަމަށް ހުތުރު ވާންވީ ހަމައެކަނި ގަވާއިދުގައިވާ ގޮތުން ސިޓީ ކައުންސިލުން ފިޔަވަޅު އެޅުމުން ނޫންކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ފެންޓަސީގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އެނގި ކަމަށާއި އެހެންކަމުން ފެންޓަސީގެ ނަމަށް ހުތުރުވާނަމަ ޕީޖީ އޮފީހާ ދެކޮޅަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް އަނަސް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރިއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ސިޓީ ކައުންސިލަށް ފުރުސަތު ދެއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.