ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވަމުން އަންނަ "ރަމަޟާން ކްރިކެޓް ކާނިވަލް" މިފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކްރިކެޓް ބޯޑުން ބުނީ، މިފަހަރުގެ މުބާރާތްތަކުގައި ވާދަކުރުމަށް ބޭނުންވާ ސަރުކާރު އޮފީސްތަކަށާއި، އަމިއްލަ ކުންފުނިތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މިފަހަރުގެ ކްރިކެޓް ކާނިވަލްގައި މާލެސިޓީގައި ކުރިއަށްދާނީ ތިން މުބާރާތެކެވެ.

އެއީ ރާއްޖޭގައި އުޅޭ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ މާލޭ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕެން ޓޯނަމެންޓާއި، ސަރުކާރު އޮފީސްތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ އޮފީސް ޓޯނަމެންޓުގެ އިތުރުން ހުރިހާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ކޮމްޕެނީ ޓޯނަމެންޓެވެ. ކުންފުނިތަކަށް އަމާޒުކޮށް ބާއްވާ މުބާރާތުގައި ދިވެހިންގެ އިތުރުން ބިދޭސީ ކުޅުންތެރިންނަށްވެސް ވާދަކުރެވެއެވެ.

މިފަހަރުގެ ކުރިކެޓް ކާނިވަލް ލޯގޯ

ކްރިކެޓް ކާނިވަލްގެ އޯޕެން ޓޯނަމެންޓުގައި 12 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، އޮފީސް ޓޯނަމެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަ ޓީމަކަށެވެ. މީގެ އިތުރުން ކޮމްޕެނީ ޓޯނަމެންޓްގައި 12 ޓީމަށް ބައިވެރިވެވޭ ގޮތަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިފަހަރުގެ ކްރިކެޓް ކާނިވަލް ތެރޭ ހިމެނިގެން ފުވައްމުލައް ސިޓީ އާއި ލ. ކުނަހަންދޫގައިވެސް ވަނީ މުބާރާތް ބޭއްވުމަށް ނިންމާފައެވެ.

ކްރިކެޓް ބޯޑުން ބުނީ، މިފަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަސް މުބާރާތުގައި ޖުމްލަ 40 ކުޅުންތެރިން ބައިވެރިވާނެކަމަށެވެ.

މިފަހަރުގެ ކްރިކެޓް ކާނިވަލްގައި ބައިވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ މާޗްމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 29 ދުވަހަށް ބަހާލައިގެންނެވެ.

މާލެ ސިޓީގައި ކުރިއަށްދާ ކްރިކެޓް ކާނިވަލްގެ މެޗްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެކުވެނީ ކުރިކެޓް ދަނޑުގައެވެ.