ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަން 49 އަހަރުގެ ލަޓްވިއާ ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އޭނަ ހިފައްޓާފައި ވަނީ، މިދިޔަ އަންގާރަ ދުވަހުއެވެ. އެ މީހާ ހައްޔަރު ކުރީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަން އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކުއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދިރުވާލައިގެން އެތެރެކޮސްފައިވާ މަސްތުވާތަކެތިކަމަށް ބެލެވޭ 127 ބުލެޓް (1353 ގްރާމް)ގެ އޭނާގެ ހަށިގަނޑުން ފެނިފައިވާކަމަށެވެ. މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މަހުގެ އަށްވަނަ ދުވަހު ވެސް ރާއްޖެ އައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން 2.2 ކިލޯ ކޮކެއިން ވަނީ ފެނިފައެވެ. އޭނާގެ ބަންދަށް ވެސްކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބޭގޮތަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ގަވައިދެއް ވަނީ އާއްމުކޮށްފައެވެ.